އަލިފުށި ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމަށް ވައްޑެ އަތުކުރި އޮޅާލައިފި

އަލިފުށި ދާއިރާގެ ގޮނޑިއަކީ މިހާރު ހުސްވެފައިވާ ގޮނޑިއެއް ކަމަށާއި އެންމެ އަވަހަށް ބާއްވާ އިންތިހާބެއްގައި ވާދަކޮށް އެގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށް ޕީޕީއެމުގެ ކައުންސިލު މެމްބަރު މުހައްމަދު ވަހީދު އިބުރާހީމު ވިދާޅުވެއްޖެއެވެ.
ވޭތުވެ ދިޔަ ތިން އަހަރު ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާފައިވާ ވައްޑެ މިއަދު ވިދާޅުވީ ސާބިތު ދަރަންޏަކަށް ކޯޓުން ކަނޑައަޅާފައިވާ ގޮތަށް ފައިސާ ދައްކަމުން ނުދާތީ އަލި ފުށީ ދާއިރާގެ ޑިއާރުޕީގެ މެމްބަރު މުހައްމަދު ނާޝިޒު މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެކަން ވަރަށް އަވަހަށް ސްޕްރީމު ކޯޓުން ކަނޑައަޅާދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ.
އެންމެ ފަހުން ބޭއްވި ކާށިދޫ ދައިރާގެ ބައިއިލެކްޝަންގައި ވާދަ ކުރެއްވުމަށް ނިންމެވުމަށްފަހު ކޯލިޝަންގެ ތެރެއިން އަބުދުﷲ ޖާބިރަށް އިސްކަން ދިނުމަށް ނިންމުމާއި ގުޅިގެން ނަން އަނބުރާ ގެންދެވި ވައްޑެ ވިދާޅުވީ މިފަހަރު ދޫނުދެއްވާނެ ކަމަށާއި އޭނާއަކީ ރައްޔިތުންނަށް ހިޔާނާތްތެރިވާނެ މީހެއް ނޫންކަން ޔަގީންކޮށްދޭ ކަމަށެވެ.
ވޭތުވެ ދިޔަ ތިން އަހަރު އެމްޑީޕީގެ ސަރުކާރައި ދެކޮޅަށް ހިނގި ގިނަ ހަރަކާތްތަކެއްގައި އިސްކޮށް އުޅުއްވި ވައްޑެއަކީ އޭރު ބޭއްވި މުޒާހަރާތަކައި އެއްވުންތަކުގައި ހައްޔަރު ކުރި ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ވެސް ފޯރުކޮށްދެއްވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ