މެހެމާނުންނާއެކު އިންޑިއާ ދެ މީހެއްގެ ކައިވެނި މަތިންދާބޯޓެއްގައި

ކައިވެންޏަކީ ކޮންމެ މީހެއްގެ ވެސް ހަޔާތުގެ އެންމެ ޚާއްސަ އެއް ދުވަހެވެ. އާއިލާގެ މީހުންނާއި ރައްޓެހިންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކަށް މި ޚާއްސަ މުނާސަބަތުގައި ބައިވެރިވާން ދައުވަތު ދޭން ގިނަ މީހުން ބޭނުންވެ އެވެ. ޚާއްސަކޮށް އިންޑިއާ ފަދަ ގައުމުތަކުގައި ކައިވެނީގެ ހަފުލާ ތަކަކީ ގިނަ އަދަދެއްގެ މެހެމާނުންނާއެކު އެތައް ދުވަހަކަށް ދެމިގެންދާ ގޮތަށް ބާއްވާ ކަމެކެވެ.
ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި ކައިވެނި ޕާޓީތަކަށް ވީހާވެސް މަދު މީހުންނަށް ދައުވަތު ދޭން ކަމާބެހޭ އިދާރާތަކުން ނެރެފައިވާ ގައިޑްލައިންތަކުގައި ކަނޑައަޅާފައި ވެއެވެ. އެހެންވެ މި ގައިޑްލައިންތަކާ ޚިލާފުނުވެ ގިނަ އަދަދެއްގެ މީހުން ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިކުރުމަށް އިންޑިއާގެ މަދުރާއީގެ ޒުވާން ދެމަފިރިއަކު ވަރަށް މޮޅު ވިސްނުމެއް ވިސްނި އެވެ. އެމީހުން ނިންމީ މަތިންދާބޯޓެއް ކުއްޔަށް ހިފައި އޭގެ ތެރޭގައި ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށެވެ.
އެގޮތުން ބެންގަލޯރުން މަދުރާއީ އަށް ދަތުރުކުރާ ސްޕައިސްޖެޓް މަތިންދާބޯޓެއް ކުއްޔަށް ހިފައި އޭގެ ތެރޭގައި ދެ މީހުންގެ ކައިވެނިގެ ކަންކަން ވަނީ ފުރިހަމަ ކޮށްފަ އެވެ. އެމީހުން ބޯޓަށް އެރީ ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިކުރަން ބޭނުންވާ އާއިލާގެ މީހުންނާއި މެހެމާނުންނާ ވެސް އެކުގަ އެވެ.
ކައިވެނީގެ ރަސްމިއްޔާތު ފެށުނީ ބެންގަލޫރު އެއާޕޯޓުން މަތިންދާބޯޓު ނައްޓާލުމާ އެކުގަ އެވެ. މަދުރާއީ އެއާޕޯޓުގައި ބޯޓު ޖެއްސިއިރު ކައިވެނީގެ ހުރިހާ ކަމެއް ވަނީ ނިމިފަ އެވެ.
މި ބޯޓުގައި އެ މީހުން ދައުވަތު ދީގެން ގެނެސްފައިވާ 161 މެހެމާނުން ތިއްބެވެ. އަދި މިމީހުން އެއްވެސް ވަރަކަށް ގައިދުރުކަމަށް ސަމާލުކަން ދީފައެއް ނުވެ އެވެ.
މި ކައިވެނީގެ ވީޑިއޯ މިހާރު ވަނީ ވައިރަލް ވެފަ އެވެ. މި ވީޑީއޯގައި ކައިވެނިކުރި ދެ މީހުން ކަމަށްވާ ރާކޭޝް އާއި ދަކްޝީނާ ކައިވެނީގެ ހެދުމުގައި ތިބި ތަން ފެނެ އެވެ. އަދި އެމީހުން ވަށައިގެން ހުރިހާ މެހެމާނުންތައް ބޯޓު ތެރޭގައި ތިއްބާ ފެނެ އެވެ.
ކައިވެނި ކުރަން މި ދެމަފިރިން ވިސްނި ގޮތް ތަފާތު ނަމަވެސް މި ވީޑިއޯ ޓުވިޓާގައި ވައިރަލްވުމުން ގިނަ ބަޔަކު ވަނީ މިކަމާ ހިތްހަމަނުޖެހިފަ އެވެ. އެ މީހުން ބުނަނީ ބޯޓެއް ތެރޭގައި ކަމަށް ވިޔަސް އަދި އެހެން ތަނެއްގައި ކަމަށް ވިޔަސް ގައިދުރުކަމެއް ނެތި މިހާ ގިނަ ބަޔަކު އެއްތަނެއްގައި ތިބުމަކީ ކޮވިޑް-19 ގައިޑްލައިން އާ ޚިލާފު ކަމެއް ކަމަށާއި މި މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
ކޮމެންޓުކުރި ބައެއް މީހުން ވަނީ މިމީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޓެމިލް ނާޑޫ ޗީފް މިނިސްޓަރަށް އިލްތިމާސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ