ތިނަދޫގައި ހުޅުޖެހި މައްސަލަ ކޯޓުން ބަލައި ނުގަނެ ބޭރުކޮށްލައިފި

ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނަށާއި ކޯޓުތަކަށް ގެއްލުން ދީ ހުޅުޖެހި މަައްސަލާގައި 89 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް އަލުން ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލައިނުގަނެ މިއަދު ބޭރުކޮށްލައިފި އެވެ. ޕީޖީ އޮފީހުގެ އޮފިޝަލަކު "ހަވީރަ" ށް ވިދާޅުވީ މައްސަލަ ކޯޓުން ބަލައި ނުގަތް ކަމަށެވެ. ނަމަވެސް އޭގެ ސަބަބެއް ކޯޓުން ނުބުނާ ކަމަށް އޭނާ ވިދާޅުވި އެވެ. ފެބްރުއަރީ 8، 2012 ގައި ތިނަދޫ ޕޮލިސް ސްޓޭޝަނާއި ކޯޓުތަކުގައި އަލިފާން ރޯކޮށް، އެ ތަންތަނަށް ގެއްލުން ދިން މައްސަލާގައި ގިނަ އަދަދެއްގެ ބައެއްގެ މައްޗަށް ދައުވާ ކުރަން ދެ ވަނަ ފަހަރަށް މިއަދު ހުށަހެޅީ ކުރިން އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ޝަރީއަތްތައް ކުރިއަށް ދަނިކޮށް ކޯޓުން މައްސަލަ ބޭރުކޮށްލުމުންނެވެ. މިދިޔަ ހޮނިހިރު ދުވަހު އެ މައްސަލަ ކޯޓުން ބޭރުކޮށްލީ އެ ދުވަހު ބޭއްވުމަށް ތާވަލް ކުރި ޝަރީއަތަށް ދައުލަތުގެ ވަކީލުން ހާޒިރު ނުވެގެންނެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނަރަލް މުހްތާޒް މުހްސިން ވިދާޅުވެފައި ވަނީ ވަކީލުންނަށް ކޯޓަށް ނުދެވުނީ އެ ދުވަހު ޝަރީއަތް އޮންނަކަން މިދިޔަ ބުރާސްފަތި ދުވަހު "މާ ފަހުން އެންގުމުން" ކަމަށެވެ. އެ މައްސަލަ އޭރު ކޯޓުން ބޭރުކޮށްލާފައި ވާތީ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ވެސް ޕީޖީ އޮފީހުން ވަނީ ހުށަހަޅައިފަ އެވެ. ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި މީހުންގެ މައްސަލަ ކޯޓުން ބޭރުކޮށްލިއިރު އެ މައްސަލަގައި ހިމެނޭ 55 މީހަކު ހެކިންނަށް ބިރު ދައްކާ ކަމަށް ބުނެ ހެކިބަސް ނަގާ ނިމެންދެން އެ މީހުން ބަންދުގައި ބޭތިއްބުމަށް އަމުރު ނެރުނެވެ. އަދި ޝަރީއަތަށް ހާޒިރު ނުވި 17 މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ވެސް ވަނީ އަމުރު އަމުރުކޮށްފަ އެވެ. ނަމަވެސް މައްސަލަ އަނބުރާ ފޮނުވާލުމާ އެކު އެމީހުން ވަނީ ބަންދުން ވީއްލިފަ އެވެ. މައްސަލާގައި ހިމެނޭ އެންމެން ވެސް ދައުވާ އަށް އިންކާރުކޮށްފައި ވާއިރު އެ މީހުންނާ ދެކޮޅަށް ހެކިން ހެކިބަސް ދެމުން ގެންދިޔައީ ސިއްރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ