ހަނދު ބެލުން މިއަދު ހަވީރު، އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެ

މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް ހަނދުބެލުން މިއަދު ހަވީރު އޮންނާނެއެވެ.
މިއަހަރުގެ ހިޖުރީ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ މުލަ ރޯދަ ދުވަހަކީ މިހިނގާ މެއިމަހުގެ 19 ވާ ބުދަ ދުވަހެވެ. އެހެން ނަމަވެސް މިރޭ ހަނދު ނުފެނިއްޖެނަމަ، ޝައުބާން މަހުގެ 30 ދުވަސްކޮށް ރަމަޟާން މަސް ފަށާނީ ބުރާސްފަތި ދުވަހުގައެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބާއްވާ ހަނދާއިބެހޭ ކޮމިޓީގެ ބައްދަލުވުން މިރޭ 9:00 އިން ފެށިގެން އެމިނިސްޓްރީގައި ކުރިޔަށް ގެންދާއިރު ހަނދާއި ބެހޭ ބަޔާންވެސް އިއްވާނެއެވެ.
މިއަދު ހަވީރުންފެށިގެން ހަނދުބެލުން ކުރިޔަށް ދާއިރު، އިތުބާރު ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި، އައުހަނދު އުފަންވަނީ ރާއްޖޭގަޑިން 4:48ގައި ކަމަށް، ހަނދާއި ބެހޭ ކޮމެޓީގެ މެމްބަރު އިޔާޒު ނަސީމް ވަނީ ވިދާޅުވެފައެވެ.
އަދި މިރޭ އިރު އޮއްސޭއިރު ރާއްޖެއަށް ހަނދު ފެންމަތީގައި ހުންނާނެ ކަމަށާއި އެހެން ނަމަވެސް ހަމަލޮލަށް ހަނދު ފެނުމުގެ ފުރުޞަތު ވަރަށް ކުޑަކަމުގައި އިޔާޒު ނަސީމް ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ހަނދާއި ބެހޭ ގޮތުން އަމަލު ކުރަމުން އަންނަ ގޮތަށް ބަލާއިރު، ޝައުބާން މަހުގެ 29 ވަނަ ދުވަހަށް އިރު އޮއްސޭއިރު، ރާއްޖެއަށް ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާނަމަ، ރާއްޖެއަށް ހަނދު ނުފެނި އިސްލާމީ އެހެން ޤައުމަކަށް ހަނދު ފެނުނު ކަމުގައިވީނަމަވެސް ރޯދަ ހިފަން ފަށައެވެ.
މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް ހެކިބަސް ދިނުމަށްޓަކައި މެޖިސްޓްރޭޓް ކޯޓުތައް މިއަދު ހަވީރުން ފެށިގެން ހުޅުވިފައި ހުންނާނެ ކަމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ބުނެފައެވެ.
އެޑިޕާޓްމަންޓުން ބުނީ އެހެން އަހަރުތަކެކޭ އެއްފަދައި 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަަށް ޓަކައި، މިއަދު ހަވީރު 5:30ން ފެށިގެން ހަނދާއި މެދު ގޮތެއް ނިމެންދެން އެޑިޕާޓްމަންޓާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.
ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި އައު ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައި ނަމަ ސްޕީރިއާ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައި ކަމަށާއި އަތޮޅު ތަކުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައެވެ. އަދި މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހަނދު ސާބިތުކުރުމަށް ހެކިބަސް އަދާކުރަން ޖެހޭނީ ރަށު ކައުންސިލްގެ އެންމެ އިސް ވެރިއެއްގެ ކުރިފުޅު މަތީގައެވެ.
އަދި އައު ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީއެންމެ އަވަހަކަށް ހާޟިރުވެ ހެކިބަސް ދިނުމަށް އެޑިޕާޓްމަންޓުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ