އަޅުގަނޑު މިހުރީ ޖައްވުގައި: ޕީޕީއެމް މެމްބަރު ދީދީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޮކެޓް ސްޕީޑްގައި ތަރައްގީގެނެސްދެއްވުމުން މިހާރު އޭނާ ހުންނެވީ ޖައްވުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ގދ. ތިނަދޫގައި ސަރުކާރު ހިންގާ ޕީޕީއެމްއިން ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިބްރާހީމްދީދީ ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ ބާނީ އަކީ ރައީސް ޔާމީން ކަމަށެވެ. އަދި ރައީސް ޔާމީން ރާއްޖެ ތަރައްގީ ކުރައްވަމުން ގެންދަވަނީ ރޮކެޓް ސްޕީޑްގައި ކަމަށް ވެސް ދީދީ ވިދާޅުވި އެވެ.
"2014 ވަނަ އަހަރު އޮގަސްޓް މަހުގެ 27 ވަނަ ދުވަހު މިގައުމުގެ ތަރައްގީގެ ބާނީ ރައީސް ޔާމީން އެދިވަޑައިގެން، އަޅުގަނޑުމެން މިގައުމުގެ ވެރިކަން އެމަނިކުފާނާ ހަވާލު ކުރެއްވިފަހުން މިގައުމުގެ ތަރައްގީގެ އިންޖީނަކީ ދެ ސިލިންޑަރު އިންޖީނެއްވީމަ، ތިމަންމަނިކުފާނަށް މި ސްޕީޑުގައި ދުއްވައިގެން މިކަމެއް ނުވާނޭ، އެސްއީޒެޑްގެ ނަމުގައި ގާނޫނެއް ވުޖޫދަށް ގެންނާށޭ ވިދާޅުވި. 2014 ވަނަ އަހަރުގެ އޮގަސްޓް 27 ވަނަ ދުވަހު އެގާނޫނު ވުޖޫދަށް ގެނައީ. އެގާނޫނު ތަސްދީގުކޮށްފަ މިއޮޑީގައި އިންޖީނު އަޅާލީ އެކެއް ސެޕްޓެމްބަރުގައި. އެއީ ރޮކެޓް. އެހިސާބުން މިގައުމު އުދުއްސާލީ. އައްޑޫ ސިޓީ ފޭދޫއިން ރޮކެޓްގައި ދިޔައީ އަޅުގަނޑު. މިހުރީ ޖައްވުގައި،" ދީދީ ވިދާޅުވި އެވެ.
ދީދީ އެގޮތަށް ވިދާޅުވި ނަމަވެސް އެވިދާޅުވާ އެސްއީޒެޑްގެ ގާނޫނުގެ ދަށުން މިހާތަނަށް ރާއްޖޭގައި އެއްވެސް މަޝްރޫއެއް ހިންގިފައެއް ނުވެއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅިގެން މަޖިލީހުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައިވަނީ ދައުލަތުގެ ބަޖެޓަށް އާމްދަނީ އިތުރު ކުރުމަށް ހިމަނާފައިވާ ކަންކަމުގެ ތެރެއިން އެސްއީޒެޑްގެ ގާނޫނުގެ ދަށުން ލިބޭނެ ކަމަށް އަންދާޒާކޮށްފައި ފައިސާ ލިބިފައި ނުވާ ކަމަށެވެ.
މީގެއިތުރުން އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ފަސްޖެހޭ ކަމަށް ވެސް މުނައްވަރު ވިދާޅުފައި ވެއެވެ.
މީގެއިތުރުން ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި އަޅާ 25 ބުރީގެ 62 ޓަވަރު އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވެސް ވިދާޅުވެފައިވަނީ ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ. އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރަން ފަސްޖެހެނީ އިދިކޮޅު ފަރާތްތަކުގެ ސަބަބުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ. އެގޮތުން ފާފު އަތޮޅު ޕްރޮޖެޓް ފެއިލްވީ ވެސް އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދާ އަޑު އުފުލުމުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ. ފާފު އަތޮޅު ޕްރޮޖެކްޓަކީ ފާފު އަތޮޅުގެ ބައެއް ސައުދީ އަރަބިޔާގެ ޝާހީ އާއިލާގެ ފަރާތްތަކަށް ވިއްކާލުމަށް ހިންގާފައިވާ ޕްރޮޖެކްޓެކެވެ.
ޕީޕީއެމް އިން ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާހީމްދީދީ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއަކީ އައްޑޫ ސިޓީއާއި މުޅި ދެކުނުގެ އަތޮޅުތަކަށް ހުރި ބޮޑު ނުރައްކަލެއް ކަމަށެވެ.
"އައްޑޫ ރައްޔިތުންނާއި ތިނަދޫ އަދި ދެކުނުގެ މީހުންނަށް ނަޝީދުއަކީ ބޮޑު ނުރައްކަލެއް. ބޮޑު ޓެރަރިސްޓެއް. ހުޅުޖަހާ އަންދާލީ އަޅުގަނޑުމެންގެ ތަރިކަ. ބައިތުލްމާލު އަންދާލީ،" ދީދީ ވިދާޅުވި އެވެ.
ދީދީ އެގޮތަށް ވިދާޅުވި ނަމަވެސް އައްޑޫ ސިޓީގައި ހުޅުޖެހި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ދައުވާއެއްކޮށް ހުކުމެއް ކުރައްވާފައެއް ނުވެއެވެ. އަދި ދީދީ އެވިދާޅުވާ ހުޅުޖެހި ހާދިސާއަށް ފަހު، ރާއްޖޭގައި ބޭއްވި އާއްމު އިންތިހާބުތަކުގައި އައްޑޫ އާއި ދެކުނުގެ އަތޮޅުތަކުން އެންމެ ގިނަ ވޯޓް ހޯއްދަވާފައި ވަނީ ވެސް ރައީސް ނަޝީދު އާއި ރައީސް ނަޝީދު ނިސްބަތްވާ އެމްޑީޕީންނެވެ.
ދައުލަތުގެ ބައިތުލްމާލު އަންދާލި ވާހަކަ ދީދީ ވިދާޅުވިއިރު، ދިވެހި ދައުލަތުގެ މާލިއްޔާއިން އެންމެބޮޑު ކޮރަޕްޝަނާއި ހިޔާނާތް ހިންގާފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށް ހުދު ރައީސް ޔާމީން ވެސް ވަނީ އިއުތިރާފުވެ ވަޑައިގަންނަވާފަ އެވެ.
އެމްއެމްޕީއާރުސީގެ ތެރެއިން އެކަނިވެސް 1.22 ބިލިއަން ރުފިޔާގެ ހިޔާނާތް ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވެ އެވެ. މީގެއިތުރުން ވެސް ސަރުކާރުގެ އެކިއެކި އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތަކުން ވެސް ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ދަނީ ފެންމަތި ވަމުންނެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ