ގާސިމް އަކީ ދިވެހި އިޤްތިސާދުގެ މައި އެއް ތަނބު - އަދީބު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަކީ ދިވެހި އިގުތިސާދުގެ މައި އެއް ތަނބު ކަމަށް ދިގު މުއްދަތަކަށް ޖަލަށްލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.
ގާސިމްގެ ރިސޯޓުތަކަށް ފުލުހުންނާއި ކަސްޓަމްސް އިން އަރައި ކުރަމުންގެންދާ ކަންތައްތަކާ ގުޅިގެން އަދީބު ނެރުނު ބަޔާނެއްގައި ވިދާޅުވީ ގާސިމް އަކީ ދިވެހި އެތަކެއް ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ފޯރުކޮށްދެމުން ގެންދަވާ، ދިވެހި އިގްތިސާދުގެ މައި އެއް ތަނބު ކަމަށާއި އަދި އެތައް ދިވެހި ރައްޔިތުންނަށް ތައުލީމުގެ ފުރުސަތު ފޯރުކޮށްދީ، އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާ ދިވެހި ގައުމުގެ ހާދިމެއް ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަން ބިނާވެފައި އޮންނަނީ ހަމަޖެހުމާއި ފަތުރުވެރިންގެ ޒާތީ މިނިވަން ކަމުގެ މައްޗަށް ކަމަށާއި ފަތުރުވެރިންގެ ޒާތީ މިނިވަން ކަމުގެ ހައްގަށް ބެލުމެއް ނެތި ފަތުރުވެރިންގެ ކުރިމަތީގައި ދައުލަތުގެ އިދާރާތަކުން މިހާރު ހިންގަމުންގެންދާ ކަންތައްތަކުގެ ސަބަބުން ގާސިމް އަށް ވުރެ ބޮޑަށް ގެއްލުންވާނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށްވެސް އަދީބު ވިދާޅުވިއެވެ.
"މިއީ އޮނަރަބަލް ޤާސިމް އިބްރާހީމަށް ދެވޭ ގެއްލުމަކަށްވުރެ ބޮޑަށް ފަތުރުވެރިކަމުގެ މުޅި ސިނާއަތަށް ދިގު މުއްދަތަކަށް ދެވޭނޭ ގެއްލުމެކެވެ. މިފަދަ ކަންކަން ވަގުތުން ހުއްޓާލުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ" އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އަދި މިހާރު ސަރުކާރުން ގާސިމްގެ ރިސޯޓުތަކަށް އަރައި ހިންގަމުން ގެންދަނީ މުޅި ގައުމުގެ ފުދުންތެރިކަމަށް އަސަރުކުރާނެ އިގްތިސާދީ ޖަރީމާއެއް ކަމަށްވެސް އަދީބު ވިދާޅުވިއެވެ.
މިއަދު ފެނިގެންދަނީ ސިޔާސީ ފަރާތްތައް ފުނޑުފުނޑުކޮށްލުމަށް ގައުމުގެ އިގްތިސާދާއި އެތައް ރައްޔިތުންނެއްގެ ވަޒީފާއާއި ދިރިއުޅުން ވެސް ހަލާކުކޮށްލަން ސަރުކާރުން ފަސް ނުޖެހޭނެ ތަން ކަމަށާއި އެކަކަށް ދޭ ގެއްލުމާއި ނިގުޅައިގަންނަ ޙައްޤުތަކުގެ ސަބަބުން އެންމެންގެ ކުރިމަގު ނުރައްކަލަށް ހުށަހެޅިގެންދާކަން ދަންނަން ޖެހޭ ކަމަށްވެސް އަދީބު ވިދާޅުވިއެވެ.
"ކުއްލި ހާލަތު އިއުލާން ކުރުމާއި ގައުމުގެ ހުރިހާ ސިޔާސީ ފަރާތްތަށް ޖަލަށްލުމުގެ ނަތީޖާއަކީ އިގްތިސާދީ އެއްވެސް ބޮޑު ޕްރޮޖެކްޓެއް ނުލިބި ގައުމު ދަރަނިވެރިވެ، ބަވަނަވެފައިވާ މިދުނިޔޭގައި ދިވެހިރާއްޖެ އެކަހެރިވުމުވެ. ވީމާ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި، އާންމުކޮށް ހުރިހާ ވިޔަފާރިތަކަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމަށް އާންމު ރައްޔިތުން ހަރަކާތްތެރިވެ އެކަމަށް ބާރު އެޅުމަށް ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރަމެވެ." އަދީބު ވިދާޅުވިއެވެ.
ވިލާ ކުންފުނީގެ ހަތަރު ރިސޯޓުތަކަށް ފުލުހުންނާއި ކަސްޓަމްސް އިން އަރާ ބަލާ ފާސްކުރަމުންދަނީ ބޮންޑެޑް ވެއަރހައުސް އިން، ރޯޔަލް އައިލެންޑް ރިސޯޓުގެ ނަމުގައި ދޫކޮށްފައިވާ ބަނގުރާ، ގަވާއިދާ ޚިލާފަށް ވިލާ ގްރޫޕްގެ އެހެން ރިސޯޓުތަކަށް ގެންގޮސްފައިވާ މައްސަލައާ ގުޅިގެންނެވެ.
އަދި ފުލުހުންނާއި ކަސްޓަމްސް އިން އިއްޔެ ވަނީ ވިލާ ގްރޫޕްގެ ފަން އައިލޭންޑު ރިސޯޓަށް އަރާ އެ ރިސޯޓުގައި ހުރި ބަނގުރާ ސްޓޮކް އެއްކޮށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ