ވަކިވެގެން ދިޔައީ ފިލްމީ ދާއިރާގެ ބައްޕަ

ގިނަ ފިލްމަތަކާއި ޑްރާމާތައް ކުޅުނު މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ކޮވިޑް ބަލީގައި އިއްޔެ ވަނީ ވަކިވެ ގޮސްފަ އެވެ. މޮޅު އެކްޓަރެއްގެ ގޮތުގައި ފާހަގަ ކުރެވުނު ހަސަންގެ ހަޔާތަކީ ޝައުގުވެރި އެތައް ވާހަކަތަކަކުން ފުރިފައިވި ހަޔާތެވެ. އުމުރުން 67 އަހަރުގައި ހަސަން ވަކިވެގެން ދިޔައީ ހަޔާތުގައި ދިމާވި އުނދަގޫ އަދި ހިތްދަތި އެތައް ދުވަހަކަށް ފަހު އޭނާގެ ކުދިންނާއި ކާފަ ކުދިންނަށް އުފާވެރި ހަޔާތެއް ހޯދައި ދޭން ގިނަ މަސައްކަތްތަކެއް ކޮށްދީފައެވެ.
ހަސަނިކުގެ ހަޔާތާއި ގުޅޭގޮތުން އޭނާ ވަނީ ފިލްމެއްވެސް އުފައްދާފައެވެ. "އެ ބައްޕަ" ނަމުގައި އުފެއްދި ފިލްމުގައި ހަސަނިކުގެ ހަޔާތުގައި ދިމާވި އެންމެ ހިތްދަތި ދުވަސްތައް ދައްކުވައިދިނެވެ. ހަޔާތުގެ އެކި ވާހަކަތައް ހިއްސާކޮށް އޭނާ ވަނީ މީގެ ދެތިން އަހަރު ކުރިން ވަރަށް ހާއްސަ އިންޓަވިއެއް ވެސް ދީފައެވެ. ވީޓީވީގެ "ހަމީދުގެ މެހެމާންސަރާ" އަށް ހަސަނިކު ދިން އިންޓަވިއުގައި އޭނާ ވަނީ ދިރިއުޅުމުގެ އެކި ވާހަކަތައް ހިއްސާކޮށްފަ އެވެ. އެއީ އޭނާގެ ހަޔާތާއި ގުޅޭގޮތުން ދިން އެންމެ ތަފްސީލް އަދި އެންމެ ފަހުގެ އިންޓަވިއުއެވެ.
ހަސަން މަނިކުގެ ހަޔާތާ ގުޅޭގޮތުން އޭނާ ދިން އެންމެ ފަހުގެ އިންޓަވިއު: މި އިންޓަވިއުގައި ވަރަށް ތަފްސީލްކޮށް ދިރިއުޅުމުގެ ވާހަކަތައް ހިއްސާކުރި
ޅަައިރުގެ އެކަނިވެރި ދިރިއުޅުން
ހަސަނިކުގެ ޅަފުރައިގެ ދުވަސްތަކަކީ ވަރަށް އެކަނިވެރި ދުވަސްތަކެކެވެ. އޭނާ ބުނާ ގޮތުގައި ހަނދާން ހުންނަން ފެށީއްސުރެ މަންމައާ ބައްޕަގެ ކައިވެނި ވަނީ ރޫޅިފަ އެވެ. އެހެން ކަމުން ދިރިއުޅެމުން ދިޔައީ ހެންވޭރުގައި ހުންނަ ބައްޕަގެ ގޭގައި އެކަންޏެވެ. އެއީ ކިތަންމެ ބޮޑު ގެއެއް ނަމަވެސް ދިިރިއުޅުން ވަރަށް ނިކަމެއްޗެވެ. ފަގީރެވެ. ދިރިއުޅުން އޮތީ ވަރަށް އާދައިގެ ގޮތަކަށް ހަދާފައިވާ އެއްބައި ރާނާފައިވާ އަދި އަނެއްބައި ފަނުން ހުރި ގެއެއްގައެވެ. ކެއުން އޮންނަނީ މަންމަގެ ގެއިންނެވެ.
"ބައްޕަގެ ހުރިހާވެސް އުންމީދަކީ އަޅުގަނޑު. ބައްޕަވެސް މަންމަވެސް އަޅުގަނޑަށް ވަރަށް ހެޔޮ. ނަމަވެސް ވަކިން އެހެން އުޅެން ޖެހުމުން ވަރަށް ބޮޑަށް އެކަނިވެރިކަން އިހުސާސްވި. ޅައިރުގެ ހަގީގީ އުފާތަކުން ވަރަށް ބޮޑަށް އުނިވެފައިވާ ކަމުގެ އިހުސާސް ކުރެވުނު،"
ހަސަނިކުގެ އުމުރުން 13 އަހަރުގައި އޭނާގެ ބައްޕަ ވަރަށް ބޮޑަށް ބަލިވެ ގައިގައި ފިތްތަކެއް ނެގިއެވެ. ޑޮކްޓަރަށް ދެއްކުމުން ޖުޒާމްބަލި ޖެހިފައިވާ ކަމަށް ބުނެ ބިޔާދޫގައި އެކަހެރި ކުރިއެވެ.
"ޑޮކްޓަރު ވަގުތުން ބަލާފައި ބުނެފި މިއީ ޖުޒާމް ބައްޔޭ. ގެއަށް ވަދެލަން ވެސް ބައްޕައަށް އިތުރު ފުރުސަތެއް ނުލިބުނު. ވަގުތުން އެ ރަށަށް [ބިޔާދޫ] އަށް ގެންދިޔައީ. އެއީ ވަރަށް ދެރަވި ވަގުތެއް. ބައްޕަ ފެނުނު އެންމެ ފަހު ވަގުތު އެއީ،" ހަސަނިކު ބުންޏެވެ.
ހަސަން މަނިކު އޭނާގެ ބައްޕައާއެކު ދިރިއުޅުނު ގެ: 14 އަހަރުގައި ބައްޕަ ނިޔާވި --
އެހިސާބުން އޭނާގެ ދިރިއުޅުން މުޅީން އެކަނިވީ އެވެ. ބައްޕަ ފެންނާނެ ކަމުގެ އުންމީދުގައި ހުއްޓާ ދެތިން މަސް ދުވަސް ފަހުން އިވުނީ ބައްޕަގެ މަރުގެ ހަބަރެވެ.
"އޭރު އެކަންކަމާއި ހަވާލުވެ ހުންނަވާނީ އިމާދުއްދީން. އެ ބޭފުޅާ އެއް ދުވަހަކު ބައްޕަ އަރިހުގައި އައްސަވަނީ ކޮންކަމެއްހޭ ދެން އެންމެ ބޭނުންވަނީ. ބައްޕަ ދެންނެވި، އަޅުގަނޑުގެ ހުންނާނޭ ހަސަން މަނިކު ކިޔާ ކުއްޖެއް. އެންމެ ފަހަރަކު ނަމަވެސް އޭނާ ދެކިލަން ބޭނުމޭ،"
ހަސަނިކަށް ބައްޕަގެ އެ މެސެޖް ލިބުނުތާ ތިން ދުވަސްތެރޭ ބައްޕަ މަރުވެއްޖެ އެވެ.
ހަސަން މަނިކު ޒުވާން ދުވަސްވަރު ހެންވޭރުގެ ބައެއް މީހުންނާއެކު: އޭނާއަކީ ނަމޫނާ ޝަހުސިއްޔަތެއް
ދިރިއުޅުމުގައި ބޮޑެތި ގޮންޖެހުންތަކެއް
ހަސަނިކު ވަނީ ޖުމްލަ ހަތަރު ކައިވެންޏެއް ކޮށްފައެވެ. އެކަމަކު ކޮންމެވެސް ސަބަބަކާއި ގުޅިގެން ކޮންމެ ފަހަރަކުވެސް ކައިވެނި ރޫޅެނީ އެވެ. ފުރަތަމަަ ކައިވެންޏަށް ހަތް އަހަރެވެ. ދެވަނަ ކައިވެންޏަށް 10 އަހަރު އަދި ތިންވަނަަ ކައިވެންޏަށް ނުވަ އަހަރާއި ހަ މަހެވެ. ފަހު ކައިވެންޏަށްވީ އެންމެ ހަތް މަހެވެ.
ފުރަތަމަ ކައިވެނީގައި ވަރަށް ހިތި ތަޖުރިބާއެއް ކުރަން ޖެހުނެވެ. އެއީ ދުވަހަކު ވެސް އޭނާގެ ހަޔާތަށް އަންނާނެ ކަމަށް އޭނާ ހީކުރި ފަދަ ކަމެއް ނޫނެވެ. ހަޔާތުގެ ބައެއް ވާހަކަތައް ހިމަނައި އޭނާ ހެދި "އެ ބައްޕަ" ފިލްމުގެ ކުރީބައިގައި ދައްކައިދެނީ އަމިއްލަ ދިރިއުޅުމުގެ ހިތްދަތި ވާހަކަތަކެވެ. އޭނާ ވަނީ އެއްވެސް މީހެއްގެ އެހީއެއް ނެތި ކުޑަ ތިން ދަރިން އެތައް ދުވަހެއް ވަންދެން ބަލާފަ އެވެ.
ހަސަން މަނިިކު: 18 ފީޗާ ފިލްމެއްގައި މަސައްކަތް ކޮށްފައިވޭ
"ފިލްމުގައި އެ އޮތީ ކަން ހިނގައިދިޔަ ގޮތް. އެ ކުދިންނާއެކު ވަރަށް ދަތި ހާލުގައި އުޅެން ޖެހުނު ދުވަސްތަކެއް އެއީ،" ވަރަށް ތަފްސީލްކޮށް އެ ވާހަކަތައް ހަސަން ވަނީ "މެހުމާން ސަރާ" ގައި ހިއްސާ ކޮށްފަ އެވެ.
ހަސަނިކުގެ ފުރަތަމަ ވަޒީފާއަކީ ބޭރު ދަތުރުކުރަން ދިއުމެވެ. ނަަމަވެސް އެ ފަހަރުވެސް ބޮޑު ތުހުމަތެއްކޮށް ގޭގައި ބަންދުކުރި އެވެ. އެއް އަހަރާ ހަ މަސް ދުވަހު އެ ބަންދުގައި ހުންނަން ޖެހުނެވެ.
ހަސަނިކު ދަތުރުކުރަން އުޅުނު ދުވަސްވަރު: ތުހުމަތުތަކެއް ކޮށް އަހަރު ދުވަހަށް ގޭގައި ބަންދުކުރި
ފިލްމީ މަސައްކަތުގެ ފެށުން
ހަސަނިކަކީ ވަރަށް ފަންނީ މީހެކެވެ. ކުޅިވަރަށް ބޮޑު ލޯތްބެއް އޮތް ނިއުރޭޑިއަންޓްގެ އެންމެ ބޮޮޑު ސަޕޯޓަރެވެ. އެ ކުލަބުގެ އެންމެ ލޯޔަލް ސަޕޯޓަރެވެ. އަދި އަތުލިޔުމުގައި ވެސް ވަރަށް ކުޅަދާނަ އެވެ.
އެކްޓިންގެ ތެރެއަށް ހަސަނިކު ނެރެދިން ބޭފުޅަކީ ހައިވަކަރު ނަޖްމާއެވެ.
"ނަޖުމާ އެއް ދުވަހަކު ފެނިގެން ބުނީ އެބައޮތޭ ޕްރޮގްރާމެއް، ކެރޭނެހޭ އަންނާށޭ 'ހަކުރާ ފެއާ' އަށް. ދެން ދިޔައިރު އެތާ ތިބި އަލީ މޫސާ އާއި ކަނީރު އަބްދުއްރަހީމް އާއި ޝާހިދު ވެސް،" ހަކުރާ ފެއާގައި އޮންނަ "ހަމަމިހާރު" ޕްރޮގްރާމްތަކުގައި މަޖާ ޑައިލޮގްތައް ކިޔައިގެން ވަނަ ހޯދި ހަނދާންތައް އާކޮށް ހަސަނިކު ބުންޏެވެ.
ހަސަން މަނިކު: ފިލްމީ ދާއިރާއިން ފެނުނު އެންމެ ހުނަރުވެރި އެކެއް --
އޭގެ ފަހުން އޭރު ޓީވީއެމުން ގެނެސްދިން މަޝްހޫރު ކޮމެޑީ ޝޯ "ބަ ހަބަރު" އިން ފުރުސަތު ލިބުނެވެ. އެއީ ސަމަރުބްލޫ އިބްރާހިމް މަނިކު ފަހިކޮށްދެއްވި ފުރުސަތެކެވެ. އޭނާގެ ފުރަތަމަ ފިލްމަކީ ސޮޑާ މޮހޮދޭގެ "ލޯބިވެވިދާނެ" އެވެ. އެ ފިލްމު އަދި ބަހަބަރުން ހަސަނިކަށް ބޮޑު މަގުބޫލު ކަމެއް ލިބި ބެލުންތެރިންގެ ބޮޑު ލޯތްބެއް ލިބުނެވެ.
"ލޯބިވެވިދާނެ" މިއީ ވަރަށް ހާއްސަ ފިލްމަކަށް ވެސް ވިއެވެ. މިއީ ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭދަތު އަދި އޭނާގެ ޅިޔަނު ބަންޓީ ވެސް ފެނިގެންދާ ފިލްމެކެވެ. ހަސަނިކުގެ އެންމެ އެކުވެރި ރީކޯ މޫސައާއެކު އެކްޓްކުރި މި ފިލްމު ނަގަން އެނބޫދޫފިނޮޅަށް ދިޔައިރު ސަންޖޭ އާއި އާއިލާވެސް ތިބީ އެ ތަނުގައި ޗުއްޓީ ހޭދަކުރާށެވެ. ފިލްމުގައި ސަންޖޭ ފެންނަން ދިމާވީ އެހެން ވެގެނެވެ.
އިތުރު ފިލްމެއް ހަދަން އުންމީދުކުރި
ފިލްމީ މަސައްކަތާ މުޅީން ދުރަށްދާން ހަސަނިކު ހުރީ ވިސްނައިގެންނެވެ. އަދު 2016 ވަަނަ އަހަރުން ފެށިގެން އޭނާ ހުރީ އެ އުންމީދުގައެވެ. އެހާތަނަށް 18 ފީޗާ ފިލްމާއި ގިނަ ޑްރާމާތަކެއްގައި އޭނާ މަސައްކަތް ކޮށްފައިވެއެވެ.
އެކި ޓީވީ ސްޓޭޝަންތަކުން އުފެއްދި ހެއްވާ މަޖާ ޓޯކް ޝޯތަކުގައި ވަރަށް ގިނައިން ބައިވެރިވެފައިވެއެވެ.
"އެ ބައްޕަ" އަށް ފަހު އޭނާ ބޭނުންވީ ދެވަނަ ފީޗާ ފިލްމެއްގެ މަސައްކަތް ކުރާށެވެ. ބިރުވެރި ވާހަކައެއް ވެސް އޮތީ ލިޔެ ނިންމާފައެވެ. އަދި އެ ފިލްމު ސްކްރީން ކުރުމަށް ފަހު ދާއިރާ ދުރަށް ދިއުމަށް ހުރީ މުޅީން ނިންމައިގެނެވެ. ނަމަވެސް އެ މަސައްކަތް ނުކުރެވި އޮތީއެވެ.
މާލޭގައި އެއް ދުވަސްވަރެއްގައި ހިންގި އެންމެ މަޝްހޫރު ރެސްޓޯރަންޓް ހިންގި މީހަކީ ވެސް ހަސަނިކެވެ. އެއީ "ލަންޓަން" ރެންޓޯރަންޓެވެ. އެ ވިޔަފާރީގައި ވަރަށް އުހަށް ވެސް ދިޔައެވެ. ގިނަ ދުވަސްތަަކަކު އުޅުނެވެ. އަމިއްލަ ގޭގެ އެންމެ ކޮޓަރިއެއްގައި ފެށި މަަސައްކަތް ވަރަށް ބޮޑަށް ފުޅާކޮށް ގޭގެ ބޮޑު ބައެއްގައި ރެސްޓޯރަންޓް ހަދައިގެން ހިންގިއެވެ. އަލުން އެ މަސައްކަތުގެ ތެރެއަށް ނިކުމެ ރަނގަޅު ވިޔަފާރިއެއް ފެށުމަކީވެސް ކުރި އުންމީދެކެވެ.
ހަސަން މަނިކު އޭނާގެ ދެ ދައްތައާއެކު: އޭނާގެ ހަޔާތުގައި އެ ދެ ދައްތަ ވަރަށް ހާއްސަ
އެންމެ ބޮޑު އުފަލަކީ ދަރިން
ހަސަނިކު ބުނާ ގޮތުގައި ހަޔާތުގައި އެހާ އުފާވި ދުވަހެއް ނެތެވެ. އަލަށް ކުއްޖަކު ލިބުނު ދުވަހަކީ ކިތަންމެ އުފާވެރި ދުވަހަކަށް ވީނަމަވެސް އޭގެ ފަހުން އައި ހިތާމަވެރި ދުވަސްތަކުން ހުރިހާ އުފަލެއް ގެއްލުނު ފަދައެވެ. އޭނާގެ މުޅި ހަޔާތުގައި ވެސް އެންމެ ދެރަވީ ދަރިއަކު މަރުވި ދުވަހު އެވެ. އެއީ ހަސަންގެ ދެވަނަ ކައިވެންޏަށް ލިބުނު ލޭ އަޅާ ކުއްޖެކެވެ.
"އެދަރިފުޅު ތިން އަހަރު ގެންގުޅުނިން. ދަރިފުޅު ނިޔާވި ދުވަސް އެއީ އެންމެ ދެރަވި ދުވަސް،"
ނަމަވެސް ދުނިޔޭގައި ތިބި ހަސަންގެ ކޮންމެ ކުއްޖަކާމެދު ވެސް އޭނާ ވަރަށް ފަހުރުވެރި ވެއެވެ. އޭނާގެ ހުރިހާވެސް އުފަލަކީ އެ ކުދިންނާއި ކާފަ ކުދިންނެވެ.
"އެ ކުދިން [ދަރިން] ހިތުގައި ވަރަށް ބޮޑު ލޯތްބެއް އޮވޭ އަބަދު ވެސް އަޅުގަނޑަށް،"
ހަސަން މަނިކު އޭނާގެ އަންހެން ދަރިފުޅާއި ފަސް ފިރިހެން ކުދިންނާއެކު
"އަޅުގަނޑު އަބަދުވެސް ހަނދާން ކުރިން އަޅުގަނޑުގެ އެ ނިކަމެތި ހާލުގައި އުޅުނު ދުވަސްތައް. އެ ހަނދާންތަކާއެކު ކުދިންނަށްޓަކައި ދިރިއުޅުން އާބާދުކުރީ. މިއަދު އިރާދަކުރެއްވިއްޔާ ގެ ވެސް މި ހުރީ ހެދިފައި. ކުދިންނަށް އުޅެވޭނެ ގޮތް މި ހުރީ ވެފައި. އަޅުގަނޑުގެ ދިރިއުޅުން އަޅުގަނޑަށް ކޮޅަށްޖެހިއްޖެ،"
ވަކިވެދިޔައީ ފިލްމީ ތަރިންގެ ބައްޕަ
ހަސަނިކުގެ ކުއްލި ވަކިވުމާއެކު ފިލްމީ ދާއިރާއަށްވެސް ވަނީ ފުން ހިތާމައެއް ގެނުވައިއެވެ. މި ފަހުން ފިލްމީ މަސައްކަތާއި ކިތަންމެ ދުރުގައި ހުރި ނަމަަވެސް ހަސަނިކުގެ ވަކިވެދިއުމާއެކު ދާއިރާގެ ކޮންމެ ފަންނާނަކަށް ބުނެވުނީ "ބައްޕަ" ވަކިވެއްޖެ ކަމަށް ބުނެފަ އެވެ.
ހުރިހާ ތަރިންގެ ނަޒަރުގައި ވެސް އެއީ ދާއިރާގައި އެ މީހުންގެ ބައްޕައެވެ.
"އެއީ އަޅުގަނޑަށް ބައްޕައެއް ފަދަ. އަޅުގަނޑުމީ 'އެބައްޕަ' ޑައިރެކްޓްކުރި މީހާ. ހަސަން ބައްޕަގެ ކުއްލި ވަކިވުމާއެކު މުޅީން ހުއްޓިއްޖެ،" އަސަރާއެކު ޔޫސުފް ޝަފީއު ބުންޏެވެ.
މިއީ ހުރިހާ ތަރިންގެވެސް ވާހަކައެކެވެ. މުޅި ސޯޝަލް މީޑިއާގައި ހަސަނިކަށް ހެޔޮ ދުއާއެވެ. ގެއްލިގެން އެ ދިޔައީ ވަރުގަދަ ހަރުދަނާ ޝަހުސިއްޔަތެކެވެ. ކުޅިވަރުގެ ޑައިހާޑް ފޭނެކެވެ. ނަމޫނާ ބައްޕައެކެވެ. މޮޅު އެކްޓަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ