"ކެމްޕެއިންގެ ސަބަބުން އދ. ގެ މެމްބަރު ޤައުމުތަކުގެ ތާޢީދު ރާއްޖެއަށް އަންނަނީ ލިބެމުން"

އދ.ގެ ސެކިއުރިޓީ ކައުސިލްގެ މެމްބަރުކަން ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި މެމްބަރު ޤައުމުތަކުގެ ތާޢީދު ލިބެމުންދާކަމަށް ދިވެހިރާއްޖެއިން އދ.އަށް ކަނޑައަޅުއްވާފައިހުންނަވާ ދާއިމީ މަންދޫބު ޑރ.ޢަލީ ނަޞީރު މުޙައްމަދު ވިދާޅުވެއްޖެއެވެ.2019 އިން 2020 ވަނަ އަހަރުގެ ނިޔަލަށް އދ.ގެ ސެކިއުރިޓީ ކައުންސިލްގެ މެމްބަރުކަން ހޯދުމަށް ދިވެހިރާއްޖެއިން ގެންދަނީ ކެމްޕެއިން ކުރަމުންނެވެ.މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ޑރ.ޢަލީ ނަޞީރު ވިދާޅުވީ، އދ.ގެ ސެކިއުރިޓީ ކައުސިލްގެ މެމްބަރުކަން ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނިއުޔޯކްގައި ހުންނަ އދ.ގެ އޮފީހުން ކުރަމުންދާ މަސައްކަތަކީ، ޤައުމުތަކުގެ ސަފީރުންނާ ބައްދަލުކޮށް ތާޢީދު ހޯދުމުގެ މަސައްކަތްކަމަށެވެ.އަދި މިހާތަނަށް ބައްދަލުކުރެއްވި ސަފީރުންގެ ތާޢީދު ރާއްޖެއަށް ލިބެމުންދާކަމަށާއި، އދ.ގެ ޗާޓަރާއެއްގޮތަށް ރާއްޖެއިން ޢަބަދުވެސް ޢަމަލުކުރާކަން އެޤައުމުތަކުން ބަލައިގަންނަކަމަށް ސަފީރު ވިދާޅުވިއެވެ."ސަފީރުންނާ ބައްދަލުކޮށްފަ، ސަފީރުންނަށް މި ކިޔާދެނީ ކީއްވެގެންތޯ އދ.ގެ ސަލާމަތީ މަޖިލީހަށް ރާއްޖެ އިންތިޚާބު ކުރެވެންވީ. ދިވެހިރާއްޖެއިން އދ.ގެ ސެކިއުރިޓީ ކައުންސިލަށް ގެނެސްދޭނީ ކޮންކަހަލަ އާ ޚިޔާލުތަކެއްތޯ. ސަލާމަތީ މަޖިލީހުގެ ނިންމުންތަކަށް ރާއްޖެއިން ކޮންޓްރިބިއުޓް ކުރާނީ ކިހާ މިންވަރަކަށްތޯ." ސަފީރު ވިދާޅުވިއެވެ.ސަފީރު ވިދާޅުވީ، އދ.ގެ މެމްބަރު ޤައުމުތަކުން ރާއްޖެއިން އެކި ދާއިރާތަކުން ހޯދަމުންދާ ކުރިއެރުންތައް ބަލައިގަންނަކަމަށެވެ.އދ. ގެ މެމްބަރު ޤައުމުތަކުގެ ތާޢީދު ހޯދުމަށްޓަކައި، ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަސައްކަތްތަކުގެ މަޢުލޫމާތާއި، އެކި ރޮނގުރޮނގުން ހޯދަމުންދާ ކުރިއެރުންތައް ބޭރުޤައުމުތަކާ ދަނީ ހިއްސާކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ