ރިޝީފަށް ވަޒީފާދޭން ކުރި ހުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފި

ފުލުހުންގެ ކާރެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި އެކަމަށް އިރުޝާދު ދިންކަމުގެ ތުހުމަތުގައި ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ ރިޝީފް ތޯހާއަށް ވަޒީފާދޭން ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފިި އެވެ. އެ ތުހުމަތުގައި ރިޝީފް ވަޒީފާއިން ވަކިކޮށްފައިވަނީ 2010 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭރު އޭނާ ހުރީ ޗީފް އިންސްޕެކްޓަރުގެ ރޭންކުގަ އެވެ. އޭނާ ވަޒީފާއިން ވަކިކުރުމުން އެ ވަޒީފާ އަނބުރާ ހޯދަން ސިވިލް ކޯޓުގައި ދައުވާކުރުމުން އެ ކޯޓުން ހުކުމްކޮށްފައި ވަނީ ރިޝީފަށް ވަޒީފާދޭން އަންގާނެ ތަނެއް ނެތް ކަމަށެވެ. ނަމަވެސް އެ ހުކުމް ރިޝީފްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ހުކުމްކުރީ ރިޝީފަށް ވަޒީފާ ދިނުމަށެވެ. އެހެންވެ ދައުލަތުން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ އެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ވަނީ ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު މުޅި އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ. އެހެންކަމުން އެ މައްސަލައިގެ އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އެވެ. ރިޝީފަށް ވަޒީފާދޭން ހައި ކޯޓުން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ހުކުމްކުރި ނަމަވެސް މިހާތަނަށް ވެސް އޭނާއަށް ވަޒީފާ ދީފައެއް ނުވެއެވެ. އޭނާ އެ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ހައި ކޯޓުން ހުކުމްކުރުމާ ހަމައަށްވާ ދުވަސްތަކަށް އޭނާއަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް އެކީ އެއްފަހަރާ ދިނުމަށް ވެސް ހައި ކޯޓުގެ ހުކުމުގައި އަންގާފައިވެ އެވެ. ރޭޕް ތުހުމަތުގައި ރިޝީފާ އެކު އިތުރު ފުލުހުންތަކެއް ވެސް ވަޒީފާއިން ވަކިކުރި އެވެ. ނަމަވެސް އެމީހުންނަށް ވަޒީފާ އަނބުރާ ދިނުމަށް ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ވަނީ ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ