ރައީސް އަބްދުﷲ ޔާމީން ފަދަ އަނިޔާވެރި ވެރިއެއް ދެކެވަޑައިނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ބޭސްފަރުވާއަށް ޖަރުމަންގައި ހުންނެވި ގާސިމް އިބްރާހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގެންނެވި އެންމެ އަނިޔާވެރި ވެރިޔަކީ ރައީސް ޔާމީން ކަމަށެވެ.
ރައީސް ޔާމީނަށް ވަަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ރައީސް ޔާމީން ފަދައިން އިތުރުފުޅު ހައްދަވާ، އަނިޔާވެރިކަމާ އަދި ބޮޑާ ކިބުރުވެރި ވެރިއެއް ވެސް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް ޔާމީނަކީ ރަހްމެއްނެތް، ލާއިންސާނީ އަދި އަމިއްލަ އެދުމުން ފުރިފައިވާ ވެރިއެއް ކަމަށްވެސް ގާސިމް ވަނީ ފާހަގަކުރައްވާފަ އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ރައީސް ޔާމީން ފަދައިން ގާނޫނުތަކާއި ދީނަށް ބެލުމެއް ނެތި ވެރިކަން ކުރެއްވި އެހެން ވެރިޔަކު ވެސް އެމަނިކުފާނު ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ރާއްޖޭގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން ގާސިމް ގެންދަވަނީ އަބަދުވެސް އެމަނިކުފާނުގެ ވިސްނުން ހާމަކުރައްވަމުންނެވެ.
ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރާއި އަދި އެހެނިހެން ބައެއް ބޭފުޅުން ހައްޔަރުކުރި މައްސަލާގައި ވެސް ގާސިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން ގާސިމް އިބްރާހީމް ވިދާޅުވީ ރާއްޖެއިން މިހާރު ފެންނަނީ ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ ހައިޖެކްކޮށް އަސްކަރިއްޔާގެ ދަށަށް މުޅި ގައުމު ގެނެސްފައިވާ މަންޒަރު ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ޑިމޮކްރަސީ އިއާދަކޮށް، ގައުމުގައި ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގާއިމުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ގާސިމް އިބްރާހީމް ވަނީ އދ.އަށް ގޮވާލައްވާފަ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ގައުމުގެ ހާލަތު މިގޮތުގައި ދެމިގެން ދިއުމަކީ ހަމައެކަނި ގައުމުގެ ހަމަޖެހުމާއި ސަލާމަތަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން އިއާދަނުކުރެވޭވަރުގެ ގެއްލުންތަކެއް ގައުމުގެ އިގުތިސާދަށް ވެސް ލިބެމުންދާ ކަމަށެވެ.
ދިވެހި ރައްޔިތުންނާއި ދިވެހި ވިޔަފާރިވެރިންނާއި ބޭރުގެ އިސްވެސްޓަރުންގެ މަސްލަހަތުތައް ހިމާޔަތްކޮށް، ގާނޫނުގެ ވެރިކަން ސަލާމަތްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މިހާރުން މިހާރަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވެސް ގާސިމް އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޔާމީން ފަދަ އަނިޔާވެރި ވެރިއެއް ނުދެކެން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ