އައިޝްވާރްޔާ އާއި އާރަދްޔާ މިހާރު ކޮވިޑަށް ނައްސި، އެކަމަކު އަމީތާބާއި އަބީޝޭކް އަދިވެސް ފައްސި!

ކޮވިޑް-19 އަށް ފައްސިވީ ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އައިޝްވަރްޔާ ރާއީ ބަޗަން އާއި އޭނަގެ ދަރިފުޅު އާރަދްޔާ ބަޗަން އެބަލިން މިހާރު ނައްސިވެ، ހޮސްޕިޓަލުން ވެސް ދޫކޮށްލައިފިއެވެ.
އައިޝްވާރްޔާ އާއި އާރަދްޔާ އެންމެ ފަހުން ހެދި ޓެސްޓުގެ ނަތީޖާ ދެއްކީ ނައްސި ކަމަށާއި އެހެންކަމުން އެދެމީހުން މިހާރު ގެއަށް ފޮނުވާލާފައިވާކަން އަބީޝޭކް ވަނީ ޓްވިޓާ މެދުވެރިކޮށް ހާމަކޮށްފައެވެ.
ނަމަވެސް އަބީޝޭކް އާއި އޭނަގެ ބައްޕަ އަދިވެސް ދަނީ ނާނާވަތީ ހޮސްޕިޓަލުން ފަރުވާ ހޯދަމުންނެވެ.
ބަޗަން އާއިލާއަށް ހެޔޮ ދުއާ ކޮށްދިން އެންމެންނަށް ޝުކުރު އަދާކުރަމުން އަބީޝޭކް ބުނީ އައިޝްވާރްޔާ އާއި އާރަދްޔާ ކޮވިޑަށް މިހާރު ނައްސި ކަމަށާއި އެހެންކަމުން ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އަމިތާބާއި އަބީޝޭކް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކަމަށް ވެސް އޭނަ ބުނެފައިވެއެވެ.
އަމީތާބާއި އަބީޝޭކް މިބައްޔަށް ފައްސިވެ ހޮސްޕިޓަލުގައި އެނދުމަތި ކުރީ މިމަހުގެ 11 ވަނަ ދުވަހުގައެވެ. އައިޝްވާރްޔާ އާއި އާރަދްޔާ ބައްޔަށް ފައްސިކަން އެނގުނީ އޭގެ އަނެއް ދުވަހުގައެވެ. ނަމަވެސް ފުރަތަމަ ގޭގައި ކަރަންޓީނު ވެގެން ހުރުމަށްފަހު ހާލު ބޮޑުވެގެން އެދެމައިން ހޮސްޕިޓަލުގައި އެނދުމަތި ކުރީ އޭގެ ހަފްތާއެއް ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ