ޗައިނާއަށް ފާޑުކިޔުމަށްފަހު މަޝްވަރާކުރާތީ އަލީގެ ސުވާލެއް

ޗައިނާއާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދެއްކުމަށްފަހު އެ ގައުމާއެކު ފަށާ މަޝްވަރާތަކުން އެކަށީގެންވާ ނަތީޖާއެއް ނެރެވިދާނެތޯ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ސުވާލު އުފައްދަވައިފި އެވެ.
ދިވެހިރާއްޖެއާ ޗައިނާ އާއި ދެމެދު ބާއްވާ ބައިލޭޓަރަލް ކޯޑިނޭޝަން މެކޭނިޒަމްގެ މަޝްވަރާތައް މިއަދު ވަނީ ފަށާފައެވެ. މިއަދުގެ މަޝްވަރާތަކުގައި ރާއްޖެއަށް ޗައިނާގެ ފަތުރުވެރިން ގެނައުމާއި އިގްތިސާދީ އެކި މައްސަލަތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރުމަށް ވަނީ ނިންމާފައެވެ.
ޗައިނާއަކީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ރާއްޖެއާ އެންމެ ގުޅުން ބޮޑު ގައުމެވެ. ރާއްޖޭގައި އެންމެ ގިނަ މަޝްރޫއުތައްވެސް ހިންގާފައިވަނީވެސް ޗައިނާގެ އެހީތެރިކަމުގައެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައި ފަހުން ދެ ގައުމުގެ ގުޅުމަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް ވަނީ އައިސްފައެވެ.
ދެ ގައުމުގެ ގުުޅުން އެންމެ ބޮޑަށް ގޯސްވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޗައިނާއާ ގުޅޭގޮތުން ދައްކަވާ ވާހަކަތަކުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެމަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް ޗައިނާއާ ގުޅޭގޮތުން އެކި ވާހަކަތައް ދައްކަވަމުންނެވެ.
ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން ވަނީ ރާއްޖެ-ޗައިނާ މަޝްވަރާތަކުން ނަތީޖާއެއް ނެރެވިދާނެތޯ ސުވާލު ކުރައްވާފައެވެ. އަލީ ހުސައިން އެ ސުވާލު ކުރައްވާފައިވަނީ ޗައިނާ ގުޅޭގޮތުން ދައުލަތުގެ ބައެއް އިސް ބޭފުޅުން ތަފާތު ވާހަކަތައް ދައްކަމުންދާތީއެވެ.
ދެެއިރު ދެ ދަޅަޔަށް ޗައިނާއަށް ބަވާ އެއްޗެހި ކިޔުމަށްފަހު މިހާރު ފަށާ މަޝްވަރާތަކަކުން އެކަށީގެންވާ ނަތީޖާއެއް ހޯދިދާނެބާ
އަލީ ހުސައިން | ކެންދޫ ދާއިރާގެ މެންބަރު
ކޮވިޑް-19ގެ ބަލިމަޑުކަމާ މުޅި ދުނިޔެއިން ކުރިމަތިލާފައިވާ މިދަނޑިވަޅުގައި ރާއްޖެ-ޗައިނާ މަޝްވަރާތައް ބޭއްވުމަށް ޗައިނާ ސަރުކާރުން އިސްނެންގެވިކަމަށްޓަކައި ދިވެހި ސަރުކާރުން އިއްޔެ ވަނީ މަރުހަބާ ކިޔާފައެވެ.
ރާއްޖޭގެ 12 ރަށެއް ޗައިނާއެކި ވިޔަފާރި ކުންފުނިތަކަށް ކުރީ ސަރުކާރުން ވިއްކާލާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ޗައިނާ ސަފީރު ޖަންގް ލިޖޮންގް ދާދިފަހުން ވަނީ ރައްދު ދެއްވާފައެވެ.
އަދި ރައީސް ނަޝީދު މިފަދަ ވާހަކަތައް ދައްކަވަމުން ގެންދަވާތީ ކޮންމެ ފަަހަރަކުވެސް ސަފީރު ގެންދަވަނީ އެކަން ރައީސް ސޯލިހާއި ފޮރިން މިނިސްޓަރުގެ ސަަމާލު ކަމަށް ގެންނަވަމުންނެވެ. ނަމަވެސް ރައީސް ނަޝީދު އެކި ފަހަރު މަތިން ދައްކަވާފައިވާ ވާހަކަތަކާއި ގުޅޭގޮތުން ސަރުކާރުން ވަކި އެއްޗެއް ނުބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ