ރިޔާސީ އިންތިހާބު އަވަސްކޮށްދޭން ސަރުކާރުން އެދިއްޖެ
އަންނަ މަހުގެ ނުވައެއްގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ރިޔާސީ އިންތިހާބު އަވަސްކޮށްދޭން ސަރުކާރުން މިއަދު ހުށަހަޅައިފި އެވެ. އިންތިހާބު އަވަސްކޮށްދިނުމަށް ސަރުކާރުން އެދުނީ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން މިއަދު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ. އިންތިހާބު ބާއްވާ ތާރީހު އަވަސްކުރަން ސަރުކާރުން ހުށަހެޅިއިރު، އިންތިހާބުގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުން ވެސް ވަނީ އިންތިހާބު އަވަސްކޮށްދޭން އެދިވަޑއިގެންފަ އެވެ. އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބާއްވައިދިނުމަށް ކެންޑިޑޭޓުން އެދިވަޑައިގަތަސް އެކަމަށް ހުރަސްތަކެއް ހުރި ކަމަށް އިލެކްޝަނުން އިއްޔެ ވަނީ ބުނެފަ އެވެ. ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދު ވިދާޅުވީ ނައިބު ރައީސް އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަތީ އިންތިހާބު އަވަސްކުރުމާ ގުޅޭ ގޮތުން އެ ކޮމިޝަނާ މަޝްވަރާކުރައްވައި މިހާރު ކަނޑައަޅާފައިވާ ތާރީހަށް ވުރެ އަވަހަށް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ހުރި ދަތިތަކަކީ ކޮބައިތޯ ސާފުކުރެއްވުމަށެވެ. އަވަސް އިންތިހާބެއް ބާއްވަން ސަރުކާރުން ވެދެވެން އޮތް އެހީތެރިކަމެއް ދެއްވަން ނިންމާފައިވާ ކަމަށް ވެސް މަސްއޫދު ވިދާޅުވި އެވެ. "މިހާރު ކަނޑައަޅާފައިވާ ތާރީހަށް ވުރެ އަވަސް ތާރީހެއްގައި އިންތިހާބު ބާއްވަން ސަރުކާރުން ބޭނުންވޭ. އެކަން ކުރުމަށް ދަތިވާ ކަންކަމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ،" މަސްއޫދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިންތިހާބު އަވަސްކުރަން ދަތިވާ ކަންކަން އެ ކޮމިޝަނުގެ މެމްބަރުން މަޝްވަރާކުރެއްވުމަށް ފަހު ސަރުކާރާ ހިއްސާކުރައްވާނެ ކަމަށް އިލެކްޝަންސް އިން ވަނީ ބުނެފަ އެވެ. ކޮމިޝަނުގެ މެމްބަރުން ފޯނަށް ޖަވާބު ނުދެއްވާތީ އެ ބައްދަލުވުމުގެ ތަފްސީލު ސާފުވާ ގޮތެއް ނުވެ އެވެ. އަދި ތިން ކެންޑިޑޭޓުންނާ އެކު ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން ވެސް އެ ކޮމިޝަނުން ވާހަކަދައްކާފައެއް ނުވެ އެވެ. މަސްއޫދު ވިދާޅުވީ އެންމެ މަސްލަހަތު ހުރި ގޮތަކަށް އިންތިހާބުގެ ކަންކަން ނިންމައި ނޮވެމްބަރު 11 ގެ ކުރިން ރައީސަކު އިންތިހާބުވާން ސަރުކާރުން އެދޭ ކަމަށެވެ. އެކަމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ