ސުޕްރީމް ކޯޓު ރިސެސްއަށް ދިއުން ފަސްކުރުމަށް ނިންމައިފި

ސުޕްރީމް ކޯޓުގެ ރިސެސް މިއަދު ފެށޭ ގޮތަށް އޮތް ނަމަވެސް ރިސެސް ފެށުން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމަ އަށް ފަސްކޮށްފައިވާ ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.
ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެހެންގޮތަކަށް ކަނޑަނާޅާހާހިނދާކު، ކޮންމެ އަހަރަކުވެސް ސުޕްރީމް ކޯޓުގެ އަހަރީ ދައުރު ފެށޭނީ އެ އަހަރެއްގެ ޖަނަވަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހުއެވެ. އަދި މެދު ކެނޑުމެއް ނެތި ހިނގުމަށްފަހު އެ އަހަރުގެ ދައުރު ނިމޭނީ ނޮވެމްބަރ މަހުގެ ފަހު ހަފްތާގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުއެވެ.
އެ ދުވަހުން ފެށިގެން ވިދިގެން އަންނަ އަހަރުގެ ޖަނަވަނީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައެވެ.
ސުޕްރީމް ކޯޓުން ބުނީ ރިސެސް އަށް ދިއުން ޑިސެމްބަރު 10 އާ ހަމަ އަށް ފަސްކުރުމުން، ސުޕްރީމް ކޯޓުގެ އާންމު މަސައްކަތްތައް އެ ދުވަހާ ހަމަ އަށް ކުރިއަށް ދާނެ ކަމަށެވެ. އަދި މަސައްކަތް ފަށާނީ، އެހެން ގޮތަކަށް ކަނޑާނާޅާހާ ހިނދަކު ޖެނުއަރީ ،1 2013 ގަ އެވެ.
ކްރިމިނަލް ކޯޓުން މިހާރު ވަނީ އަންނަ މަހުގެ 1- 15 އަށް ރިސެސް އަށް ދިއުމަށް ނިންމައިފަ އެވެ.
ރިސެސްގެ މުއްދަތުގެ ތެރޭގައި އާންމު ގޮތެއްގައި އެ ކޯޓެއްގެ ހުރިހާ ޝަރީއަތްތަކެއް މެދުކަނޑާލާނެ އެވެ. ނަމަވެސް ކޯޓުގެ އިދާރީ މަސައްކަތްތަކާއި ހައްޔަރުކުރާއި މީހުންނަށް މުއްދަތު ޖެހުން ކޯޓުގައި ކުރިއަށް ގެންދެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ