ހިޔާފްލެޓްތަކުގެ ގުރުއަތުލުން 25 އެޕްރީލްގައި

ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން 25 އެޕްރީލްވާ އާދިއްތަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.
އެޗްޑީސީން ބުނީ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިންގާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކޮށްފައިވާ 6720 ފްލެޓް ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފްލެޓެއްކަން ކަނޑައެޅުމަށްޓަކައި ފްލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތުނަގައި އެފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ އެ ކޯޕަރޭޝަނާއި ހަވާލުކޮށްފައި ކަމަށެވެ.
ފްލެޓްތަކުގެ ގުރުއަތުލުން މެދުކެނޑުމަކަށްފަހު އަލުން ފަށާއިރު، ގުރުއަތުލުން ފުރަތަމަ ފަށާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހު ވަނީ އެޗް-10 ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ މިހުންގެ ކެޓަގަރީން ފްލެޓް ލިބުނު 188 ފަރާތަކުގެ މެދުގައި ގުރުއަތުލުން ބާއްވާފައެވެ.
25 އޭޕްރީލް ވާ އާދީއްތަ ދުވަހު ގުރުއަތުލުމަށް ކަނޑައަޅާފައިވާ ކެޓެގަރީތަކަކީ،- އެޗް-4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޙާއްޞަ ކެޓަގަރީ)- އެޗް-5 (ޓީޗަރުންނަށް ޙާއްޞަ ކެޓަގަރީ)- އެޗް-6 (އެކަނިވެރި މައިންނާއި މައިންބަފައިންނަށް ޙާއްޞަ ކެޓަގަރީ)- އެޗް-7 (18 އަހަރާއި 40 އަހަރާއި ދެމެދު ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޙާއްޞަ ކެޓަގަރީ)- އެޗް-8 (މާލޭ ރައްވެހިންނަށް ޙާއްޞަ ކެޓަގަރީ)- އެޗް-9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޙާއްޞަ ކެޓަގަރީ)- ސިވިލް ސަރވިސް މުވައްޒަފުންނަށް ޙާއްޞަ (ފަންނީ، އިދާރީ، ސަޕޯރޓްގެ ކެޓަގަރީ)
މި ކެޓަގަރީތަކުގެ އިތުރުން، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އަދި ގާކޮށީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ފައިސާ ނުދެއްކިގެން ހިޔާ މަޝްރޫޢުގެ ފުލެޓު ހިޔާރުކޮށްފައިވާ ފަރާތްތަކާއި، ގުޅިފަޅުން ފްލެޓް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ހިޔާ ފުލެޓް ހިޔާރުކޮށްފައިވާ ފަރާތްތަކުގެ ޤުރުއަތުލުންވެސް ކުރިއަށްދާނެކަމަށް އެޗް.ޑީ.ސީން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ