އިއްޔެގެ ވޯޓުން އެކަނި މާވަށުގެ ނަތީޖާ ނެރެން އުޅޭކަމަށް ބުނެ މައްސަލަ ހޫނުވެއްޖެ

އިއްޔެ ބޭއްވި ލ. މާވަށު ކައުންސިލްގެ ދެ ނަމްބަރު ވޯޓު ފޮށީގެ ވޯޓުގެ ނަތީޖާއަށް އެކަނި ބަލައިގެން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރި ފަރާތެއް ކަނޑައަޅަން އުޅޭ ކަމަށް ބުނެ މައްސަލަ ހޫނު ވެއްޖެ އެވެ. މާވަށު ކައުންސިލް ރައީސަކު ހޮވަން ދެވަނަ ފަހަރަށް ވޯޓުލުމަކަށް ދާން ޖެހުނީ މިދިޔަ މަހު 10ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގެ ވޯޓުގައި ދާއިރާއަށް ނިސްބަތްނުވާ މީހަކު މާވަށު ދެ ނަމްބަރު ފޮށްޓަށް ވޯޓުލުމުންނެވެ. އިއްޔެ އަލުން ވޯޓުލުން ކުރިއަށްގެންދިޔައީ ކައުންސިލްގެ ރައީސްގެ ގޮނޑިއަށާއި ކައުންސިންގެ މެމްބަރުގެ ގޮނޑީގެ އެވެ. އެއީ އެ ދެމަގާމަށް ލީ ފަރާތްތަކުގެ ވޯޓު އެއްވަރުވެފައިވާތީ އެވެ. ވޯޓު އެއްވަރުވީ، މާވަށު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލެއްވި، މިހާރުވެސް އެ ކައުންސިލްގެ ރައީސް ޕީޕީއެމްގެ އަހުމަދު މޫސާ އާއި މިހާރުވެސް ކައުންސިލް މެމްބަރުކަން ކުރައްވާ އާދަމް އަބްދުއްރަހްމާން އެވެ. އެ ދެ ބޭފުޅުންނަށްވެސް މިދިޔަ މަހު ބޭއްވި އިންތިިހާބުން ލިބިފައިވަނީ 525 ވޯޓެވެ. އެ ދެ ކެންޑިޑޭޓުންގެ މެދުގައި ވޯޓުލުން ކުރިއަށް ގޮސްފައިވަނީ ހަމައެކަނި މައްސަލަ ޖެހުނު މާވަށު ދެ ނަމްބަރު ވޯޓު ފޮށީގަ އެވެ. އިއްޔެ ބޭއްވި އިންތިހާބުގައި އެ ފޮށީގެ ނަތީޖާއިން ކުރި ހޯދާފައި ވަނީ ރައީސް ކަމަށް ކުރިމަތިލެއްވި އެމްޑީޕީގެ އާދަމް އަބްދުއްރަހްމާން އެވެ. އޭނާއަށް ލިބިފައިވަނީ 232 ވޯޓެވެ. ޕީޕީއެމްގެ އަހްމަދު މޫސާއަށް ލިބިފައިވަނީ، 218 ވޯޓެވެ. އާދަމް އަބްދުއްރަހްމާނަށް އިއްޔެ ވޯޓުން ކުރި ލިބުނު ނަމަވެސް، މިދިޔަ މަހު ބޭއްވި އިންތިހާބުގެ އެރަށުގެ ރައްޔިތުން ވޯޓުލީ އެހެން ފޮށިތަކުގެ ނަތީޖާއާއެކު ކުރި ލިބެނީ ޕީޕީއެމް ކެންޑިޑޭޓަށެވެ. ޕީޕީއެމުން ގަބޫލުކުރާ ގޮތުގައި އެ އިންތިހާބު ކާމިޔާބު ކުރީ އެ ޕާޓީގެ ކެންޑިޑޭޓެވެ. އެއީ އިންތިހާބުގެ އެހެނިހެން ހުރިހާ ފޮށިގެ ނަތީޖާއެކު ޖުމްލަ ވޯޓުންނެވެ. އެ ޕާޓީން ރޭ ނެރުނު ބަޔާނުގައި ބުނީ، ކައުންސިލް ރައީސްގެ ގޮނޑި 26 ވޯޓުގެ ފަރަގަކާއެކު އެ ޕާޓީގެ ކެންޑިޑޭޓު އަހުމަދު މޫސާ ކާމިޔާބު ކުރައްވާފައިވާ ކަމަށެވެ. އަދި ކައުންސިލް މެމްބަރު ކަމުގެ ގޮނޑި 11 ވޯޓުގެ ފަރަގަކާއެކު އެ ޕާޓީގެ ކެންޑިޑޭޓު އިބްރާހިމް އަބޫބަކުރު ކާމިޔާބުކުރައްވާފައިވާ ކަމަށެވެ. މިދިޔަ މަހުގެ މާވަށު ދެ ނަންބަރު ވޯޓު ފޮށީގެ ރައީސްގެ ނަތީޖާ: އާދަމް އަބްދުއް ރަހްމަން (އެމްޑީޕީ) - 226 ވޯޓުއަހްމަދު މޫސާ (ޕީޕީއެމް) - 186 އިއްޔެގެ ވޯޓުން އެކަނި ނަތީޖާ ނެރެން އުޅޭކަމުގެ ތުހުމަތު! ޕީޕީއެމްއިން މީގެ ކުރިން އިންތިހާބީ މަރުކަޒަށް އެއްވި އެއްވުމުގެ ތެރެއިން: ރޭވެސް އެ ކޯލިޝަނުން ވަނީ އެ މަރުކަޒަށް އެއްވެ ނުރުހުން ފާޅުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެމްޑީޕީ ކެންޑިޑޭޓުންނަށް ފަހިވާގޮތަށް، އިއްޔެގެ ވޯޓަށް އެކަނި ބަލައިގެން އިލެކްޝަންސް ކޮމިޝަނުން ނަތީޖާ ނެެރެން އުޅޭ ކަމަށް ބުނެ ޕީޕީއެމްގެ ލީޑަޝީޕުން އިއްޔެ ވަނީ އިންތިހާބީ މައި މަރުކަޒު ބާޖަމަލުއްދީނަށް އެއްވެފަ އެވެ. އެތަނުގައި ހުންނަވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަނީ އެމްޑީޕީ ކެންޑިޑޭޓަށް ކާމިޔާބުވާ ގޮތަށް އިންތިހާބުގެ ނަތީޖާ ނެރެން ކަމަށެވެ. އެގޮތުން މިދިޔަ މަހުގެ ވޯޓުލީ އެރަށުގެ ރައްޔިތުންގެ ވޯޓާ ނުލައި، އިއްޔެގެ ވޯޓުން އެކަނި އިންތިހާބުގެ ނަތީޖާ ނެރުމަށް އިލެކްޝަންސް އިން މަސައްކަތް ކުރަމުންދާ ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި އެކަން ޕީޕީއެމްގެ ކެންޑިޑޭޓަށްވެސް އިލެކްޝަންސްގެ ފަރާތުން އަންގާފައިވާ ކަމަށް އަދުރޭ ވިދާޅުވި އެވެ. "ޖުމްލަ ނަތީޖާއިން ރައީސް އާއި މެމްބަރުކަމުގެ ގޮނޑި ނެގީ ޕީޕީއެމްއިން. އެހެން އޮއްވާ ކުއްލިއަކަށް އަޅުގަނޑުމެންނަށް މި އެނގުނީ ހަމައެކަނި މިއަދު ވޯޓުލީ ފޮށީގެ ނަތީޖާއިން އެކަނި ކަމަށް ނަތީޖާ ނިންމާނީ. އެކަން އަޅުގަނޑުމެންގެ އިންތިހާބީ ކައުންސިލްގެ ރައީސް [އަހުމަދު މޫސާ]އަށް އެންގީ،" އަދުރޭ ވިދާޅުވި އެވެ. އިދިކޮޅުން ރޭ އިންތިހާބީ މަރުކަޒުގައި ބޭއްވި އެއްވުމުގެ ތެރެއިން އަދުރޭ މީޑިއާތަކަށް މައުލޫމާތު ދެއްވަނީ -- ސްކްރީން ޝޮޓް/ ޗެނެލް13 ލައިވް އަދުރޭ ރޭ ވިދާޅުވީ، އެކަމާ ކަންބޮޑުވުގެން އިންތިހާބީ މަރުކަޒަށް ވަޑައިގަތުުމުން އެތަނުގެ އެއްވެސް ބޭފުޅަކާ ބައްދަލުވެސް ނުވި ކަމަށާއި ކޮމިޝަންގެ ބޭފުޅަކަށް ފޯނުންވެސް ނުގުޅޭ ކަމަށެވެ. "ވިއްސަކަށް ފަހަރު ގުޅައިފިން ކޮމިޝަންގެ ރައީސަށް، ފޯނެއް ނުނަންގަވާ. އެއްވެސް މެމްބަަރަކުވެސް ފޯނެއް ނުނަންގަވާ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއީ އިންސާފުވެރި ނިންމުމެއް ކަމަށް. އެއީ އިންތިހާބުގެ ނަތީޖާ ނެރެވޭނީ މުޅި ދާއިރާގައި އިންތިހާބުގައި ވޯޓުލާ މީހުން ޖުމްލަ ނަތީޖާއިން. ޖުމްލަ ނަތީޖާއިން ޕީޕިއެމްގެ ދެ ކެންޑިޑޭޓުން އުޅޭނީ މާ ބޮަޑަށްވެސް ކުރީގައި،" އަދުރޭ ވިދާޅުވި އެވެ. ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތަލާލް ސޮއިކުރައްވާ މިހާރު އެ މައްސަލަ ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅާފަ އެވެ. ތޮލާލް އިލެކްޝަންސް ކޮމިޝަންގެ ރައީސަށް ފޮނުވި ސިޓީގައި ބުނީ، މައްސަލަ ޖެހުނު ވޯޓު ފޮށީގެ ރައީސް އާއި މެމްބަރުކަމަށް ކުރިމަތިލި ދެ ކެންޑިޑޭޓުންގެ ވޯޓުތައް އެ ކޮމިޝަނުން ބާތިލު ކުރި ކަމަށެވެ. އަދި އަލުން އެ ވޯޓުފޮށީގެ ވޯޓުލުން ބާއްވައި އެ ފޮށީގެ ވޯޓުތައް ބާތިލުކުރުމުން ހަމަ ބުއްދިން ބަލާއިރުވެސް، ދެން ޖުމްލަ ވޯޓު ގުނާނީ ހުރިހާ ފޮށިތަކުގެ ވޯޓާއެކު ކަމަށް އެ ސިޓީގައި އޭނާ ވިދާޅުވެފައިވެ އެވެ. އިލެކްޝަންސްގެ ކުއްލި ބައްދަލުވުމަކުން ގޮތެއް ނިންމަނީ! އިލެކްޝަން ކޮމިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޕީޕީއެމްއިން ކުރާ ތުހުމަތާ ގުޅިގެން އީސިން ކުއްލި ބައްދަލުވުމެއް ބާއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ އިލެކްޝަންސް ކޮމިޝަން ރައީސް އަހްމަދު ޝަރީފު މިއަދު "ސަން"އަށް ވިދާޅުވީ، އެ މައްސަލަ ޕީޕީއެމްއިން ހުށަހެޅުމާއެކު ކޮމިޝަންގެ ކުއްލި ބައްދަލުވުމެއް މިއަދު ބޭއްވުމަށް ތާވަލްކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ސީދާ އެއްޗެއް ދެންނެވޭނީ އެ ބައްދަލުވުމަށް ފަހު ކަމަށް ވިދާޅުވި އެވެ. ޕީޕީއެމްއިން ކުރާ ތުހުމަތާ ގުޅިގެން ސުވާލު ކުރުމުން ޝަރީފު ވިދާޅުވީ، އެ ކޮމިޝަނުން އެއްވެސް ވޯޓު ފޮއްޓެއް ބާތިލު ނުކުރާ ކަމަށާއި އެއީ އެ ކޮމިޝަނަށް ލިބިގެންވާ ހައްގެވެސް ނޫން ކަމަށެވެ. އަދި ކޮމިޝަނުން އިއުލާން ކުރީވެސް އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. "ކޮމިޝަނުން ނިންމީ މާވަށުގެ އިތުރު ބުރެއް ބާއްވަން. އިތުރު ބުރެއް ބޭއްވުމަކީ ކުރީގައި ލާފައި ހުރި ވޯޓުތައް ބާތިލު ކުރުމެއް ނޫން. އެއީ ކޮމިޝަނަށް އެކަން ނުކުރެވޭނެ،" ޝަރީފު ވިދާޅުވި އެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރިފު: އޭނާ ވިދާޅުވީ، މާވަށު ވޯޓު ފޮށި ބާތިލުކުރަން ކޮމިޝަނުން ނުނިންމާކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ ދެވަނަ ބުރަކަށް ދިޔުމަށް ނިންމުމުން ދާއިރާގެ ހުރިހާ ރައްޔިތުންނަށް ވޯޓުލުމަށް ފުރުސަތު ނުދީ، އެންމެ ވޯޓު ފޮށްޓެއްގެ ވޯޓުލުމަށް ފުރުސަތު ހުޅުވާލީ ކީއްވެގެންތޯ ސުވާލު ކުރުމުން ޝަރީފު ވިދާޅުވީ، ދެވަނަ ބުރަކަށް ދިޔައީ، ދެ ބޭފުޅުންގެ ވޯޓު އެއްވަރުވެފައިވާތިީވެ އެ ފޮށީގައި ޝައްކުވާ އެއް ވޯޓު ހިމެނޭތީ، އެ ފޮށިގެ އިތުރު ބުރެއް ބާއްވައިގެން ނޫން ގޮތަކަށް ނަތީޖާ ކަށަވަރު ނުކުރެވޭނެތީ ކަމަށެވެ. މިސާލަކަށް ރިޔާސީ އިންތިހާބެއްގައިވެސް ދެވަނަ ބުރަކަށް ހިނގައްޖެނަމަ، ވޯޓުލާނީ މުޅީ ގައުމުގެ ރައްޔިތުންގެ ވޯޓުން ނޫންތޯ ސުވާލު ކުރުމުން ޝަރީފު ވިދާޅުވީ، މައްސަލަ ޖެހިގެން އުޅެނީ ޝައްކުވާ ވޯޓެއް އެންމެ ފޮއްޓަކަށް ލެވިގެން ކަމަށާއި އެހެން ކަމުން އެންމެ ފޮއްޓެއްގެ ރައްޔިތުންގެ މެދުގައިވެސް ދެވަނަ ބުރެއް ބޭއްވިދާނެ ކަމަށެވެ. "މިސާލަކަށް ރިޔާސީ އިންތިހާބުގައި ދެބޭފުޅުންގެ މެދުގައި އެއްވޯޓު ތަފާތުވީ، ތަފާތުވެފައި މިވަނީ އެއް ވޯޓު ފޮށީގައި ގަވައިދާ ހިލާފަށް އެއް ވޯޓުލާފައިވާކަމަށް ކަން ހިނގައިދިޔަ ރިޕޯޓުގައި [މި އޮންނަނީ،] ނުވަތަ ސާބިތު ވަނީ. އެގޮތަށް ސާބިތުވާނަމަ، އެ ފޯށީގައި ވޯޓުލުމަށް އިތުރުބުރެއް ބާއްވައިގެންވެސް ނަތީޖާ ނެރެވޭނެ،" ޝަރީފު ވިދާޅުވި އެވެ. ޝަރީފް ދެއްވި ޔަގީންކަމަކީ، ކޮމީޝަނުން އަމަލު ކުރަނީ ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ އޮންނަ އުސޫލުތަކުގެ ދަށުން ކަމަށެވެ. އަދި މީގެ ކުރިންވެސް ބައެއް އިންތިހާބުތަކުގައި މިފަދަ ހާލަތްތައް ހިނގާފައި އެބަހުރި ކަމަށާއި ކޮމިޝަނުން އެ ނިންމުންތަކަށް ރިއާޔަތް ކުރާނެ ކަމަށެވެ. މިކަމުގައި ދެން ވާނެ ގޮތެއް ސާފުވާނީ، އިލެކްޝަންސް ކޮމިޝަނުން ބާއްވާ ބައްދަލުވުމުގައި ނިންމާ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ