ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު އާއްމުކޮށްވަނީ ހުޅުވާލެވިފައި: ގާސިމް

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު އާއްމުކޮށްވަނީ ހުޅުވާލެވިފައިކަމަށާއި އެކަމަށް ބޭނުންވާ ފަރާތްތަކުން އަންނަ މެއި މަހު ބާއްވާ އެޕާޓީގެ ކޮންގްރެސްގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓްގެ ގޮތުގައި ފުޅާދާއިރާއެއްގައި ކެމްޕެއިންވެސް ކުރައްވަމުން ގެންދަވާ ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އަސާސީ ޤަވާއިދު އޮތްގޮތުން އެޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ އެޕާޓީގެ ލީޑަރު ކަމަށެވެ. އަދި އެފުރުސަތަކީ އެޕާޓީގެ ލީޑަރުގެ މަޤާމް ދިފާއުކުރާ ކޮންމެ ފަރާތަކަށްވެސް އޮތް ފުރުސަތެއްކަމަށް ޤާސިމް ވިދާޅުވިއެވެ.
"މިޕާޓީގެ ކޮންމެ މަގާމަކަށްވެސް ކުރިމަތި ލުމުގެ ފުރުސަތު އެބައޮތް. މިޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް ވުމުގެ ފުރުސަތު އެބައޮތް މިޕާޓީގެ ހަމަ ކޮންމެ މެމްބަރަކަށްވެސް. އަސާސީ ގާވާއިދު ބުނާ ގޮތުން ރިޔާސީ ޓިކެޓް ލިބެނީ ޕާޓީގެ ލީޑަރަށް، އެހެންކަމުން ޕާޓީގެ ލީޑަރަށް ވުމުގެ ފުރުސަތުވެސް ހަމަ ކޮންމެ މެބަރަކަށްވެސް އެބައޮތް. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރަކަށް ކޮންމެ ބޭފުޅަކު އައިކަމުގައިވިޔަސް އަޅުގަނޑު ހުންނާނީ އެބޭފުޅަކާއެކު މަސައްކަތްކުރުމަށް ތައްޔާރަށް،" ގާސިމް ވިދާޅުވިއެވެ.
ޤާސިމް ރޭ ވިދާޅުވީ ޖޭޕީގެ ކޮންގްރެސް ބާއްވާނެ ވަކި ތާރީހެއް އަދި ކަނޑަނާޅާކަމަށާއި ނަމަވެސް މެއި މަސް ނިމުމުގެ ކުރިން ކޮންގްރެސް ބާއްވާނެކަމަށެވެ. އަދި ޖޭޕީގެ ގައުމީ ހިންގާ ކޮމެޓީގެ އެކިއެކި މަގާމުތަކަށް ވާދަކުރަން ބޭނުންވާ ބޭފުޅުންނާއި އަދި ޕާޓީގެ އެކިއެކި މަގާމުތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ވަރަށް ތަނަވަސް ކަމާއެކު އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.
"މި ޕާޓީގެ ކޮންގްރެސް ބާއްވާނީ ވަރަށް މިނިވަންކޮށް އަދި ވަރަށް އޯޕަންކޮށް، ޕާޓީގެ ކޮންމެ މެމްބަރަކަށްވެސް ގައުމީ ހިންގާ ކޮމެޓީގެ މެމްބަރުކަމަށް ވާދަކުރެވޭނެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެ. މި ޕާޓީއަށް ވަދެވަޑައިގެން އެމަގާމުތަކަށް ވާދަކުރަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ދަންނަވަން. އަދި މިޕާޓީއަށް ގުޅިވަޑައިގެންނެވުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ދަންނަވަން،" ގާސިމް ވިދާޅުވިއެވެ.
އިތުރަށް ގާސިމް ވިދާޅުވީ ކޮންގްރެސްގައި އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެކަމަށާއި ޕާޓީގެ ކުރިމަގު ބައްޓަން ކުރުމަށްޓަކައި ކޮންގްރެސް އިން ނިންމާ ނިންމުންތަކަކީ ވަރަށް މުހިއްމު ނިންމުންތަކަކަށް ވާނެކަމަށެވެ.
ރޭގެ ޖަލްސާއިގައި މަޝްހޫރު ފިލްމީ ތަރިންނާއި ފަންނާނުން ބައިވެރިވެ ޖަލްސާގައި ވާހަކަ ދައްކާފައިވެއެވެ. އަދި ޕާޓީއަށް އަލަށް ގުޅިވަޑައިގެންނެވި މެމްބަރުންގެ ފޯމުތަށް ޖޭޕީގެ ލީޑަރާ ހަވާލު ކުރުންވެސް އޮތެވެ. މަޝްހޫރު ނެށުންތެރިޔާ އަދި ފެހުން ތެރިޔާ ޖާދުﷲ އާއި ފިލްމީތަރި ސޮބާހްވެސް ރޭވަނީ ޖޭޕީއަށް ސޮއިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ