މިންގަނޑާ ހިލާފަށް ކަރަންޓް ކޭބަލް ބޭނުން ކުރާ ފަރާތަކަށް ފިިޔަވަޅަން ނިންމައިފި

މޯލްޑިވްސް އެނާޖީ އެތޯރިޓީން ފާސްކޮށްފައިވާ މިންގަނޑުތަކާ ދިމާނުވާ ކަރަންޓް ކޭބަލް ރާއްޖޭގެ ބާޒާރުގައި ވިއްކާ ފަރާތްތަކާއި އެފަދަ ކޭބަލް ބޭނުންކޮށްގެން ވައިރުކޮށްދޭ ފަރާތްތަކާމެދު ވިޔަވަޅު އަޅާން ނިންމާފައިވާ ކަމަށް މޯލްޑިވްސް އެނާޖީ އޮތޯރިޓީ (އެމްއީއޭ) އިން ބުނެފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެމްއީއޭގެ ޑެޕިއުޓީ ޑިރެކްޓާ އަޖުވަދު މުސްތަފާ ވިދާޅުވީ އާއްމުކޮށް ރާއްޖޭގައި ކަރަންޓް ބޭނުންކުރާ ނަރަކީ އެ އޮތޯރިޓީން ކަނޑައަޅާ މިންގަނޑަށް ފެތޭ ގޮތަށް ވިއްކަން ޖެހޭ އެއްޗެއް ކަމަށާއި ނަމަވެސް އެއާ ހިލާފަށް ބައެއް ފަރާތްތަކުން އަމަލުކުރަމުން ގެންދާ ކަމުގެ ޝަކުވާތައް ލިބުމާ ގުޅިގެން މީގެކުރިން ވެސް އެ އޮތޯރިޓީން އެފަރާތްތަކާ ބައްދަލުކޮށް، އެކަންތައް ހުއްޓުވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ކަރަންޓް ނަރާއި ކޭބަލް ވިއްކާ ފަރާތްތަކަށް އެތަކެތި ވިއްކޭނީ އެ އޮތޯރިޓީން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިން ކަމަށާއި ރާއްޖޭގައި އާއްމުކޮށް އެތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކުން އެކަމުގެ ހުއްދައަށް އެދި އެތަކެތީގެ މައުލޫމާތު އެ އޮތޯރިޓީއަށް ހުށަހަޅަންޖެހޭ ކަމަށް އަޖުވަދު ވިދާޅުވި އެވެ. އަދި އެއޮތޯރިޓީން އެ ހުއްދަ ދޭނީ ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ފަރާތްތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.
އަޖުވަދު ވިދާޅުވީ އެއޮތޯރިޓީން ހުއްދަކޮށްފައިވާ މިންގަނޑުތަކަށް ނުފެތޭ ނަރު ބާޒާރުގައި މިހާރުވެސް ވިއްކަމުންގެންދާ ކަމަށާއި އެފަދަ ނަރުތައް ބޭނުންކޮށްގެން ވައިރުކޮށްފައި ހުންނަނީ ވެސް އެ އޮތޯރިޓީން ހުއްދަ ދީފައިވާ ފަރާތްތަކުން ކަމަށެވެ. އަދި އެކަންތައް އެނގެނީ ސްޓެލްކޯއިން ކަރަންޓްގެ ހިދުމަތް ދޭން ދާ ހިސާބުން ކަމަށެވެ.
" ހުއްދަ ނެތް ސައިޒުތަކުގެ ނަރު ބޭނުންކޮށްގެން ވައިރުކޮށް ނިމޭފަހުން މިކަންތައްތައް މިއެނގެނީ. އޭރު މިހުންނަނީ ވައިރުކޮށް ޓައިލްސް ޖަހާ ނިމިފައި ކަމުގައިވާއިރު ދެން ނޯވެ މުޅިތަން ހަލާކުކޮށްލައިގެން ކޭބަލްތައް ނެނގޭކަށް"، އޭނާ ވިދާޅުވި އެވެ.
އެ އޮތޯރިޓީގެ ޑިރެކްޓާ މުވާވިޔަތު ޝަރީފް މިއަދު ވިދާޅުވީ ކޭބަލް ނަރު ހިމަވުމުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި ނަރު އޯވާލޯޑްވެއްޖެ ކަމުގައިވާނަމަ ނަރު ހޫނުވާނެ އެވެ. އަދި އެފަދަ ހާލަތެއްގައި ހިތާމަވެރި ހާދިސާއެއް ހިނގުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
" ނަރު ހިމަވެއްޖެ ކަމުގައިވާނަމަ އެނަރު އޯވަލޯޑްވެގެން އަލިފާނުގެ ހާދިސާއެއް ވެސް ހިނގާފާނެ. ބައެއް ބޭފުޅުން އެނާޖީ އެތޯރިޓީން ފާސްކޮށްދީފައި ހުންނަ ނަރު ހިމަވެގެން ވެސް މައްސަލަ އެބަ ހުށަހަޅާ. ރަނގަޅަށް ބަލާލާއިރު މިވާގޮތަކީ އެއޮތޯރިޓީން ފާސްކޮށްދީފައިވާ ބްރޭންޑެއްގެ ކޭބަލްގެ ލޭބަލް އެގޮތަށް ހަމަ ޕްރިންޓްކޮށްލައިގެން ފޭކް ނަރަށް އެލޭބަލް ލައްވައިގެން މިވިއްކަނީ،" މުވާވިޔަތު ވިދާޅުވި އެވެ.
އެނާޖީ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލްކޮށްފައިވާ އެއްވެސް ފަރާތްތަކާ މެދު މިހާތަނަށް އަދި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށްވެސް އެއޮތޯރިޓީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ