މިއަދު ދިވެހި ގައުމު އެދި ގޮވަމުން ދަނީ ޝަހީދު އާދަމް ހަލީމް ފަދަ ޒުވާނުންނަން ކަމަށް ހޯމް މިނިސްޓަރު މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ޤައުމީ އަދި ޤަނޫނީ ވާޖިބު އަދާކުރަމުން ދަނިކޮށް ޖުލައި 22 ވަނަދުވަހުގެރޭ ތޫނު އެއްޗަކުން ޙަމަލާދީ ރަޙުމުކުޑަ ގޮތަކަށް ޕޮލިސް ލާންސް ކޯޕްރަލު އާދަމު ހަލީމުގެ ހަނދާނުގައި ކ.ކާށިދޫގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޖަމީލް ވިދާޅުވީ އާދަމް ހަލީމް ދުނިޔެ ދޫކޮށް ދިޔައީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ފުލުހުންގެ ގާނޫނުގައި ފުލުހުންގެ މަސްއޫލިއްޔަތު ވަރަށް ރަނގަޅަށް ދެނިވަޑައިގެން ހުންނަވައިގެން ކަމަށެވެ.
އަދި އާދަމް ހަލީމް ދުނިޔެ ދޫކޮށް ދިޔައީ ދިވެހި ގައުމުގެ ސިޔާދަތާއި އިޖުތިމާއީ ރައްކާތެރި ކަމާއި ދިވެހިންނަށް އަމާން މާހައުލެއް ގާއިމުކޮށް ދިނުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރައްވަމުން ވަޑައިގަންނަވަނިކޮށް އެމަނިކުފާނު އެކަން ކުރެއްވީ ގައުމީ ޖޯޝާއި ހުއްބުލް ވަތަނާއި އިސްލާމް ދީން ލޯބި ކުރާ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ކަމަށެވެ.
"ޝައްކެއް ނެތް އާދަމް ހަލީމް އަކީ ވަރަށް ހިތްވަރުގަދަ ޒުވާނެއް، ކިޔަމަންތެރި ދަރިއެއް، ޒުވާން ބައްޕައެއް، އޯގާތެރި ފިރިއެއް، ހިތް ހެޔޮ ރަހްމަތްތެރިއެއް، މުރާލި ކަމުގެ ނަމޫނާއެއް، އޭނާއަކީ ވަރަށް ވަރުގަދަ އަޒުމެއްގެ ވެރިއެއް." ޖަމީލް ވިދާޅުވި އެވެ.
"އެއީ ގައުމު ފަޙްރުވެރިވާ ފަދަ ހިތްވަރުގަދަ ޒުވާނެއް، ވަރަށް ވަރުގަދަ ފަހުލަވާނެއް، ހިތްވަރާއި ކެރުމާއި ގައުމީ ލޯބި އޭނާގެ ލޭގެ ކޮންމެ ތިއްކެއްގައި ވަނީ ބިންވަޅު ނެގިފައިކަން އަޅުގަނޑުމެންނަށް އިނގޭ، އެއީ ދެވަނައެއް ނެތް އެފަދަ ޖެހިލުން ކުޑަ ގައުމީ ބަލޮތެއް، ތިމާގެ ނަފްސަށްވުރެން ބޮޑަށް ގައުމާއި ވަތަނަށްޓަކައި ގުރުބާންވާން ތައްޔާރަށް ހުރި ދަރިއެއް، މިއަދު ގައުމު އެދި ގޮވަމުން ދަނީ ޝަހީދު އާދަމް ހަލީމް ފަދަ ޒުވާނުންނަށް." ހޯމް މިނިސްޓަރ ޖަމީލް އިތުރަށް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ތިމާގެ ނަފްސުގެ އަގަށްވުރެން ބޮޑަށް ތިމާގެ ގައުމުގެ އަގު ބޮޑު ކަމަށް ދެކިގެން އެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ހަރަކާތްތެރިވާ ޒުވާނުން މިއަދު ގައުމަށް ބޭނުންވާ ކަމަށާއި މަދުން ނަމަވެސް ފެނިގެންދަނީ ތިމާއަށް މޮޅު ގޮތް ވާކަމުގައިވާ ނަމަ ގައުމީ ރޫހު ދޫކޮށްލަން ކަމަށެވެ. އަދި އަމިއްލަ ފައިދާއަށްޓަކައި ގައުމުގެ އަގު ވައްޓާލާ ބަޔަކު ވެސް ހަރަކާތްތެރިވަމުންދާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި މިއަދު އޮތީ ސިޔާސީ ފައިދާތަކަކަށް ނަމަވެސް ގައުމުގައި އޮންނަ އިސްލާމީ ވަހުދަތު ވެސް އެކިބާކުރަން މަސައްކަތްކުރާ ބަޔަކު ހަރަކާތްތެރިވާ މާހައުލެއް، އަޅުގަނޑުމެންގެ ތެރޭގައި މަދުން ނަމަވެސް މިފެނިގެން ދަނީ ތިމާމެންގެ އަމިއްލަ ފައިދާއަށްޓަކައި ގައުމުގެ އިގުތިސޯދު ވެސް ފުނޑު ފުނޑުކޮށްލާ ފަދަ ކަންތައްތަކެއް ކުރާ މާހައުލެއް." ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
ޖަމީލް އިތުރަށް ވިދާޅުވީ އާދަމް ހަލީމް ދެއްކި ނަމޫނާއިން މިއަދު ގައުމަށް އިބުރަތް ލިބިގެން ހިނގައްޖެ ކަމަށާއި ދިވެހި ގައުމުގައި އަދިވެސް އުއްމީދު އެބައޮތް ކަމަށެވެ. އަދި އަމިއްލަ ނަފްސަށްވުރެން ބޮޑަށް ގައުމު ދެކެ ލޯބިވާ އަމިއްލަ މަސްލަހަތަށްވުރެން ދިވެހި ރާއްޖޭގެ އިޖުތިމާއީ މަސްލަހަތާއި އިސްލާމް ދީން ކުރިއަށް ނެރޭނެ ޒުވާނުން އަދިވެސް ރައްޖޭގައި ތިބިކަން އާދަމް ހަލީމް ދެއްކި ނަމޫނާއިން އިނގިގެން ގޮސްފައިވާ ކަމަށެވެ.
އާދަމް ހަލީމް ފަދަ ދަރިން ތިބި ނަމަ ފެބްރުއަރީ 8 ގައި އައްޑޫގައި ތިނަދޫ ގައި ހިންގި ހުޅުޖެހުމުގެ ހާދިސާތައް ނުހިނގާނެ ކަމަށް ވެސް ޖަމީލް މިއަދު ވިދާޅުވި އެވެ.
މިއަދު ދިވެހި ގައުމު އެދި ގޮވަމުން ދަނީ ޝަހީދު އާދަމް ހަލީމް ފަދަ ޒުވާނުންނަން - ޖަމީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ