ގާސިމް އަދިވެސް "ހުންނެވީ" އެމްޑީޕީއާ އެކުގައި: ނަޝީދު

އިންތިހާބުގައި ޕީޕީއެމަށް ތާއީދުކުރައްވަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނިންމެވި ނަމަވެސް އޭނާ އަދިވެސް "ހުންނެވީ" އެމްޑީޕީއާ އެކުގައި ކަމަށް ގަބޫލުކުރައްވާ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބުރާސްފަތިދުވަހު ވިދާޅުވެއްޖެ އެވެ. ޕީޕީއެމުގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ވޯޓު ދެއްވުމަށް ގާސިމް ގޮވާލައްވާފައި ވަނިކޮށް ނަޝީދު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ހަތަރު މެމްބަރަކު އެމްޑީޕީ އަށް ސޮއިކުރައްވަން ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީގެ ލީޑަރު ޑރ. އިބްރާހިމް ދީދީ އާއި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަހުމަދު ޝަމްހީދާއި ކައުންސިލް މެމްބަރު މޫސާ ރަމީޒާއި ކައުންސިލަރު އަހުމަދު ހަމީދު (ފްލައި)ގެ އިތުރުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އާއި ޑރ. ހަސަން ސައީދުގެ ބޭބެ ހުސެއިން ސައީދު ވަނީ އެމްޑީޕީ އަށް ސޮއިކުރައްވައިފަ އެވެ. އެ ބޭފުޅުން ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ގާސިމް ޕީޕީއެމަށް ތާއީދުކުރައްވަން ނިންމެވީ "މަޖުބޫރީ ހާލަތެއް" މެދުވެރިވެގެން ކަމަށް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވި އިސް ބޭފުޅުން ވިދާޅުވާ ކަމަށެވެ. އެހެންކަމުން ގާސިމް ތާއީދުކުރައްވާނީ އެމްޑީޕީ އަށް ކަމަށް ވިދާޅުނުވި ސަބަބާ ދޭތެރޭ އިތުރަށް ވާހަކަ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު އަދިވެސް ދެކެނީ ގާސިމް ހުންނެވީ އަޅުގަނޑުމެންނާ އެކުގައި ކަމަށް. އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނުހިނގާ. އިރާދަކުރެއްވިއްޔާ ގާސިމްގެ މި އެހީތެރިކަމާ އެކުގައި އަޅުގަނޑުމެންނަށް އިތުރަށް ހޯދަން މި ޖެހެނީ 6،000 އެއްހާ ވޯޓު،" ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕީޕީއެމަށް ތާއީދުކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި ނަމަވެސް އޭނާގެ އާއިލާ އާއި ގާތްތިމާގެ މީހުން ވެސް ޕީޕީއެމުގެ ކެމްޕޭންގައި އުޅޭ ތަނެއް ނުފެނެ އެވެ. އޭގެ ބަދަލުގައި ފެނުނީ އެ ޕާޓީގެ އިސް ބޭފުޅުންތަކެއް އެމްޑީޕީއާ ގުޅިވަޑައިގެންނެވި މަންޒަރު ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންތަކެއް އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ އެ ޕާޓީގެ ކެމްޕޭނަށް ލިބޭ އިތުރު ހިތްވަރެއް ކަމަށާއި އިންތިހާބުގައި ޖުމްހޫރީ ޕާޓީއާ އެކުވާން އެމްޑީޕީން ނިންމީ އެ ބޭފުޅުންގެ ތާއީދަށްޓަކައި ކަމަށެވެ. އެ ބޭފުޅުން ގުޅިވަޑައިގަތުމުން މިހާރު ދިމާވެފައި ވަނީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ