ދައުވާ އަނބުރާ ގެންގޮސް، ނަޝީދު ދޫކޮށްލަން ގާސިމް ގޮވާލައްވައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސް، އެ މަނިކުފާނު ދޫކޮށްލަން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ގޮވާލައްވައިފި އެވެ. ނަޝީދު މިނިވަން ކުރަން ގޮވާލައި އެމްޑީޕީ އާއި ޖޭޕީން ކުރަމުންދާ މުޒާހަރާގައި، ގާސިމް ވިދާޅުވީ މިހާރު ފެންނަމުން ދަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ހުރިހާ މުއައްސަސާތަކެއްގެ ބާރު ބޭނުން ކޮށްގެން ރައްޔިތުންނަށް އަނިޔާވެރިވަމުންދާ ތަން ކަމަށެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރި އިރު، ގާސިމް ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަކީ، ގާނޫނުއަސާސީއާ އެއް ހަމަވާ ގާނޫނެއް ނޫން ކަމަށެވެ. އަދި އާ ގާނޫނުލް އުގޫބާތާ އެތައް ފުށުއެރުންތަކެއް ވެސް އެ ގާނޫނުގައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. "އެހެންވީމާ އަޅުގަނޑު ޕްރޮސިކިއުޓަ ޖެނެރަލަށް ދަންނަވާލަން ބޭނުން ވަނީ އެ ގޮތަކަށް އެ ކަމެއް ނުކުރެވޭނޭ. އަނބުރާ ގެންދަވާށޭ އެ މައްސަލަ،" ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަމުގައި ވެސް ހުންނެވި ގާސިމް ވިދާޅުވި އެވެ. ނަޝީދު ހައްޔަރު ކުރުމުން ދޭހަކޮށް ދެނީ، ގާސިމް ވިދާޅުވި ގޮތުގައި، ރައީސް ޔާމީނާ ވާދަވެރި ސިޔާސީ ހުރިހާ ފަރާތްތަތަކަށް ބިރުވެރިކަން އޮތް މިންވަރެވެ. "އިހަށް ދުވަހު ކާނަލް ނާޒިމް. މިއަދު ރައީސް ނަޝީދު. މާދަމާ އަޅުގަނޑު. އަނެއް ދުވަހަކު އަނެއް ބޭފުޅަކު. އަނެއް ދުވަހަކު އަނެކަކު ހައްޔަރުވެގެން ދާ ދިއުމަކީ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާކޮށްފައި ވާއިރު، އޭނާ ހައްޔަރު ނުކޮށް ނަޝީދު ހައްޔަރު ކުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި އެ ކަމުން ދޭހަކޮށްދޭ އަނެއް ކަމަކީ، ގާސިމް ވިދާޅުވި ގޮތުގައި، ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވެފައިވާ ފަދައިން އެއްވެސް ރައްޔިތަކަށް ރައްކާތެރިކަމެއް ނެތް ކަމެވެ. "މިގޮތަށް މީހުންނަށް އަނިޔާވެރި ވާން ކަންތައްތައް ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން. އެކަން އަޅުގަނޑުމެން ހަރުއަޑުން ކުށްވެރިކުރަން. ދިވެހި ރައްޔިތުން މިތިބީ އެކަން އެ ގޮތަށް ކުރާކަށް ޖާގަ ދޭ ގޮތަކަށެއް ނޫން،" އޭނާ ވިދާޅުވި އެވެ. ސިޔާސީ ފަރާތްތަކަށް ސަރުކާރުން ބިރު ދައްކާ ކަމަށް ތުހުމަތުކުރައްވައި ގާސިމް ވިދާޅުވީ "ބިރު ގަނެ ފަހަތަށް ނުޖެހޭނެ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ