ފުވައްމުލަކަށް އުދަ އަރާ ގެއްލުންތަކެއް ވެއްޖެ އެވެ.
ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން ފުވައްމުލަކުގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފް ވިދާޅުވީ ރެއިން ފެށިގެން އުދައަރަމުން ދިޔަ ކަމަށެވެ. އެހެންނަމަވެސް އުދައިގެ ރާޅުބޮޑުވެ ރަށުތެރޭގައި ކުއްލިއަކަށް ފެން ބޮޑުވާން ފެށީ މިއަދު މެންދުރުން ފެށިގެން ކަމަށްވެސް ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ އުދަ އަރާ، ފެންގަނޑު ބޮޑުވެފައިވަނީ އެރަށުގެ ކްރިކެޓް ސްޓޭޑިއަމާއި އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަން ހުންނަ ބޮޑު ސަރަަހައްދެއްގައި ކަމަށާއި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ކަމަށެވެ.
"ޕޮލިސް ސްޓޭޝަނަށް ވަރަށް ބޮޑަށް ފެންވަދެ ގެެއްލުންތަކެއް ވަނީ ލިބިފައި. އެހެންނަމަވެސް ގެއްލުންތަކުގެ މައުލޫމާތު ސާފުވާން އަދި ވަގުކޮޅެއް ނަގާނެ،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ ފުވައްމުލަކަށް އުދަ އެރި ސަރަހައްދަކީ މީހުން އަލަށް އާބާދުވާން ފަށާފައިވާ ސަރަހައްދަކަށް ވާތީ އެއްވެސް މީހަކަށް ގެއަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތު އަދި ލިބިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އުދައެރި ސަރަހައްދުގައި ހުރި ބައެއް މީހުންގެ ތަކެއްޗަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ ފުވައްމަލަކަށް މިއަދު އުދަ އެރި ވަރަށް މިދިޔަ 15 ނުވަތަ 20 އަހަރު ތެރޭގައިވެސް އުދަ އަރާފައި ނުވާ ކަމަށެވެ. އެހެންކަމުން ލިބުނު ގެއްލުންތަކުގެ ތަފްސީލް ހޯދަމުންދާ ކަމަށާއި ނަމަވެސް މިވަގުތުވެސް ކޮންމެވެސް ވަރަކަށް އުދަ އަރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
އުދަ އަރާތީ ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަަކައި ފުވައްމުލަކުގައި ހުރި ދައުލަތުގެ މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ފަލާހު ވަނީ ވިދާޅުވެފަ އެވެ.
ފުވައްމުލަކަށް ފާއިތުވި 15 އަހަރުވެސް އުދަ އަރާފައި ނުވާ ވަރަށް އުދަ އަރާ ގެއްލުންތަކެއް ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ