ރިސޯޓު ހަދަން އުފުލަންދޫގެ ބަދަލުގައި އެހެން ރަށެއް ދޭން މަޝްވަރާކުރަނީ

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ރ. އުފުލަންދޫގެ ބަދަލުގައި އެހެން ރަށެއް ދިނުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ރ. އަތޮޅަށް ވާދަކުރާ ކެންޑިޑޭޓުންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަޑުއްވަރީ ކައިރީގައި އޮތް ހަމައެކަނި ރަށަކީ އުފުލަންދޫ ކަމަށެވެ.
ރިސޯޓެއް ހަދަން ކުއްޔަށް ދީފައިވާތީ، އެ ފަރާތަށް އެހެން ރަށެއް ދީގެން ނަމަވެސް އުފުލަންދޫ ހުސްކުރަން މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އުފުލަންދޫ ތަރައްގީކުރަން ހަވާލުކޮށްފައިވަނީ ޑްރީމް އޯޝަން ހޮލިޑޭސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.
"ބަލާނަން ރަށަށް ހެދެން އޮތީ ކިހިނެއްތޯ. ކައިރީގައި އޮތް ހަމައެކަނި ރަށް، އުފުލަންދޫ މި ވަނީ ރިސޯޓެއް ހަދަން ކުއްޔަށް ދީފައި. އެކަމަކު މަޝްވަރާކުރަމުން އެބަ ދަން އެ ފަރާތާ. އެހެން ރަށެއް އެ މީހުންނަށް ދީފައި ނަމަވެސް އުފުލަންދޫ ހުސްކުރެވޭތޯ. އެ މަޝްވަރާ ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ކުރިއަށް އެބަ ގެންދަން. އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުވާނެ،" މަޑުއްވަރީއަށް ވާދަކުރާ ކެންޑިޑޭޓުންގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މަޑުއްވަރީ މީހުން ބޭނުންވަނީ އެ ރަށަށް ހަރުގެތަކާއި ފައިބަރު މަސައްކަތް ބަދަލުކުރާށެވެ. އެއާ ހިލާފަށް، އެ ދާއިރާގައި ދެން ހިމެނޭ މީދޫ މީހުން ބޭނުންވަނީ ދަތުރުދާނެ ރަށެއްގެ ގޮތުގައި އުފުލަންދޫ ބާއްވަން ކަމަށް ވިދާޅުވި އެވެ.
"އޭގައި ރަނގަޅު ގޮތެއް ހަދާނަން،" ރައީސް ވިދާޅުވި އެވެ.
ރ. އަތޮޅުގެ ގިނަ ފަޅު ރަށްތަކެއް ވަނީ ރިސޯޓު ތަރައްގީކުރަން ކުއްޔަށް ދީފަ އެވެ. އޭގެ ތެރެއިން، ބައެއް ރިސޯޓުތައް ހުޅުވާފައި ވެ އެވެ.
އެނގިފައިވާ ގޮތުގައި، އުފުލަންދޫގެ ބަދަލުގައި ޑްރީމް އޯޝަން ހޮލިޑޭސް އަށް އެހެން ރަށެއް ދިނުމުގެ މަޝްވަރާކުރަމުން އަންނަތާ ގާތްގަނޑަކަށް އަހަރެއް ވެއްޖެ އެވެ. އެ ކަމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރަކަށް އަލީ ވަހީދު ހުންނެވިއިރު މަޑުއްވަރީ ކައުންސިލަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ