ސުޕްރީމް ކޯޓު ކައިރީ އެމްޑީޕީން މުޒާހަރާކޮށްފި

ރިޔާސި އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށް ބުނެ ޖޭޕީން ސުޕުރީމް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުމެއް މިއަދު ކުރިއަށްގެންދިޔަ ވަގުތު އެމްޑީޕީން ސުޕުރީމް ކޯޓު ސަރަހައްދުގައި މިއަދު މުޒާހަރާކޮށްފި އެވެ.
ކޯޓުގައި އަޑުއެހުން ކުރިއަށްދިޔަ ވަގުތު އެމްޑީޕީން ވަނީ އެ ސަރަހައްދަށް އެއްވެ ލޯޑް ސްޕީކަރާއި، އެހެން ބާވަތްތަކުގެ އަޑުގަދަ ކުރާ ސާމާނު ބޭނުން ކޮށްގެން މުޒާހަރާކޮށް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގަންވާ ބައެއް ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުތުރުބަހުން މުހާތަބުކޮށް އަޑު އުފުލާފަ އެވެ.
ނަމަވެސް އެމްޑީޕީގެ މުޒާހަރާ ކުރިއަށް ގެންދިޔަނުދީ ސިފައިންނާ ފުލުހުންވަނީ މުޒާހަރާގެ ބައިވެރިން ސުޕުރީމް ކޯޓު ސަރަހައްދުން ދުރުކޮށް ކޯޓު ހިމެނޭ ސަރަހައްދުގެ ހުރިހާ މަގެއް ސިފައިންނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މިއަދުގެ މުޒާހަރާގައި ހަމަނުޖެހުން އުފައްދައި ފުލުހުންނަށް ނުކިޔަމަންކަން ދެއްކި އެމްޑީޕީގެ ބައެއް މެންބަރުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެމްޑީޕީގެ މުޒާހަރާ ނިންމާލާފައިވަނީ މިއަދު އިރުއޮއްސި ހައެއް ޖެހި ކަންހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ