އަބްދުﷲ ގާޒީ ހައްޔަރު ކުރަން ނަޝީދު އެންގެވި އަޑެއް ނާހަން: ހެކިން

ކްރިމިނަލް ކޯޓޫގެ އިސް ގާޒީ އަބްދުﷲ މުހައްމަދި ހައްުަޔަރު ކުރަން ނުވަތަ ލިޔުމަކުން އޭނާ ހައްޔަރު ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންގެވި އަޑު ނާހާ ކަމަށް ނަޝީދާއި ދެކޮޅަށް ދައުލަތުން ހެކިންގެ ގޮތުގައި ހުށަހެޅި ދެ މީހަކު ބުނެފި އެވެ.
ދައުލަތުން ނަޝީދާއި ދެކޮޅަށް ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ ދެ ފުލުހެކެވެ. އެ ދެ ފުލުހުންނަކީ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ޖަމްޝީދާއި ޗީފް އިންސްޕެކްޓަރު އަހުމަދު ޝާކިރެވެ.
އެ ދެ ފުލުހުންވެސް ބުނެފައިވަނީ ލިޔުމުންނާއި އަނގައިން ގާޒީ ހައްޔަރު ކުރަން ނާންގަވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ މައި މަރުކަޒުގައި ބޭއްވި ބައްދަލުވުމެއްގައި އަބްދުﷲ ގާޒީއަށް 100 ފޫޓަށްވެސް ކޯޓާއި ކައިރިނުވެވޭނެކަމަށް ވިދާޅުވި ކަމަށް ދެ ހެކިންވެސް ބުނެފައި ވެއެވެ.
އެ ދެ ފުލުހުންވެސް ބުނީ ހައްޔަރު ކުރަން އެންގެވި އަޑު ނޭހިކަމުގައިވިޔަސް ގާޒީ އެކަހެރި ކުރަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި ކަމަށެވެ.
މިރޭގެ ޝަޜީއަތަށް ދައުލަތުގެ ފަރާތުން ވަނީ ފުލުހުންގެ މަރުކަޒުގައި 2012، ޖެނުއަރީ 18، ގައި ބޭއްވި އެ ބައްދަލުވުމުގެ ރެކޯޑިން ހުށަހަޅާފައި އެވެ.
އެ ރެކޯޑިންގައި ނަޝީދު ދެއްކެވި ވާހަކަ ތަކުގެ އިތުރަށް ހެކިވެރިއަކު އެ މައްސަލައާއި ގުޅޭގޮތުން މިރޭގެ ޝަރީއަތުގައި ވާހަކަދެއްކުމުން ނަޝީދުގެ ގާނޫނީ ޓީމުން ވަނީ އެނުކުތާ ފާހަގަކޮށްފައި އެވެ. ނަޝީދުގެ ގާނޫނީ ޓީމުން ބުނީ  އެ ވިދާޅުވާ ބައްދަލުވުމުގެ އޯޑިއޯ ލިބިފައިވާ ކަމަށާއި އަދި އެ އޯޑިއޯ ދައުލަތުން ހެކީގެ ގޮތުގައި ހުަށަހަޅާފައިވާއިރު އެ އޯޑިއޯގައި އަބްދުﷲ ގާޒީ އެކަހެރި ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ނުވާ ކަމަށެވެ. އެހެންކަމުން އެފަދަ ހެއްކެއް ބަލައިނުގަނެވޭނެ ކަމަށް ނަޝީދުގެ ވަކީލް ވިދާޅުވި އެވެ.
އަދި ހެކިންގެ ގޮތުގައި ފުލުހުންނާއި ސިފައިން ހުށަހަޅާ ނުކުތާވެސް ފާހަގަ ކުރި އެވެ. ނަޝީދުގެ ގާނޫނީ ޓީމުން ބުނީ ހެކިންގެ ގޮތުގައި ފުލުހުންނާއި ސިފައިން ހުށަނޭޅޭނެ ކަމަށާއި އެ ފަރާތްތަކަކީ މައްސަލައިގަ ޝާމިލްވާ ބައެއްކަމަށެވެ.
މީގެ އިތުރުން މިރޭ ހެކި ބަސް ދިން ފުލުހުންގެ ކައިރިން ނަޝީދުގެ ވަކީލުން ވަނީ އޭނާ މިއަދު ޕީޖީ އާއި ބައްދަލުކުރިންތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި އޭނާ ބުނީ ޕީޖީ އޮފީހަށް މިއަދު ގޮސް ބަޔާންތައް ކިޔައި ޕީޖީގެ ވަކީލުންނާއި ވާހަކަދެއްކިން ކަމަށެވެ. އޭނާ އެހެން ބުނުމުން އޭނާގެ ހެކިބަހާއި މެދު ނަޝީދުގެ ވަކީލުން ވަނީ ސުވާލު އުފައްދާފައެވެ.
މިރޭގެ ޝަރީއަތުގައި ނަޝީދުގެ ފަރާތްޕުޅުން ވަނީ އެމަނިކުފާނު ބަންދުގައި ބަހައްޓާ މައްސަލަ އަލުން މުރާޖާ ކުރުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ގާޒީ ވިދާޅުވީ އެ ނިންމުން ބަދަލު ކުރެވެން ނެތް ކަމަށެވެ.
ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ރޭ ބާއްވަން ވަނީ ތާވަލް ކޮށްފައި އެވެ. މާދަމާ ރޭވެސް ކުރިޔަށް ގެންދަން ނިންމާފައިވަނީ ހެކިވެރިންގެ ހެކިބަސް ނެގުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ