ސުޕްރީމް ކޯޓްގެ ބެންޗު ރޫޅައިލަން ނަޝީދު ގޮވާލައްވައިފި

ސުޕްރީމް ކޯޓްގެ ބެންޗު ރޫޅައިލާ ބެންޗަށް ބަދަލު ގެންނަން ފެންނަ ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ މިއަދު އެމްޑީޕީގެ ގައުމީ މަޖިލީހުން ދަރުބާރުގޭގައި ބޭއްވި އެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓްގައި ތިއްބެވި ފަނޑިޔާރުންގެ ކިބައިގައި ބައެއް ބާވަތުގެ އިލްމު މަދުކަމަށް ކަމާ ބެހޭ މާހިރުން ފާހަގަ ކުރަށްވާ ކަމަށާއި ގާނޫނީ ތަޖުރިބާ އާއި އިލްމު އެބޭފުޅުންގެ ކިބައިގާ ނެތްކަމަށް ކަމާބެހޭ މާހިރުން ވިދާޅުވާ ކަމަށެވެ. އެއީ ކޮން ބާވަތެއްގެ އިލްމުތަކެއް ކަމެއް ވިދާޅެއް ނުވެއެވެ.
"އަޅުގަނޑުމެންނަށް ފެނޭ ސުޕްރީމް ކޯޓްގެ ބެންޗްގެ އަދަދަށް ބަދަލު ގެނައުމަށް، މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ބޭފުޅަކު އައްޔަން ކުރުން އަވަސް ކުރަން،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންނަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ވޯޓްގެ ކަންތައް މިހާރު ވަނީ ނިމިފައި ކަމަށާއި ދެން ބަލަންވީ މަޑުމަޑުން ވެރިކަން ބަދަލު ކުރުމަށްފަހު ތަރައްގީގެ ކަންތައް ބާރަށް ކުރިއަށް ގެންދަން ކަމަށެވެ. މީގެ އިތުރުން އަދާލަތު ޕާޓީއަށް އިޝާރާތް ކުރައްވާ ވެސް ވާހަކަފުޅު ދެއްކެވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ހިނގަމުން މިދަނީ ޒުލްހައްޖާ މަސް ކަމަށާއި މި މަހަކީ ހުރުމަތްތެރި މަހެއް ކަމުން މުހައްރަމް މަހުގެ ކުރިން ހަމަލާ ދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެކަން އަދާލަތު ޕާޓީއާ ހިއްސާ ކުރަން ބޭނުންފުޅުވާތީ އިސްލާމިކް މިނިސްޓަރު ޝަހީމަށް މިއަދު ޓެކްސްޓް މެސެޖެއް ވެސް ފޮނުއްވެވި ކަމަށެވެ. އަދި މުހައްރަމް މަސް ނިމެންދެން އެމްޑީޕީން ހަމަލާ ނުދޭނެ ކަމަށާއި އެމްޑީޕީން އެދެނީ އަދާލަތު ޕާޓީންވެސް މުހައްރަމް މަސް ނިމެންދެން ހަމަލާ ނުދިނުމަށް ކަމަށެވެ.
ގައުމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަށް ދައުލަތުގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ތަދައްޚުލުވެފައިވާތީ އެކަން ވެސް ކުށްވެރި ކުރައްވާފައެވެ. އަދި އެމްޑީޕީން އިންތިހާބުގެ ނަތީޖާ ރަނގަޅު ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ޖެހިގެން އުޅޭ މައްސަލައަކީ ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީއާ ދެމެދު ޖެހިގެން އުޅޭ މައްސަލައެއް ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ