9/11 ގެ ހަނދާން އާކުރަން ބޭއްވި ރަަސްމިއްޔާތު ދޫކުރައްވާ ހިލަރީ ވަޑައިގެންފި

އެމެރިކާ އަށް 2001 ވަނަ އަހަރުގެ ސެޕްޓެމްބަރ 11 ވަނަ ދުވަހު ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާގެ ހަނދާންތައް އާކުރަން މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތު ދޫކުރައްވާ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ހިލަރީ ކްލިންޓަން ނިކުމެވަޑައިގެންފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ހިލަރީ ރަސްމިއްޔާތު ދޫކުރައްވާ ވަޑައިގެންނެވީ ސިއްހީ މައްސަލައެއް ކުރިމަތިވެގެންނެވެ.
އެކަން ހިލަރީގެ ކެމްޕޭން ޓީމުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ކެމްޕޭން ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ހިލަރީ ރަސްމިއްޔާތު ދޫކުރައްވާ ވަޑައިގެންނެވީ މާބޮޑަށް ހޫނު ގަދަވެގެން ކަމަށެވެ. މިހާރު ހިލަރީ ގެންދަވަނީ ނިއުޔޯކްގައި ހުންނަ ދަރިކަނބަލުންގެ އެޕާޓްމަންޓްގައި އަރާމު ކުރައްވަމުން ކަމަށް ވެސް ބަޔާނުގައި ވެއެވެ. ބަޔާނުގައި އިތުރަށް ބުނީ ހިލަރީގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.
ނަމަވެސް ހިލަރީ އެއްވެސް ފަރުވާއެއް ހޯއްދެވިގެން ކެމްޕޭން ޓީމުން ޔަގީންކޮށެއް ނުދެއެވެ.
ރަސްމިއްޔާތު ދޫކުރައްވާ ހިލަރީ ވަޑައިގެންނެވި މަންޒަރު ފެންނަ ވީޑިއޯ އިން ފެންނަ ގޮތުގައި ހިލަރީ ވެހިކަލަށް އަރައިވަޑައިގެންނެވީ ވެސް ކައިރީގައި ތިބި ބޮޑީގާޑުންގެ އެހީތެރިކަމާއި އެކުއެވެ. ވެހިކަލަށް އަރަން އުޅުނު ވަގުތު ހިލަރީ ވެޓިވަޑައިގަންނަވަނިކޮށް ބޮޑީގާޑުން ހިފެހެއްޓި މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ.
އުމުރުފުޅުން 68 އަހަރުފުޅުގެ ހިލަރީއަށް 2012 ވަނަ އަހަރު ވެސް ސިއްހީ މައްސަލައެއް ދިމާވެގެން ފަރުވާ ދީފައިވެއެވެ.
ރިޔާސީ އިންތިޙާބުގައި ހިލަރީ އާއި ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ހިލަރީގެ ސިއްހީ ހާލަތު އެމެރިކާގެ ރައީސްކަމުގެ މަގާމުން ފުރުއްވަން ތަންދޭތޯ ވަރަށް ބޮޑަށް ސުވާލު އުފައްދަމުންނެވެ. މިއަދު ހިނގި ކަންތަކާއި ގުޅިގެން މިސުވާލުތައް އިތުރު ވާނެ ކަމަށް ބެލެވެއެވެ.
ނަމަވެސް ހިލަރީގެ ޑޮކްޓަރު މިދިޔަ މަހު ބުނެފައި ވަނީ ހިލަރީގެ ސިއްހީ ހާލަތު ވަރަށް ރަނގަޅު ކަމަށާއި އެމެރިކާގެ ރައީސް ކަމުގެ ޒިންމާތައް އަދާކުރެވޭނެ ފަދަ ކުޅަދާނަކަން ހިލަރީގެ ކިބައިގައި ސިއްހީ ގޮތުން އެބަހުރި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ