މެމްބަރު ހިސާންގެ ބިލް: ދީނީ އިލްމުވެރިންގެ ކަންބޮޑުވުން

މުސްލިމަކަށް ކާފަރެއްގެ ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، ޤާނޫނުލްޢުޤޫބާތަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށައެޅުމާއި ގުޅިގެން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އިއްޔެ މަޖިލީހަށް ހުށައެޅުއްވި ބިލުގައި ވަނީ، އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން ކުށަކަށް ހެދުމަށް ހުށަހަޅާފައެވެ. އަދި އާންމު ތަނެއްގައި މުސްލިމަކު ކާފަރުކުރުން ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމާއި، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްކަމަށް ތުހުމަތުކުރުން ވެސް ކުށަކަށް ހަދަން ވަނީ އިސްލާހު ހުށަހަޅާފައެވެ.
މިކަމާއި ގުޅިގެން ދީނީ އިލްމުވެރިން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެެވެ.
އެގޮތުން ދީނި އިލްމުވެރިޔާ ޑރ، މުހައްމަދު އިޔާޒް ވިދާޅުވީ، އިސްލާމް ދީނަށް ފުރައްސާރަކޮށް، ހަޖޫ ޖަހައި، ކުފުރުވުމަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިގެންވާ، އަދި ދިވެހިރާއްޖޭގެ ގާނޫނުގައި ކުށެއްކަމަށެވެ. މީހަކު ފާޅުގައި އެކުށް ކުރަމުން އަންނަ ނަމަ، އެވާހަކަ ފާޅުގައި ބުނަންޖެހޭކަމަށްވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.
ޑރ. އިޔާޒް އިތުރަށް ވިދާޅުވީ، ކޮންމެ ގޮތަކަށް ގާނޫނު ފާސްކުރި ނަމަވެސް، ލާދީނީ މީހަކު އެއީ ދީނީ މީހަކަށް ނުވާނެކަމަށެވެ. އެފަދަ މީހުންގެ ނުރައްކާތެރިކަން ހާމަކޮށް ފާޅުކުރަންވެސް ޖެހޭކަމަށެވެ.
ބިރު ދެއްކިޔަސް، ޖަލަށް ލިޔަސް، އަދި ހަވަރަށް ދިނަސް ހަގީގަތް ވާނީ ހަގީގަތަށްކަމަށާއި، ލާދީނީ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުންނަށް ވުރެވެސް 100 ގުނަ ނުރައްކާ ބަޔެއްކަމަށްވެސް ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އައްޝެއިޚް އަލީ ޒައިދް ވިދާޅުވީ، ގާނޫނަކީ ވަކި މީހެއްގެ ހިމާޔަތަށް ނުވަތަ ވަކި ބައެއްގެ ހިމާޔަތުގައި ފަހާލެވޭ ހެދުމަކަށް ވެގެން ނުވަނެކަމަށެވެ. ގާނޫނަކުން އިސްލާމް ދީނުގައިވާ، މުންކަރާތް އިންކާރުކުރުމުގެ ބޮޑު އަސާސަށް ހަނިކަން އަންނަގޮތަށް ގާނޫނު ފަރުމާކުރަން ހުއްދައެއް ނުވާނެކަމަށެވެ. މުންކަރާތްތައް އިންކާރުކުރުމަކީ ވާޖިބެއްކަން ޝެއިޚް ޒައިދް ފާހަގަކުރައްވާފައިވެއެވެ.
ސަރުކާރުން އުޅެނީ ހަރުކަށި ފިކުރު ހުއްޓުވާކަށް ނޫންކަމަށާއި، ސަރުކާރުން އުޅެނީ ޙާލަތުގެ ޏަޖާއިޒް ފައިދާ ނަގައި ލާދީނީ އަމަލްތަކާ ބަސްތަކަށް ޖާގަދީ، މިކަމަށް އިންކާރު ކުރާމީހުން ގޮޅިއަށް ފައްތަންކަމަށް ޝެއިޚް ޒައިދް ވިދާޅުވިއެވެ. އަދި ޤާނޫނަކުން އިސްލާމް ދީނުގެ އަސާސްތައް މުގުރައެއް ނުލެވޭނެކަމަށެވެ.
ޝެއިޚް ޒައިދް ވިދާޅުވީ، ވައްކަން ކުރުމާއި، މީހުން މެރުމާއި، ދީނަށް ފުރައްސާރަކުރުން ފަދަ ކަންކަމަކީ ޖަރީމާތައްކަމަށެވެ. ވަގުންނަށް ވަގުން، އަދި މީހުން މަރާ މީހުންނަން ގާތިލުން ކިޔާފަދައިން، އިސްލާމް ދީނުގެ ސާބިތު ހުކުމްތަކާއި ހިލާފަށް ވާހަކަދައްކާ މީހުންނަށް ކިޔާނި ލާދީނީކަމަށް ޝެއިޚް ޒައިދް ވިދާޅުވިއެވެ.
މުސްލިމަކަށް ކާފަރެއްގެ ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، ޤާނޫނުލްޢުޤޫބާތަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށައެޅުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށް ފާޑުކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ