ޑީއެންއޭގެ އިފްތިތާހީ ޖަލްސާ މިރޭ ބާއްވަނީ

ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރު އިސްވެ ހުންނަވާ އުފައްދަވާ ސިޔާސީ ހަރަކާތްކަމަށްވާ ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)ގެ އިފްތިތާހީ ޖަލްސާ މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9 ޖަހާއިރުގައެވެ. މި ޖަލްސާ ސަންގުޓީވީން ދުރަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ޑީއެންއޭގެ ފޭސްބުކް، ޓްވިޓަރ އަދި އިންސްޓަގްރާމް ޕޭޖްތަކުންވެސް މި ޖަލްސާ ފެނިގެންދާނެކަމަށް ވަނީ ބުނެފައެވެ.
ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަރަކާތުގައި ޢުމަރުގެ އިތުރުންވެސް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކާއި ވިޔަފާރިވެރިންވެސް ބައިވެރިވާނެއެވެ. އެގޮތުން ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން، އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ)، ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް އަދި ހެޕީމާކެޓް ކުންފުނީގެ ސީއީއޯ ކެޕްޓަން (ރިޓަޔަޑް) ޢަލީ އިޙުސާން ހިމެނިވަޑައިގަންނަވާކަމަށް ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ ޢުމަރު އިސްކޮށް ހުންނަވައިގެން އުފައްދަވާ ދެވަނަ ސިޔާސީ ހަރަކާތެވެ. މީގެކުރިން އެބޭފުޅާ ވަނީ އިސްލާމިކް ޑިމޮކްރަޓިކް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައި، އެ ޕާޓީގެ ޓިކެޓްގައި 2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ