ނިއުގެ އަންވަރާ ދެކޮޅަށް ހުށަހެޅި މައްސަލަ ހައްލު ކުރަން 10 ދުވަސް ކޯޓުން ދީފި
މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ޕްރެޒިޑެންޓްސް ކަޕަށް އައްޑު އަށް އައި ނިއުރޭޑިއަންޓްގެ އެކޮމަޑޭޝަަނަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އެ ޓީމްގެ ޖެނެރަލް ސެކްރެޓަރީ އަންވަރު އަލީއާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލަ ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލު ކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 10 ދުވަހުގެ މުއްދަތެއް މިއަދު ދީފި އެވެ. އަންވަރާ ދެކޮޅަށް ފައިސާގެ މައްސަލާގައި ކޯޓުގައި ދައުވާ ކުރީ އަންވަރާ އެކު ކުރެވުނު މުއާމަލާތެއްގެ މައްޗަށް ބިނާކޮށް ނިއު ރޭޑިއަންޓް އެކޮމޮޑޭޝަނާއި ކެއުން ހަމަޖައްސައި ދިން ހިތަދޫ އަހުމަދު ސައީދެވެ. އޭނާ ކޯޓަށް މައްސަލަ ވެއްދީ ޑިސެމްބަރު 8، 2015 ގަ އެވެ. މި މައްސަލާގައި މިއަދު އޮތް އަޑު އެހުމަށް އަންވަރު ހިތަދޫ ކޯޓަށް ހާޒިރުކޮށް، ސުވާލު ކުރުުމުން އޭނާ ވިދާޅުވެފައި ވަނީ އެ ދައުވާ އަކީ ނިއު ރޭޑިއަންޓްގެ މައްޗަށް ކުރަން ޖެހޭ ދައުވާއެއް ކަމަަށާއި އޭނާ މުއާމަލާތް ކުރީ ޓީމުގެ ފަރާތުން ކަމަށެވެ. އަންވަރު އެގޮތަށް ވިދާޅުވުމުން ގާޒީ އިބްރާހީމް ނަފީސް ވަނީ ޓީމުގެ ފަރާތުން އަންވަރު އެ މުއާމަލާތް ކުރީ ކޮން ހައިސިއްޔަތަކުންތޯ އައްސަވައިފަ އެވެ. ޖަވާބުގައި އަންވަރު ވިދާޅުވީ އޭނާއަކީ ނިއު ރޭޑިއަންޓްގެ ސެކްރެޓަރީ ޖެނެރަލް ކަމަށެވެ. އެެހެންވެ ގާޒީ ވިދާޅުވީ އަންވަރާ ދެކޮޅަށް ހުށަހެޅި ދައުވާ ކޯޓްގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނިއުރޭޑިއަންޓްގެ ކުޅުންތެރިންނާއި އޮފިޝަލުންނާ އެކު ޖުމްލަ 30 މީހެއްގެ އެކަމޮޑޭޝަނާއި ކެއުން ހަމަޖައްސައި ދީގެން އެ ޓީމުން ސައީދަށް ޖުމްލަ 129،000ރ. ދައްކަން ޖެހޭ އިރު، އޭގެ ތެރެއިން ދައްކައިފައި ވަނީ 50،000ރ. އެވެ. ޕްރެޒިޑެންޓްސް ކަޕަށް އައްޑު ދިޔަ ނިއުރޭޑިއަންޓް ޓީމް: ޓީމްގެ އެކަމޮޝަން ހަމަޖައްސައި ދިން ފަރާތަށް ދޭން ޖެހޭ ފައިސާގެ މައްސަލަ އޮތީ ކޯޓް މަރުހަލާގައި. --ފޮޓޯ/ ނިއުރޭޑިއަންޓް އެ ފައިސާ ދިނީ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެހެން ނަމަވެސް ބާކީ ލިބެން ޖެހޭ ފައިސާ ނުލިބި ލަސްވާތީ އާއި އެ ފައިސާ ހޯދުމުގައި މުއާމަލާތް ކުރުމުގައި ދަތިތަތަކެއް ދިމާވެގެން ކޯޓަށް މައްސަލަ ވެއްދީ ކަމަށް ސައީދު ބުނެފައިވެ އެވެ. މި މައްސަލާގައި އަންވަރު ކުރިން ވިދާޅުވީ ފައިސާ ނުދެވި ލަސްވެގެން އުޅެނީ އެފްއޭއެމުން، ޓީމަށް ދޫކުރަން ޖެހޭ ފައިސާ އެ ޓީމަށް ދޫނުކޮށްގެން ކަމަށެވެ. އަދި ޕްރެޒިޑެންޓްސް ކަޕަށް އައްޑު އަށް ދިޔަ ޓީމްތަކަށް ކުޅިވަރާ ބެހޭ މިނިސްޓްރީން ދޫކުރަން ނިންމި ފައިސާ އެފްއޭއެމާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ