ފަނޑިޔާރުންގެ ގާނޫނުގެ އިސްލާހު ބާތިލްކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލް ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މިމައްސަަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެންޓި ޑިފެކްޝަން ގާނޫނުވެސް ބާތިލްކުރަން ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި، ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.
އަބްދުއްރަހީމް އިސްލާހު ހުށަހަޅުއްވާފައިވަނީ ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)ގެ ހަތަރުވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރުކުރުމަށެވެ. އެގޮތުން ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ކޯޓުން ކުރާ ހުކުމަކުން ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ހުކުމެއް ސާބިތުވެއްޖެނަމަ ހުކުމް ކުރާ ދުވަހުން ފެށިގެން ފަނޑިޔާރުކަން ގެއްލޭނެ ކަމަށެވެ. ފަނޑިޔާރެއްގެ މައްޗަށް ކޯޓުން މިފަދަ ހުކުމެއް އައިސްފިނަމަ އެއީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައަކާ ގުޅިގެން އެޅޭ ފިޔަވަޅަކަށް ނުވާނެ ކަމަށާއި އެހެންކަމުން ގާނޫނު އަސާސީގެ 154 ވަނަ މާއްދާގެ ދަށުން ފަނޑިޔާރަކު ވަކިކުރުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް މިހާލަތުގައި ނުހިނގާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެ އެވެ.
ގާނޫނުއަސާސީގެ 154 ވަނަ މާއްދާއަކީ ފަނޑިޔާރުން މަގާމުގައި ދެމިތިބުމާއި، މަގާމުން ވަކިކުރުމާ ގުޅޭ ބައިތައް ހިމެނޭ މާއްދާ އެވެ. އެގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށް ގާނޫނުއަސާސީގެ 154 ވަނަ މާއްދާގައި ބުނެފައިވެ އެވެ.
ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައި އިތުރަށް ބުނެފައިވަނީ ފަނޑިޔާރަކު ހައްޔަރުކުރުމާއެކު މުސާރަ ލިބޭ ގޮތަށް ޖޭއެސްސީން އެ ބޭފުޅަކު ސަސްޕެންޑު ކުރަން ޖެހޭނެ ކަމަށެވެ. އަދި ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލައިފިނަމަ މުސާރަ ކަނޑާލަން ޖެހޭނެ ކަމަށްވެސް އިސްލާހުގައިވެ އެވެ. މީގެ އިތުރަށް ފަނޑިޔާރުންނަށް ތުހުމަތު ކުރެވޭ ޖިނާއީ ކުށަކާ ގުޅިގެން ދަށު ކޯޓުން ކުރާ ހުކުމް ހައިކޯޓުގައި 10 ދުވަސް ތެރޭގައި އިސްތިއުނާފް ކުރުމަށާއި އަދި މައްސަލަ އިސްތިއުނާފް ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހައިކޯޓުން އެމައްސަަލަ ނިންމަންޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ހައިކޯޓުން ނިންމާ މައްސަލަ ވެސް 10 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަންޖެހޭނެ ކަމަށާއި މައްސަލަ އިސްތިއުނާފް ކުރާތާ 30 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ވެސް އެމައްސަލަ ނިންމަންޖެހޭނެ ކަަމަށް އިސްލާހުގައިވެ އެވެ.
ޖިނާއީ ކުށެއް ފަނޑިޔާރެއްގެ މައްޗަށް ސާބިތުވުމާއެކު މަގާމު ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހުކޮށްފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމަށްފަހު އެބޭފުޅުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން ތަކުރާރުކޮށް ބުނެފައި ވަނިކޮށެވެެ. އަދި މިހާރު އެބޭފުޅުންގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ދަނީ ހިނގަމުންނެވެ.
ފަނޑިޔާރުންގެ ގާނޫނަށް މިގޮތަށް އިސްލާހު ގެނައި ނަމަވެސް ގާނޫނުއަސާސީއަށް ބަދަލުނުގެނެސް ފަނޑިޔާރުން މަގާމުން ވަކިނުކުރެވޭނެ ކަމަށް ގާނޫނީ ވަކީލުންނާއި އިދިކޮޅު މެމްބަރުން ގެންދަނީ ވިދާޅުވަމުންނެވެ. މިގާނޫނަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ބިރުދައްކައި ނުހައްގުން މަގާމުން ވަކިކުރުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ވެސް އިދިކޮޅު މެމްބަރުން ގެންދަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ