އިންތިހާބަށް ޖުމްހޫރީ ގުޅުމުން ހުރަހެއް ނާޅާނެ: ގާސިމް

ރިޔާސީ އިންތިހާބަށް ހުރަސް އަޅަން ޖުމްހޫރީ ގުޅުމުން މަސައްކަތް ނުކުރާނެ ކަމަށާއި ވޯޓްލުމުގެ ހައްގުން ރައްޔިތުން މަހުރޫމް ނުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ކުނޫޒްގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ގާސިމް މިއަދު ހަވީރު ވިދާޅުވީ ޖުމްހޫރީ ގުޅުމުން ލިސްޓްގައި ސޮއި ނުކޮށްގެން އިންތިހާބު ނުބޭއްވި ނުދާނެ ކަމަށާ އިންތިހާބީ ހައްގަށް ޖުމްހޫރީ ގުޅުމުން ހުރަސްނާޅާނެ ކަމަށެވެ. އަދި ވިދާޅުވީ ކުރިން ބާއްވަން އުޅުނު އިންތިހާބުވެސް ނުބޭއްވުނީ އިލެކްޝަންސް ކޮމިޝަނަށް ތައްޔާރު ނުވެގެން ކަމަށާ ޖުމްހޫރީ ގުޅުމުގެ ފަސް ބޭފުޅަކު މިހާރު އިލެކްޝަންސް ކޮމިޝަންގައި ވޯޓާސް ލިސްޓްގައި ސޮއިކުރަމުން ގެންދާކަމަށެވެ.
"ނަމަވެސް ދަންނަވަންތޯ؟ ހުރިހާ ކެންޑިޑޭޓުންލައްވާ ސޮއި ކުރުވި ނަމަވެސް އިންތިހާބު ބާއްވަންޖެހޭނީ ސުޕްރީމް ކޯޓުގެ ގައިޑްލައިންނާއި އެއްގޮތަށް. އަޅުގަނޑު ގަބޫލެއް ނުކުރަން އެ ނޫން ގޮތަކަށް އިންތިހާބު ބޭއްވިގެން ވާނެ ކަމަކަށް،" ގާސިމް ވިދާޅުވި އެވެ. "ބޭނުންވަނީ މިފަހަރު އިންތިހާބު ބާއްވާ ގާނޫނީ ގޮތުން ރައީސަކު އިންތިޚާބުކޮށް ރައްޔިތުންނަށް އުފާފާގަތިކަން ހޯދައި ދިނުމަށް،"
ގާސިމް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ރައްޔިތުން ވީހާވެސް ހެނދުނާ ނިކުމެ ވޯޓްލުމަށް އެދިވަޑައިގަންނަވާ ކަމަށާ އިންތިޚާބު މިނިވަން އިންސާފުވެރި މާހައުލެއްގައި ކުރިއަށް ގެންދަން ބޭނުންފުޅުވާ ކަމަށެވެ.
" ޖުމްހޫރީ ގުޅުމުން އިންތިހާބަށް ނުކުމެ އޮތީ ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދީ ގައުމާއި ދީނާއި ވަތަން ސަލާމަތް ކުރުމަށް. ގައުމީ މި ބޮޑު މަސައްކަތުގައި ބައިވެރިވެ ކެނޑިޑޭޓް ނަންބަރު އެކަކަށް ވޯޓްދިނުމަށް އަޅުގަނޑު ތަކްރާރްކޮށްވެސް ރައްޔިތުންނަށް އިލްތިމާސްކުރަން އިނގޭތޯ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ދެވަނަ ބުރެއްގައި ވޯޓްލާން ނުކުންނަން ނުޖެހޭގޮތަށް މިފަހަރުގެ އިންތިޚާބު ނިންމައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށާއި ކޮންމެ ފަހަރު އިންތިޚާބާއި ގުޅުވައިގެން އެމަނިކްފާނުގެ އަގުވައްޓާލުމަށް ބަޔަކު ކެނޑިނޭޅި މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ