އެސްޓީއޯ މާލޭ ލީގުން މިއަހަރުގެ ފުޓްބޯޅަ ސީޒަން މިއަދު ހަވީރު ފަށަން ނިންމައިފި އެވެ.
އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުން މިއަހަރުގެ ފުޓްބޯޅަ ސީޒަން ފަށަން ނިންމިއިރު، ކުރިން މިއަހަރުގެ ފުޓްބޯޅަ ސީޒަން ފަށަން ނިންމާފައި އޮތީ މިމަހުގެ ހަ ވަނަ ދުވަހު ނިއުރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ބައްދަލުކުރާ ޗެރިޓީ ޝީލްޑް މެޗުންނެވެ. އެމެޗް ނުކުޅޭން އެފްއޭއެމުން ނިންމީ މިމަހުގެ ފަސް ވަނަ ދުވަހު ސަރުކާރުން 15 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު ގައުމުގައި އިއުލާން ކުރުމުންނެވެ،.
އެފްއޭއެމުން އާންމު ކޮށްފައިވާ މާލޭ ލީގުގެ ފުރަތަމަ ބުރުގެ، ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާ ދެޓީމަކީ ކުލަބް އީގަލްސް އާއި ވިކްޓަރީ ސްޕޯޓްސް ކުލަބެވެ.
މިއަދުގެ މެޗުގެ ކުރިން އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނީ، މިއަދުގެ މެޗަށް ޓީމް އޮތީ ތައްޔާރަށް ކަމަށާއި ޓީމުގެ އެންމެ ފުރަތަމަ އަމާޒަކީ ލީގުގެ ގަދަ ހަޔަކަށް އެރުން ކަަމށެވެ. އަދި ލީގުގެ އެންމެ ފަހު މެޗާ ހަމައަށް ދަންދެން ގަދަ ހައެއް ޔަގީން ކުރުމަށްވުރެ ބޮޑަށް، ވީހާވެސް އަވަހަކަށް އެކަން ކުރުން ވަރަށް މުހިންމު ކަމަށް މޯހަން ބުންޏެވެ.
ވިކްޓަރީގެ ކޯޗް ލާސްލޯ ކިސް ބުނީ، މިއަދުގެ މެޗަށް ނިކުންނައިރު ޓީމް އޮތީ އެންމެ ރަނގަޅު ހާލަތެއްގައި ނޫން ކަމަށެވެ.
"ޓީމް އެކުލަވާލުމުގައިވެސް ދަތިތަކެއް އެބަހުރި. ޓީމް އެއްކޮށް ހަމައަކަށް އެޅުވުމަށް ވަގުތު ބޭނުން." ކިސް ބުންޏެވެ.
ލީގުގައި މިރޭ ކުޅޭ ދެ ވަނަ މެޗުގައި ބައްދަލު ކުރާ ދެޓީމަކީ މާޒިޔާއައި ކުލަބް ގްރީން ސްޓްރީޓްސް އެވެ.
އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުގެ ތިން ވަނަ މެޗުގައި މިމަހުގެ 26 ވަނަ ދުވަހު ވެސް ދެ މެޗެއް ކުޅުމަށް ހަމަޖެހިފައި ވާއިރު، އެދުވަހުގެ ހަވީރު ބައްދަލުކުރާ ދެ ޓީމަކީ ނިއު އާއި ޓީސީއެވެ. އަދި އެދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ އެވެ.
މިއަހަރުގެ މާލޭ ލީގުގައި އަށް ޓީމު ވާދަކުރާއިރު ފުރަތަމަ ބުރުގައި ޖުމްލަ 28 މެޗު ކުޅުމަށް ވަނީ ސެޑިއުލްކޮށްފައެވެ.
މިދިޔަ ސީޒަންގެ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދީ މާޒިޔާއިންނެވެ.
އީގަލްސް އާއި ވިކްޓަރީ ބައްދަލުކުރާ މެޗުން އެސްޓީއޯ މާލޭ ލީގު މިއަދު ހަވީރު ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ