މާލޭގެ ބައެއް މަގުތަކުގައި އެނާޖީ ސޭވިން ލައިޓް ހަރުކުރަން ފަށަނީ

ޖުމްހޫރީ މައިދާން ސަރަހައްދާއި ބޮޑު ތަކުރުފާނުމަގު ޖެހުމަށް އެނާޖީ ސޭވިން ލައިޓްތަކެއް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހައުސިން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ. ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިޔާތުގައި މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވި ގޮތުގައި އެ މިނިސްޓްރީން ހިންގާ "ފަހިއަލި" ޕްރޮގްރާމްގެ ދަށުން 100 ބަނދަރު ބައްތި އާއި 40 މަގު ބައްތި ހައުސިން މިނިސްޓްރީއާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ. "މިހާރު މާލޭގެ މަގުތަކުގައި ހުރި 100 މަގު ބައްތި ބަދަލުކުރެވުނީމަ ގާތްގަނޑަކަށް 68 ޕަސެންޓްގެ ހަރަދު ކުޑަވެގެންދޭ. އެއީ ވަރަށް ބޮޑު އެއްޗެއް ސަރުކާރަށް ވެސް ސޭވް ވެގެންދާ. މި ބައްތިތައް ބަދަލު ކުރެވުނީމަ ގާތްގަނޑަކަށް މަހަކު 28،000 ރުފިޔާ ހަރަދު ކުޑަވެގެންދޭ. އެއީ އެއީ ގާތްގަނޑަކަށް 1700 ލީޓަރު ތެޔޮ ސަލާމަތްވެގެން މިދަނީ،" ތޯރިގު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ރަށްރަށާއި މާލޭގެ އެހެން ސަރައްދުތަކުގައި ވެސް ކަރަންޓް ހަރަދު ކުޑަ ލައިޓް ހަރުކުރުމުގެ މަޝްރޫއުތައް ކުރިއަށްދާނެ ކަމަށެވެ. "މަގުސަދަކީ އެނަޖީ އެފިޝެންޓް ކުރުން އަޅުގަނޑުމެން ބޭނުންކުރާ ހުރިހާ އެއްޗެއްގެ ވެސް. ހާއްސަކޮށް އެންމެ ގިނަ ބޭނުންކުރާ އެއްޗަކީ ލައިޓް ކަމަށްވާތީ މި ޕްރޮގްރާމް މި ކުރިއަށް ގެންދަނީ،" ތޯރިގު ވިދާޅުވި އެވެ. މި ރަސްމިޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދު ހަވާލުކުރި ބައްތިތައް ކުރިއަށް ދެ ހަފްތާގައި ތެރޭގައި ހަރުކޮށް ނިންމާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ