ކޮމަންވެލްތުން ވަކިވާން މައުމޫން ގޮވާލައްވައިފި

ރާއްޖޭގެ ދާޚިލީ ކަންކަމާ ކޮމަންވެލްތުން ބެހެމުންދާތީ އެ ޖަމާއަތުން ރާއްޖެ ވަކިވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ގޮވާލައްވައިފި އެވެ. ހޮނިހިރުދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ފަހު ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ކޮމަންވެލްތުން ރާއްޖޭގެ އެތެރޭގެ ކަންކަން ވަކި ގޮތަކަށް ގެންދަން މަޖުބޫރުކޮށް، ވަކި ބޭފުޅަކު ރައީސް ކަމަށް ގެންނަން މަސައްކަތް ކުރާ ކަމަށާއި އެކަން ތަހައްމަލު ނުކުރެވޭނެ ކަމަށެވެ. މައުމޫން ވިދާޅުވީ ކޮމަންވެލްތުގައި ރާއްޖެ ބައިވެރި ކުރުމުގައި އެންމެ އިސް މަސައްކަތެއް ކުރެއްވީ އެމަނިކުފާނު ކަމަށް ރައީސް މުހަންމަދު ވަހީދު އަރިހުގައި މިއަދު ދެންނެވި ކަމަށެވެ. އަދި އެ ޖަމާއަތުގައި ރާއްޖެ ބައިވެރިކުރީ ގައުމަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. "މިއަދު ހާލަތު މުޅިން ބަދަލުވެއްޖެ. އަޅުގަނޑުމެންނަށް ކޮމަންވެލްތުން ލިބޭ މާ ބޮޑު ފައިދާއެެއް ނެތޭ. ކޮމަންވެލްތުން އަޅުގަނޑުމެންގެ އެތެރޭގެ ކަންތައްތަކާ ބެހެނީއޭ. އަޅުގަނޑުމެންގެ ސިޔާސަތުތަކާ ކުޅެނީއޭ. އެކި ފަރާތްތަކަށް އެހީތައް ދީގެން ރާއްޖޭގައި ހަމަނުޖެހުން ހިންގަނީއޭ. މިއަދު އަޅުގަނޑު އެދެމޭ ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވާން،" ރައީސް ވަހީދާ ދެއްކެވި ވާހަކަފުޅާ ބެހޭ ގޮތުން މައުމޫން ވިދާޅުވި އެވެ. ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ޖަމާއަތްތަކުގައި ރާއްޖެ ބައިވެރިވާން ޖެހޭނީ ދިވެހިންނަށް އިހުތިރާމްކޮށް ރާއްޖެ އަކީ މިނިވަން ގައުމެއްގެ ގޮތުގައި ދެކޭ ނަމަ އެވެ. އަދި އެ ނޫން ގޮތަކުން ބޭރުގެ ޖަމާއަތެއްގައި ރާއްޖެ ބައިވެރިވުމުގެ މާނައެއް ނެތް ކަމަށް މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ދެން ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު، ކޮމަންވެލްތުން ރާއްޖެ ވަކިވުމާ މެދު ވިސްނެވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. މައުމޫން ވިދާޅުވި ގޮތުގައި ކޮމަންވެލްތުގެ ހާއްސަ މެމްބަރަކަށް 1982 ގައި ރާއްޖެ ވި އެވެ. އަދި 1985 ގައި އެ ޖަމާއަތުގެ ފުރިހަމަ މެމްބަރަކަށް ރާއްޖެ ވި ސަބަބަކީ ކޮމަންވެލްތުގެ ތެރެއިން ކުދި ގައުމުތަކަށް ވަރަށް ގިނަ އެހީތައް ލިބޭތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިރޭގެ ޖަލްސާގައި މައުމޫން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ފެނުނީ ޝަރުއީ ނިޒާމާއި ރައްޔިތުންގެ މަޖިލިސް "ހިސޯރުކޮށްގެން" އުޅުނު ތަން ކަމަށެވެ. އަދި އެކަން ކުރަނީ ވަކި ބަޔަކު ނުފޫޒު ފޯރުވައި ގާނޫނު އަސާސީ މުގުރާލާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މައުމޫން ވިދާޅުވި ގޮތުގައި ރާއްޖޭގެ ޝަރުއީ ނިޒާމު ހިމާޔަތްކޮށް، ހަރުދަނާ ކުރަންޖެހެ އެވެ. އަދި މިހާރު ވެސް ފަނޑިޔާރުން މަސައްކަތް ކުރައްވަނީ ވަރަށް ދަތި މާހައުލެއްގައި ކަމަށާއި އެބޭފުޅުން އެކަން ކުރައްވަނީ ގައުމަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ ޝަރުއީ ނިޒާމަށް ގޯނާކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ދީގެން ނުވާނެ ކަމަށެވެ. "މިކަމުގައި ވެސް ދަންނަވާލަން އޮތީ ބޭރުގެ ފަރާތްތަކުން އެކަން ވެސް އެގޮތަށް ނުދެކެއޭ. ބޭރުގެ ބައެއް ފަރާތްތަކުން، ބޭރުގެ ސަފީރުން ނުވަތަ އެ ފެންވަރުގެ ބޭފުޅުން ވަޑައިގެން އަޅުގަނޑުމެންގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ އެބަ ބައްދަލުކުރައްވާ. އުއްތަމަ ފަނޑިޔާރާ ވެސް އެބަ ބައްދަލުކުރައްވާ. ދުނިޔޭގެ އެއްވެސްް ތަނެއްގައި ހިނގާ ކަމެއް ނޫން މިއީކީ. އެއީ ޝަރުއީ ނިޒާމަކީ މުޅިން މުސްތަގިއްލު ނިޒާމެއް. އެއީކީ ސިޔާސީ ކަމެއް ނޫން. ސިޔާސީ ނިޒާމެއް ނޫން. މުސްތަގިއްލުކޮށް އޮންނަންޖެހޭ، މިނިވަންކޮށް އޮންނަޖެހޭ މުއައްސަސާއެއް ޝަރުއީ ނިޒާމުގެ މުއައްސަސާ އަކީ. ބޭރުގެ ސަފީރުން ވަޑައިގެން [ފަނޑިޔާރުންނާ] ދައްކާނެ ސިޔާސީ ވާހަކައެއް ނޯންނާނެ. އެބޭފުޅުންނަށް އަޅުގަނޑުމެންގެ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެެއްވޭނެ ކަމެއް ނޯންނާނެ،" މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެހެން ނަމަވެސް ފަނޑިޔާރުންނަށް ތަމްރީނު ދިނުމުގައި ބޭރުގެ އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމަށެވެ. އެކަމަކު ބޭރުގެ ފަރާތްތަކުން ރާއްޖެ އައިސް، ރާއްޖޭގެ ކަންކަން ވަކި ގޮތަކަށް ގެންދިއުމަށް މަސައްކަތް ކުރުމުގެ ހައްގެއް ނޯންނާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މުޖުތަމައުގެ ތަފާތު ގިންތިތަކަށް ބޭނުންވާ ހައްގު ހޯދައި ދެވޭނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އިންތިޚާބުކޮށްގެން ކަމަށެވެ. އޭގެ ތެރޭގައި ޒުވާނުންނަށް ތައުލީމާއި ވަޒީފާ ހޯދައި ދިނުން ހިމެނޭ ކަމަށް މައުމޫން ވިދާޅުވި އެވެ. "އެކަންތައް އެގޮތަށް ކުރެވޭނީ އަޅުގަނޑުމެންގެ ކެންޑިޑޭޓް އިންތިޚާބު ކޮށްގެން. ހަމަ އެހެންމެ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމާއި އަންހެނުން ބާރުވެރި ކުރުމާއި އާއިލާތައް ރައްކާތެރިކުރުމާއި ތައުލީމާއި ސިއްހަތާއި އެހެން އިޖުތިމާއީ ހިދުމަތްތައް ހަރުދަނާކޮށް، ފުޅާކޮށް ފުރިހަމަ ކުރެވޭނީ ވަރުގަދަ ވިސްނުމެއްގެ ދަށުން. އެކަމުގެ ތަފުސީލުތައް ކަނޑައަޅައި، ނިންމައި ޝާއިއުކޮށްފައި އޮވެގެން. އަޅުގަނޑުމެންގެ މެނިފެސްޓޯގައި އެކަންތައްތައް ވަނީ ވަރަށް ސާފުކޮށް، ވަރަށް ސަރީހަކޮށް ލިޔެފައި. އެ މެނިފެސްޓޯ އަކީ އަޅުގަނޑުމެންގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކުރިއަށް ގެންދަވާނެ ކަންތައްތަކުގެ ތަފުސީލީ ބަޔާނެއް،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ