ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ގެ ގޮނޑި ގެއްލިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ގެ ގޮނޑި ގެއްލިއްޖެ އެވެ.ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު ޕީޕީއެމްއިން ވަކިކޮށް އެކަން ރައްޔިތުންގެ މަޖިލީހަށް އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ އަންގާފައިއެވެ. ސުޕްރީމް ކޯޓުން ދާދިފަހުން ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން އިންތިޚާބުވުމަށްފަހު، އެ ޕާޓީގެ މެންބަރުކަމުން ވަކި ކުރުމާއި ނުވަތަ އިންތިޚާބުވި ޕާޓީން އަމިއްލަ އަށް ވަކިވުމާއި ނުވަތަ އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރަކަށް ވުމާއި، މި ތިން ހާލަތުން ކުރެ ހާލަތެއް އަތުވެއްޖެނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭނެކަމަށެވެ. އަދި ގޮނޑި ގެއްލޭނީ އެ މެމްބަރަކު ނިސްބަތްވާ ޕާޓީއަކުން ވަކިކޮށްފި ކަމަށް ނުވަތަ ވަކިވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، ކަމަށް ބުނެފައިވެއެވެ. ރައްޔިތުން މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވެއްޖެނަމަ ދެމަސް ދުވަހުގެ ތެރޭގައި ބައި އިލެކްޝަނެއް ބާއްވާ މެންބަރަކު އިންތިޚާބު ކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ. މިހާތަނަށް ގޮނޑި ގެއްލިފައިވާ މެންބަރުންގެ ތެރޭގައި ހިމެނެނީ ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު ސައުދު ހުސައިންއާއި، ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމްއާއި، މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ލަތީފެވެ. އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ސިނާންއާއި، ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދުގެ ގޮނޑި ވެސް ވަނީ ގެއްލިފައެވެ. އިލެކްޝަން ކޮމިޝަނުން ދާދިފަހުން ބުނެފައިވަނީ ގެއްލިފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބްކުރުމަށް ބާއްވާ ބައި އިލެކްޝަން ބާއްވާނެ ތާރީޚެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެކަމަށާއި، އެމަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ