އަދީބު ގާޒީ ފެމެލީ ކޯޓަށް ބަދަލުކުރައްވާ، އިސް މެޖިސްޓްރޭޓް ކަމަށް ބޭފުޅަކު ހަމަޖައްސައިފި

ދެ ފަނޑިޔާރަކު މަސައްކަތް ކުރައްވާ ކޯޓް ނޫން އެހެން ކޯޓްތަކަށް ބަދަލު ކުރަން ނިންމަވާ އިސް މެޖިސްޓްރޭޓް ކަމަށް ބޭފުޅަކު ހަމަޖެއްސުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.
ޖޭއެސްސީން ބުނިގޮތުގައި ސިވިލް ކޯޓުގެ ގާޒީ އަބުދުﷲ އަދީބު ފެމެލީކޯޓަށް ބަދަލު ކުރައްވަން ނިންމެވީ އޭނާ އެކަމަށް އެދި ހުށަހެޅުމުންނެވެ. ރ.ކިނޮޅަހު މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސް މެޖިސްޓްރޭޓް ޢަބްދުﷲ ރަޝީދު ރ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސް މެޖިސްޓްރޭޓަކަމަށް ބަދަލު ކުރުމަށް ނިންމަވާ މ.މުލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޙަސަން ޒަރީރު މ.މުލަކު މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓުކަމަށް ބަދަލު ކުރައްވަން ނިންމެވީ އެ ބޭފުޅުން އެގޮތަށް އެދިވަޑައިގެން ހުށަހެޅުއްވުމުން ކަމަށް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީން ބުނިގޮތުގައި އެ ތިން ބޭފުޅުންނަށް ގެންނެވިބަދަލުތަކަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. ޖޭއެސްސީއިން މިގޮތަށް ނިންމާފައިވަނީ އެ ބޭފުޅުން އަމިއްލައަށް ބަދަލުވުމަށް އެދުމުން ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށްފަހު ކަމަށް އެކޮމިޝަނުން ބުނެއެވެ.
އެބޭފުޅުން ބަދަލުކުރުމަށް ހަމަޖެހިފައިވަނީ 1 ޖެނުއަރީ 2013 އަކުން ފެށިގެން އަމަލުކުރެވޭ ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއްކޯޓުން އަނެއްކޯޓަށް ބަދަލުވުމުގައި ޢަމަލުކުރާނެ ޤަވާއިދުގެ ދަށުން ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ