ރައީސް ޔާމީނަށް 2018 "ހިތާއި ރޫހުން" ކާމިޔާބުކޮށްދޭން އިގްރާރުވެއްޖެ
ރައީސް އަބްދުﷲ ޔާމީނަށް 2018ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދޭން "ހިތާއި ރޫހުން މަސައްކަތް ކޮށްދޭނެ" ކަމަށް މަހާސިންތާގެ ބައިވެރިން އިގްރާރެއްގައި އިއްޔެ ސޮއިކޮށްފި އެވެ. ކެމްޕޭން ލީޑަރުން ތައްޔާރުކުރަން ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ތާޖުއްދީން ސްކޫލްގައި ކުރިއަށް ގެންދާ މަހާސިންތާގައި އަތޮޅުތަކުން ޕީޕީއެމްގެ 318 މަންދޫބުން ބައިވެރިވެ އެވެ. އެ އެންމެން ވެސް ވަނީ ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބުކޮށްދޭން މަސައްކަތް ކުރަން އެއްބަސްވެފަ އެވެ. މަހާސިންތާގެ ބައެއް ބައިވެރިން: ރަށްތަކުން 300 އަށް ވުރެ ގިނަ މަންދޫބުން މަހާސިންތާގައި ބައިވެރިވި. --ހަވީރު ފޮޓޯ: ނިޝާން އަލީ ޕީޕީއެމްގެ ގޮފިތަކުން ބައިވެރިވި މެމްބަރުންނާއި ރަށްރަށުގައި ތިބި، ރައީސް ޔާމީން އޮފީހުގެ މަންދޫބުން ސޮއިކުރި އިގްރާރުގައި މައިގަނޑު ހަތް ނުކުތާއެއް ހިމަނާފައިވެ އެވެ. އޭގެތެރޭގައި ރައްޔިތުންގެ ކުރިމަތީގައި ރައީސް ޔާމީނާއި ސަރުކާރަށް ރަނގަޅު ތަސައްވަރެއް ބިނާކުރުން މަތީ ދެމިތިބުން ހިމެނެ އެވެ. އަދި ރައީސް ޔާމީންގެ ކެމްޕޭން އޮފީސް މެދުވެރިކޮށް ލިބޭ މައުލޫމާތު ރައްޔިތުންނަށް ހާމަކުރުމަށާއި ރައްޔިތުންގެ ފަރާތުން ލިބޭ މައުލޫމާތު ވީ އެންމެ އަވަހަކަށް ކެމްޕޭން އޮފީހަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށް އިގްރާރުގައިވެ އެވެ. އިގްރާރުގެ މައިގަނޑު ނުކުތާތައް: ރައީސް ޔާމީނާއި ސަރުކާރަށް ރަނގަޅު ތަސައްވަރެއް ބިނާކުރުން މަތީ ދެމިހުރުންކެމްޕޭން އޮފީހުން ލިބޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުންރަށު ރައްޔިތުންގެ ފަރާތުން ލިބޭ މައުލޫމާތު ކެމްޕޭން އޮފީހަށް ފޯރުކޮށްދިނުންކެމްޕޭން އޮފީހަށް ބޭނުންވާ މައުލޫމާތު ހޯދައި ފޯރުކޮށްދިނުންކެމްޕޭން އޮފީހުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކޮށްދޭން މަސައްކަތްކުރުންރަށުގައި ހިންގާ ކެމްޕޭން ހަރަކާތްތަކުގައި ފުރިހަމަ އަށް ބައިވެރިވުންކެމްޕޭނުގެ މައުލޫމާތު އެއްވެސް ސިފައެއްގައި، ކަމާނުބެހޭ ފަރާތްތަކަށް ނުވަތަ ރައީސް ޔާމީންގެ ވާދަވެރި އެއްވެސް ފަރާތަކާ ހިއްސާނުކުރުން މަހާސިންތާގެ ބައެއް ބައިވެރިން އަތް އުފުލައިގެން: މަހާސިންތާގެ ދެ ވަނަ ބުރު ވަރަށް އަވަހަށް އޮންނާނެ ކަމަށް ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ބުނޭ. --ހަވީރު ފޮޓޯ: ނިޝާން އަލީ ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ބުނީ މަހާސިންތާގައި 300 އަށް ވުރެ ގިނަ، ކެމްޕޭން ލީޑަރުން ތައްޔާރުކުރާނެ ކަމަށެވެ. ލީޑަރުން އުފެއްދުމަށް އެކި ސެޝަންތައް ނަގައިދީ، މުހިއްމު މައުލޫމާތު ހިއްސާކޮށްދީފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. މިދިޔަ ހުކުރު ދުވަހު ފެށި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު މިރޭ ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ޕީޕީއެމްގެ ރަސްމީ ބައިވެރިވުމެއް ނެތި ކުރިއަށް ގެންދާ މަހާސިންތާއާ ގުޅިގެން ޕާޓީގެ ތެރޭގައި ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ. އެ ޕާޓީގައި ތިބި ކުރީގެ ރައީސް އަދި ޕާޓީގެ ރައީސް މައުމޫނަށް ތާއީދުކުރާ މެމްބަރުން މަހާސިންތާއާ ދެކޮޅެވެ. މަހާސިންތާއާ ދެކޮޅަށް ބައެއް ގޮފިތަކުން ބަޔާން ނެރެމުންދާއިރު، ޕާޓީގެ އަސާސީ ގަވާއިދާ ހަވާލާދީ ބައެއް މެމްބަރުން ބުނެފައި ވަނީ، ރަސްމީކޮށް ރިޔާސީ ކެންޑިޑޭޓަކު ކަނޑަނޭޅެނީސް ކެމްޕޭނާ ގުޅޭ ހަރަކާތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ބައެއް މެމްބަރުން ހަވާލާ ދެނީ، "ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރިޔާސީ ޕްރައިމަރީ ކާމިޔާބުކޮށްގެން، ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ޕާޓީގެ މެމްބަރު" ކަމަށް ބުނެފައިވާ މާއްދާ އެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ކަނޑައަޅަނީ ޕާޓީގެ ހުރިހާ މެމްބަރުންގެ މެދުގައި ބޭއްވޭ ޕްރައިމަރީގައި ނެގޭ ސިއްރު ވޯޓަކުން ކަމަށް އަސާސީ ގަވާއިދުގައިވެ އެވެ. ޕީޕީއެމުން 2018 ގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމުގެ ޕްރައިމަރީީ އަށް އަދި ވާދަކުރުމުގެ ފުރުސަތު ހުޅުވައެއް ނުލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ