ދިއްގަރު ދާއިރާގެ އެމްޑީޕީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރާޒީ އަށް ލިބިއްޖެ
މަޖިލީހުން ހުސްވެފައިވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް، ޕްރައިމަރީއަކާ ނުލައި، މ. މަޑުއްވަރީ، ކާނިގޭ، އަހްމަދު ރާޒީ އަށް ލިބިއްޖެ އެވެ. އޭނާ އަށް ޓިކެޓް ކަށަވަރުވީ، މިއަދު ބާއްވަން ހަމަޖެއްސި އެމްޑީޕީގެ ޕްރައިމަރީ އަށް ދެން ކުރިމަތިލެއްވި މ. ތްރީއޭ ވިލާ، އިބްރާހިމް ޖިހާދު ނަން އަނބުރާ ގެންދެވުމުންނެވެ. އެމްޑީޕީގެ އިލެކްޝަންސް ކޮމެޓީގެ މުގައްރިރު އިބްރާހީމް ވަހީދު ވިދާޅުވީ، ޖިހާދު ނަން އަނބުރާ ގެންދަވަން ބޭނުންވެގެން ސިޓީއެއް ހުށަހަޅުއްވާފައިވާ ކަމަށެވެ. ޖިހާދު ނަން އަނބުރާ ގެންދެވުމުން ޕްރައިމަރީއަކާ ނުލައި ރާޒީ އަށް ޓިކެޓް ލިިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "ދިއްގަރު ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓަކީ ރާޒީ ކަމަށް މިހާރު ވަނީ ކަނޑައަޅާފައި،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ. އެމްޑީޕީގެ ޕްރައިމަރީ އަށް އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ވެސް ކުރިމަތިލެއްވި އެވެ. އެކަމަކު އޭނާ ޝަރުތު ހަމަނުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. ދިއްގަރު ދާއިރާގެ ޕްރައިމަރީ ބާއްވަން އެމްޑީޕީން ނިންމީ އިދިކޮޅު ޕާޓީތަކުން އެ ދާއިރާ އަށް އެއް ކެންޑިޑޭޓަކު ނެރުމަށް މަޝްވަރާތަކެއް ކުރުމަށް ފަހު އެވެ. އަދި ޕްރައިމަރީ ބާއްވަން އިއުލާންކުރީ، އެ ޕާޓީން ވާދަކުރާ ކެންޑިޑޭޓަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމާ ދެކޮޅަށް ޕާޓީގެ ބައެއް މެމްބަރުންގެ ހިތްހަމަނުޖެހުންތަކެއް ހުރުމާ ގުޅިގެންނެވެ. ދިއްގަރު ދާއިރާ އަށް އެމްޑީޕީން ކެންޑިޑޭޓަކު ނެރޭއިރު، އެ ޕާޓީއާ ގުޅިގެން މިހާރު މަސައްކަތް ކުރާ އަދާލަތު ޕާޓީގެ އިސް ތަރުޖަމާން އަލީ ޒާހިރު ވެސް އެ ދާއިރާ އަށް ކުރިމަތިލެއްވުމަށް ވަނީ ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ. ވެރިކަންކުރާ ޕީޕީއެމުން ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނެވެ. އޭނާ އަށް ޕީޕީއެމްގެ ޓިކެޓް ލިބިވަޑައިގަތީ މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގައި މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރުގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައި ވަނީ ޖޫން 6 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ