ރަސްދޫ "އިންސާފުގެ މައިދާނަށް" ކަރަންޓް ނުދިނުމުން ޖަނަރޭޓަރެއް ގަނެގެން ކަރަންޓު ދީފި

އިދިކޮޅު ފަރާތްތަކުން އއ.ރަސްދޫގައި ސިޔާސީ ހަރަކާތް ހިންގުމަށް ބޭނުން ކުރަމުންދާ "އިންސާފުގެ މައިދާނަށް" އިންޖީނުގެއިން ކަރަންޓް ނުދިނުމުން އަމިއްލައަށް ޖަނަރޭޓަރެއް ގަނެގެން އެސަރަހައްދަށް ކަރަންޓު ދީފިއެވެ.
ރަސްދޫއިން މައުލޫމާތު ދިން މީހަކު ބުނީ އެމްޑީޕީ މެންބަރުން ޗަންދާނެގުމަށް ފަހު ޖަނަރޭޓަރެއް ގަނެ މިހާރު ކަރަންޓް ދީފައިވާ ކަމަށެވެ.
އޭނާ އިތުރަށް ބުނީ ޖަނަރޭޓަރަށް ވާ 12000 ރުފިޔާ ޗަންދާނަގަންފެށިތާ ގަޑިއެއް ހާއިރު ތެރޭ ހަމަކުރެވުނު ކަމަށެވެ. އަދި އެތަނުގައި އިދިކޮޅުފަރާތްތަކުން ވަނީ ރޭ ޖަލްސާއެއް ބާއްވާފައިކަމަވެސް އޭނާ ބުންޏެވެ.
ރޭ ރަސްދޫގައި އދިކޮޅުފަރާތްތަކުން ކުރިއަށް ގެންދިޔަ ޖަލްސާވަނީ ވަގުން ދުރަށް ދައްކާފައެވެ. އިދިކޮޅު ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި އެ ޖަލްސާ އިހުގެ ޖަލްސާތަކަށް ވުރެ ފޯރިގަދައެވެ.
ރަސްދޫގައި އިދިކޮޅު ހަރަކާތް ހިންގާ ސަރަހައްދަށް ކުރިން ކަރަންޓު ދެމުން ދިޔައީ ކައިރީ ހުރި ހޮޓަލަކުންނެވެ. ނަމަވެސް އެއީ ގަވައިދާ ހިލާފު ކަމެއް ކަމަށް އެނގުމުން އެކަން ހުއްޓުވާ އެސަރަހައްދަށް ކަރަންޓު ލުމަށް ސްޓެލްކޯއަށް ހުށަހެޅިއެވެ.
ނަމަވެސް ކަރަންޓުލުމަށް ބޭނުންވާ ހުރިހާ ސާމާނުތަކެއް ވެސް ގަނެ ކޭބަލް ވަޅުލުމަށް އެސަރަހައްދުގައި ގެ އިންޖީނުގޭގެ މުވައްޒަފުން ތިބެގެން ކޯރު ކޮނެ ނިމުނު ފަހުން ލޭންޑު ޔޫސް ޕްލޭން ނެތް ކަމަށް ބުނެ ސްޓެލްކޯ އެތަނަށް ކަރަންޓް ނުދީ ހިފަހައްޓާފައެވެ.
މި ހަބަރާގުޅޭ ގޮތުން ސްޓެލްކޯގެ ފަރާތުން ބަހެއް ލިބޭގޮތް މިހާތަނަށް ވަނީ ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ