ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގިނަ ރަށްތަކަށް އުދަ އަރައިފިއެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިޔަށް އޮތް 4 ދުވަހު ރާއްޖޭގެ ގިނަ ސަރަހަށްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެފައި ވާއިރު، ވިއްސާރައިގެ ސަބަބުން ގިނަ ރަށްތަކަށް ވަނީ އުދައިގެ އަސަރު ކޮށްފައެވެ.
މިކަމާއި ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ އުދައިގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެރަށްތަކުގައި ހަރަކާތްތެރިވާން ފަށާފައެވެ.
މޫސުން ގޯސްވުމާއި ގުޅިގެން ސ. މީދޫގެ ބައެއް ސަރަހައްދުތަކަށް އުދައަރާފައި ވާއިރު، އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ސިފައިން ވަނީ އުދައެރި ސަރަހައްދުތަކުގައި ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް ކޮށްފައެވެ.
އަދި ދ. މާއެނބޫދޫއަށް އުދަ އަރައި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން، އެރަށުގެ ބައެއް ސަރަހައްދުތަކުގައި ޕަމްޕު ބޭނުންކޮށްގެން ފެންހިއްކުމުގެ މަސައްކަތް ސިފައިން ކުރަމުން އެބަގެންދެއެވެ.
ވިއްސާރައިގެ ސަބަބުން ވައިގަދަވެ، ހދ. ކުޅުދުއްފުށީ ގެއެއްގެ ފުރާޅު އެއްލާލައިގެން ސިފައިންނާއި، ރަށު ކައުންސިލުން ހަރަކާތްތެރިވަމުން އެބަދެއެވެ.
ވިއްސާރައިގެ ސަބަބުން އިއްޔެވެސް ބައެއް ރަށްތަކަށް އުދައަރައި، އަދި ވާރޭ ވެހި ފެންބޮޑުވުމާއި، ވިއްސާރައިގެ ސަބަބުން ގެއްލުންތައް ލިބުމުގެ ހާދިސާތައް ހިނގާފައި ވެއެވެ.
ހއ. އުލިގަމަށް އިއްޔެ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންނާއި، ރަށު ކައުންސިލް ގުޅިގެން ކޮށްފައި ވެއެވެ.
ޅ. ނައިފަރަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ސިފައިން އެމަގުތަކުން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައި ވެއެވެ.
މިއަދުވެސް، ނައިފަރު ގެއެއްގެ ފުރާޅު ވަޔާ އެއްލާލައިގެން ނޮދަން އޭރިއާގެ ސިފައިންނާއި، ފުލުހުންނާއި، ރަށު ކައުންސިލާއި ރައްޔިތުން ވެގެން އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.
ކ. ދިއްފުށްޓަށް އުދައެރުމާއި ގުޅިގެން ދިއްފުށި ކައުންސިލްގެ އެދުމުގެމަތިން އެމްއެންޑީއެފް މާލެ އޭރިޔާގެ ސިފައިން އެރަށަށް 2000 ގޯނި ފޮނުވައިދީފައި ވެއެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މޫސުން ގޯސްވެ ކަނޑު ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު، ވިއްސާރައިގެ ސަބަބުން ގިނަ ރަށްތަކަށް ދަނީ ގެއްލުން ލިބެމުންނެވެ.
މޫސުން ގޯސްވެ ރަށްތަކުގައި ފެންބޮޑުވެ، އުދައެރުމުގެ ހާދިސާތައް ހިނގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ