އަގުބޮޑުކޮށް މުދާ ގަނެވުނީ ނޭނގި، އެ ފައިސާ އަނބުރާ ހޯދިން: އެންޑީއެމްއޭ

ކޮވިޑް-19ގައި މާލޭގައި ހާލުގައި ޖެހުނު މީހުންނާއި ކަރަންޓީން ފެސިލިޓީތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ގަތް ތަކެތީގެ އިތުރުވި ފައިސާ އަނބުރާ ހޯދާފައިވާނެ ކަމަށް ނެޝެނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފި އެވެ.
ކޮވިޑް-19ގައި އެންޑީއެމްއޭއިން ކޮށްފައިވާ ހަރަދުތައް އޮޑިޓްކޮށް ނެރުނު ރިޕޯޓުން ހާމަވާ ގޮތުގައި އެ އޮތޯރިޓީން ގިނަ ތަކެތި ގަނެފައި ވަނީ އާންމުކޮށް ތަކެތި ވިއްކާ އަގަށް ވުރެ ދެ ގުނަ ބޮޑުކޮށެވެ. އަދި ސަރުކާރުން އަގު ކޮންޓްރޯލްކޮށްފައިވާ ތަކެތި ވެސް ގަނެފައި ވަނީ ބޮޑުކޮށެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ސަރުކާރުން އަގު ކޮންޓްރޯލްކޮށްފައިވާ ތަކެތި ކަމަށްވާ ހަނޑޫ، ހަކުރު، ފުއް، މުގު އަދި ފިޔާ ގަނެފައި ވަނީ އެތަކެއްޗަށް ހަމަ އަގުން ޖެހޭނެ ޖުމްލަ އަދަދަށް ވުރެ މާ ބޮޑުކޮށެވެ.
އެންޑީއެމްއޭއިން މިއަދު ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ތަކެތި އަގުބޮޑުކަން އޮޑިޓް ރިޕޯޓަށް ވުރެ މާކުރިން އޮތޯރިޓީ އަށް އެނގިފައިވާ ކަމަށެވެ. އަދި އެކަން ހައްލު ވެސް ކޮށްފައިވާ ކަމަށެވެ.
ހިސާން ވިދާޅުވީ އޮޑިޓް ރިޕޯޓުގައި 23،000ރ. ގެ މައްސަލައެއް ފާހަގަކޮށްފައި ވީ ނަމަވެސް އަސްލު އެކަމުގައި ހޭދަވެފައި ވަނީ 2800ރ، ކަމަށެވެ. އަދި އެކަން އިސްލާހު ވެސް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ އާންމު ހާލަތުގައި ތަކެތީގެ އަގު ހުންނަ ވަރާއި މި ހާލަތާ އަޅާ ނުކިޔޭނެ ކަމަށާއި ނަމަވެސް ކޮންޓްރޯލްކޮށްފައިވާ އަގުތަކުގައި މައްސަލަ ދިމާވެފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ.
"އެކަން ފާހަގަވެގެން މި އޮޑިޓް ރިޕޯޓް ނެރުމުގެ މާކުރިން އެ ފައިސާ ވަނީ އަނބުރާ ހޯދައިފަ. އެހެންވީމަ މީކީ މި އޮޑިޓް ރިޕޯޓުގައި އޮންނަން ޖެހޭ ވާހަކައެއް ވެސް ނޫން،" އޭނާ ވިދާޅުވިއެވެ.
"އޮޑިޓް ރިޕޯޓުގައި މިކަން ފާހަގަކޮށްފައި މިވަނީ ބަލަންވާ ވަރަށް ނުބެލި ރައްޔިތުންނަށް އޮޅޭ ގޮތަށް ކަން އަޅުގަނޑު ހިތާމައާ އެކީ ފާހަގަކުރަން."
ތަކެތި ގަތް ގޮތް ތަފްސީލްކޮށްދެއްވަމުން ހިސާން ވިދާޅުވީ އެއްވެސް އެއްޗެއްގެ އަގެއް ވަކިވަކިން ބަލާފައި ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެކަން ކުރިއަށް ގެންދިޔައީ އެންޑީއެމްއޭގެ ބިޑް ކޮމިޓީ މެދުވެރިކޮށް ބޭނުންވާ ތަކެތީގެ ލިސްޓެއް ހަދައި ހުރިހާ އެއްޗެއްގެ ޖުމްލަ އަގަށް ބަލައިގެން ކަމަށެވެ.
"އެ ލިސްޓު އެކިއެކި ތަންތަނަށް ފޮނުވައިގެން ލިސްޓުތަކަށް އަޅުގަނޑުމެން ދިޔައީ އަގުތައް ހޯދަމުން. އަގުތައް ހޯދުނު އިރު ބަލާފައި ވާނީ މުޅި ލިސްޓުގެ ޖުމްލަ ހުށަހެޅުނު އަގަށް. މިގޮތުން ހުށަހަޅާފައިވާ އަަގުގެ އެންމެ އަގު ހެޔޮކޮށް މިކަން ކޮށްދޭނެ ފަރާތެއް ކަނޑައެޅީ ބިޑް ކޮމިޓީގައި މަޝްވަރާކޮށްގެން،" ހިސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ފާހަގަވުމަށް ފަހު ދެން ކަރަންޓީން ފެސިލިޓީތަކާއި، އެހެންތަންތަނަށް ވެސް ކާބޯތަކެތި ފޯރުކޮށްދީފައި ވާނީ އެފަދަ މައްސަލަތައް ދިމާނުވާނެހެން ރަނގަޅަށް މޮނިޓާ ކޮށްގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ