ޕްރީ ސްކޫލް ތައުލީމް އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރަނީ

ރާއްޖޭގައި ޕްރީ ސްކޫލް ތައުލީމް ފޯރުކޮށްދިނުން އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފި އެވެ.
އެންއައީގައި އޮތް މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޝަފީއު ވިދާޅުވީ ތުއްތު ކުދިންނަށް ޅަފަތުގެ ތައުލީމް ފޯރުކޮށްދިނުމުގައި ރާއްޖޭން ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ.
"އެހެން ގައުމުތަކުން ތައުލީމް ފޯރުކޮށްދިނުމުގައި 2030 ގައި ހާސިލްކުރާން ކަނޑައަޅާފައިވާ ލަނޑު ދަނޑިތައް ރާއްޖޭން މިހާރު ވަނީ ހާސިލްކޮށްފައި. އަޅުގަނޑުމެންގެ މިހާރުގެ އަމާޒަކީ ޕްރީ ސްކޫލް މަރުހަލާގެ ތައުލީމް ރާއްޖޭގައި ވީހާވެސް ފުޅާކޮށް ފޯރުކޮށްދީ، އޮއްޓަރުހުރި ފޭރާންހެޔޮ ތައުލީމް ކުދިންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުން." ޝަފީއު ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ ގައުމީ ފެންވަރެއްގައި ބޭއްވޭ މިފަދަ މަސައްކަތު ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގައި ޕްރީ ސްކޫލް ތައުލީމް ފޯރުކޮށްދިނުމުގެ މަސައްކަތަށް އިތުރު ހަރުދަނާކަމެއް އަންނާނެ ކަމަށް ޔަޤީންކުރާކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ނެޝަނަލް ކޮމިޝަން ފޯ ޔުނެސްކޯ އެން އިސެސްކޯގެ ސެކެޓްރީ ޖެނެރަލް އަދި އެޑިއުކޭޝަން މިނިސްޓްރީގެ ހެޑް އޮފް ފޮރިން ރިލޭޝަން އައިމިނަތު ނަމްޒާ ވަނީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށް ތަފާތު ރޮނގުތަކުން އިސެސްކޯއިން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވާ އެ ޖަމިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.
މި މަސައްކަތު ބައްދަލުވުމަކީ އޯގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ތައުލީމާ ސައިންސާ ސަގާފަތާ ބެހޭ ޖަމިއްޔާ އިސްލާމިކް އެޑިއުކޭޝަން ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އިސެސްކޯ) އިން މިއަހަރުގެ އޭޝިއާ ބައްރުގެ އިސްލާމީ ސަގާފީ ވެރިރަށުގެ ގޮތުގައި މާލެ ހަމަޖެއްސުމާއި ގުޅިގެން އިސެސްކޯ އާއި މޯލްޑިވްސް ނެޝަނަލް ކޮމިޝަން ފޯ ޔުނެސްކޯ އެން އިސެސްކޯ އާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) ގުޅިގެން ކުރިއަށްގެންދާ ދެ ދުވަހުގެ ބައްދަލުވުމެެއްކަަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.
އަދި މި ބައްދަލުވުމުގައި ރާއްޖޭގައި ޕްރީ ސްކޫލް ތައުލީމް ފޯރުކޮށްދިނުން އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުން  މަޝްވަރާ ކުރެވިގެންދާނެއެވެ. އެގޮތުން، އެކި ޕްރީ ސްކޫލްތައް ތަމްސީލުކުރާ ފަރާތްތަކުން އެ ފަރާތްތަކުގެ ޕްރީ ސްކޫލްތަކާއި ގުޅޭ ޕްރެސެންޓޭޝަންތައް ހުށައަޅައި ބައިވެރިންގެ މެދުގައި ހިޔާލު ބަދަލުކުރާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
މި މަސައްކަތު ބައްދަލުވުމުގައި ޕްރީ ސްކޫލްތައް ހިންގުމުގައި ހަރަކާތްތެރިވާ 25 ފަރާތަކުން ބައިވެރިވިއިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އަތޮޅު ތަކުން 15 ފަރާތަކާއި މާލޭގެ 10 ފަރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ