ތިލަފުށީގެ ދުންގަނޑު މި އަހަރު މައިތިރިކޮށްލެވޭނެ: މިނިސްޓަރު

ތިލަފުށީގެ ކުނިގޮނޑުން ދުން އެރުމުގެ މައްސަލަ މި އަހަރުގެ ނިޔަލަށް ހައްލުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ. ތިލަފުށީގައި މެހި އާލާވެ، ދުން އެރުމުގެ މައްސަލަ ހައްލު ނުވާ މައްސަލައިގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރާ ސުވާލުކުރައްވައިފަ އެވެ. މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ތިލަފުށީގައި މެހި އާލާވެ ދުން އެރުން ހައްލު ނުވެގެން އުޅޭ އެންމެ ބޮޑު ސަބަބަކީ، އެކަން ހައްލުކުރަން ކުރަންޖެހޭ މަސައްކަތަކީ ނިސްބަތުން ބޮޑު، އަދި ހަރަދު ވެސް ބޮޑު މަސައްކަތަކަށް ވުމާއެކު، އެ މައްސަލަ ހައްލުކުރަން ކުރިން ރާވައިގެން އިންވެސްޓްމަންޓުތަކެއް ކޮށްފައި ނެތުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ތިލަފުށި ކުނިގޮނޑަކީ މިހާރު އަމިއްލަ ޒާތުގައި ވެސް ހުޅު ރޯވެ، އަނދަމުންދާ ތަނަކަށް ވާތީ އެކަމަށް ހާއްސަ މެޝިނަރީ ނެތި، އެތަނުގެ އަލިފާން މިހާރު ނިއްވާ ނުލެވޭނެ ކަމަށެވެ. "އެއީ ނުރައްކާތެރި އެކަމުގެ ބޮޑެތި ރިސްކް ވެސް ހިމެނޭ ކަމެއް. މިތަނަކީ ބަޔޯޑީގްރޭޑަބަލް ކުނި ޖަމާކުރަމުންދާ ތަނެއް. އެހެންކަމުން މިފަދަ ތަކެތި ކުނިވެ ފަނާވެ ދިއުމުގައި އުފެދޭ ފުޅައިގެ ސަބަބުން މެހި އާލާވޭ. އަދި އަށަގަންނަ ބެކްޓީރިއާގެ ސަބަބުން ކުނިގޮނޑުގެ އެކި ހިސާބުތަކުގައި މީތޭން ގޭސް އުފެދޭ. އޭގެ ސަބަބުން އަލިފާން ރޯވަމުން ދާކަން ވަނީ ފާހަގަކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި އެތަނަށް ސީދާ ފެން އަޅައިގެން އަލިފާން ނިއްވަން އުޅުމަކީ އޭގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމެއް ކަމުގައި މާހިރުން ވިދާޅުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ތިލަފުށީގެ ގޮނޑުގައި މެހި އާލާވުން ހުއްޓުވުމާއި ދުން އެރުން ހުއްޓުވުމަށް 2020 ވަނަ އަހަރު މިނިސްޓްރީން ޕްލޭންކުރި ނަމަވެސް އެކަން ކުރެވިފައި ނުވަނީ ކޮވިޑް19 ޕެންޑެމިކްގެ ސަބަބުން ދުނިޔޭގެ ގައުމުތައް ބަންދުކޮށް، މަސައްކަތަށް ކަނޑައެޅި މެޝިނަރީތައް ރާއްޖެ ނުގެނެވުމުން ކަމަށެވެ. އެހެން ނަމަވެސް މިހާރު އޭގެ ތެރެއިން ގިނަ މެޝިނަރީ ރާއްޖެ ގެނެވިފައިވާ ކަމަށާއި ބާކީ ހުރި މެޝިނަރީ މިއަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖެ ގެނެވޭނެ ކަމަށް ކޮންޓްރެކްޓަރުން ބުނެފައިވާ ކަމަށެވެ. :ހުރިހާ މެޝިނަރީއެއް ރާއްޖެ ގެނެވި މަސައްކަތް ފަށާ، ތިލަފުށީގެ ގޮނޑުން ދުން އެރުން މި އަހަރުގެ ނިޔާލަށް ހުއްޓުވޭނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ތިލަފުށީގައި ކޮންސްޓްރަކްޝަން އެންޑް ޑިމޮލިޝިން ވޭސްޓް ޕްރޮސެސް ކުރާނެ ޕްލާންޓެއް ގާއިމުކުރަން ބޭނުންވާ މެޝިނަރީ ގެނައަށް ބައިނަލްއަގުވާމީ ބީލަމަކަށް ހުޅުވާލާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ