އޭޓީއެމްތަކުން ވަގަށް ފައިސާ ނަގަމުން ދިޔަ މީހާ ވިލިމާލެއިން ހައްޔަރުކޮށްފި

މާލޭގެ އެކި ސަރަހައްދުތަކުގައި ހުންނަ އޭޓީއެމް މެޝިންތަކުން އެކި މީސް މީހުންގެ އެކައުންޓްތަކުން ވަގަށް ފައިސާ ނަގަމުންދާ ކަމަށް ތުހުމަތު ކުރެވޭ މީހާ ވިލިމާލެއިން ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހަސަން ހަނީފް ސީއެންއެމްއަށް ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު 11:00 ގައި ކަމަށެވެ.
ފުލުހުން އިތުރަށް ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި މިއަދު ހައްޔަރުކުރީ ސ. ފޭދޫ، ދުންބުރުވާގޭ އުމުރުން 40 އަހަރުގެ އިބްރާހިމް ލަތީފު އެވެ.
ލަތީފު ވަގަށް ފައިސާ ނަގާފައިވަނީ ކިތައް އެކައުންޓުން ކަމެއް ނުވަތަ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން މި މައްސަލަ މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި މައްސަލާގައި ލަތީފު ހޯދުމަށް އާންމުންގެ ފަރާތްތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ފުލުހުންނަށް ލިބިފައިވާކަން ފާހަގަކޮށް، ފުލުހުން އެ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ