ދަރުބާރުގެއިން 6 މީހަކު ޕޮޒިޓިވް ވެ، 29 މީހަކު ކަރަންޓީން ކޮށްފި

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު ހިންގަމުން އަންނަ ދަރުބާރުގެއިން ހަ މީހަކު ޕޮޒިޓިވް ވެ 29 ފަރާތެއް ކަރަންޓީން ކޮށްފިއެވެ.
މިކަން ކަށަވަރުކޮށްދީފައި ވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެޗްއީއޯސީން ބުނީ، ކޮވިޑް ބަލިމަޑުކަން ފެތުރި ކޮމިއުނިޓީ ސްޕްރެޑެއްގައި މަސައްކަތް ކުރާއިރު، މި މަސައްކަތުގައި އުޅޭ ފަރާތްތައް ވެސް ކޮވިޑަށް ހުށަހެޅޭ ކަމަށެވެ. އެ ގޮތުން ދަރުބާރުގެއިން ޕޮޒިޓިވްވި މީހުންގެ ކްލަސްޓާއާ ގުޅިގެން މިހާރު 29 މީހުން ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައިވާ ކަމަށާއި އެމީހުން ވަނީ ކަރަންޓީން ކޮށްފައި ކަމަށް އެޗްއީއޯސީން ބުނެއެވެ. އަދި ދަރުބާރު ގޭގައި ވަނީ ރައްކާތެރި ކުރުމުގެ ގޮތުން ފިޔަވަޅުތައް އަޅާފައި ކަމަށާއި އަދި އެކަންކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޗްއީއޯސީން ބުނެއެވެ.
މި އަހަރު ފެށުނު ފަހުން ކޭސްތައް އިތުރުވާން ފަށާފައިވާ އިރު އަދިވެސް ކޮވިޑް ކޭސްތައް 100 އިން ދަށަކަށް ނުދެއެވެ. މިއަދުވެސް 145 މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް އެޗްއީއޯސީން ވަނީ ރިޕޯޓްކޮށްފައެވެ. މިއަދު ޕޮޒިޓިވް ވި މީހުންނާ އެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު މި ވަނީ 18،612 އަށް އަރާފައެވެ.
މީގެ އިތުރުން މިއަދު ކޮވިޑަށް ޕޮޒިޓިވްވި ދެ މީހަކު މަރުވެފައި ވާއިރު މި ހިނގާ ފެބްރުއަރީ މަހު މި ބަލީގައި މަރުވި މީހުންގެ އަދަދު މި ވަނީ 9 އަށް އަރާފައެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި ޖުމްލަ މީހުންގެ އަދަދު ވަނީ 60 އަށް އަރާފައެވެ.
މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުމަށް ފަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 2084 އަށް އަރާފައެވެ. ފެބްރުއަރީ މަހުގައި މިހާތަނަށް ފެނުނު ޖުމްލަ ކޭސްގެ އަދަދު ވަނީ 2733 އަށް އަރާފައެވެ. އެ ގޮތުން މި ފެބްރުއަރީ މަހުގެ އެންމެ ގިނަ ކޭސް ފެނިފައި ވަނީ މި މަހުގެ 1 ވަނަ ދުވަހެވެ. އެއީ 215 ކޭސްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ