އައްމަޓީ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި

މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ހޯދި މައްސަލާގައި، ސީލައިފް ގްލޯބަލްގެ ވެރިޔާ، ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި އެޕާޓްމެންޓްތަކެއް ވިއްކާ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގިކަމަށް ބުނާ މައްސަލާގައި އެކުންފުނީގެ ވެރިޔާ އަހުމަދު މޫސާ ހޯދުމަށް، 2019 ވަނަ އަހަރު އިންޓަޕޯލް ރެޑް ނޯޓިސް ނެރެ، އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ލަންކާއިންނެވެ.
ލަންކާއިން ގެނައުމަށްފަހު އޭނާ ހުރީ ބންދުގައި ބަހައްޓާފައެވެ. އެހެންނަމަވެސް އޭނާގެ ބަންދަށް މުއްދަތު އިތުރުކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ އޭނާ ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ.
އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މި މައްސަލައަކީ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށްގެންދަންޖެހޭ މައްސަލައެއް ނޫން ކަމަށް ބުނެއެވެ.
މި މައްސަލާގައި އައްމަޓީގެ މައްޗަށް ވަނީ 42 ދައުވާއެއް އުފުލާފައެވެ. އެއީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ޚިޔާނާތްތެރިވުމުގެ ކުށުގެ 12 ދަޢުވާއާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން، ޚިޔާނާތްތެރިވުމުގެ ކުށުގެ 25 ދަޢުވާގެ އިތުރުން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ޚިޔާނާތްތެރިވުމުގެ ކުށުގެ 05 ދަޢުވާއެވެ.
މި ކުށްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަށް ބަލާއިރު، މި ދަޢުވާތައް ސާބިތުވެއްޖެނަމަ އައްމަޓީގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެއެވެ.
ހުޅުމާލޭގައި 3000 ފްލެޓު އެޅުމުގެ މަޝްރޫއު 2014 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރުމާއެކު ގިނަ ބަޔަކު ވަނީ ފުލެޓް ގަންނަން ފައިސާ ދައްކާފައެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓް އެޅުމުގެ މަޝްރޫއު އިއުލާންކުރީ ފަސް އަހަރު ދުވަހުގެ މުއްދަތުން އެޕާޓްމަންޓްތައް އަޅާގޮތަށް ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.
ފްލެޓްތައް ގަތުމަށް 280 މީހަކު، ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ސީލައިފަށް ދައްކާފައެވެ.
ގިނަ އަދަދެއްގެ ބަޔަކު ފްލެޓު ގަތުމަށް ފައިސާ ދެއްކިފަހުން ސީލައިފުން ވަނީ އެމަޝްރޫއު ކުރިއަށް ނުގެންދަން ނިންމާފައެވެ.
އެ ކުންފުނިން ފްލެޓް ގަތް 203 މީހަކު، ފައިސާ އަނބުރާ ނަގައިދިނުމަށް ސިވިލް ކޯޓުގައި ދައުވާކުރުމުން ކޯޓުން ބޭރުގައި އެ މައްސަލަ ނިންމައި ބަދަލުގެ ގޮތުގައި 43 މިލިއަން ރުފިޔާ ދޭން އެޗްޑީސީން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ