ކޯނީގެ ރިޕޯޓް ރަނގަޅުވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީންކުރަން: މައުމޫން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިގޮތް ތަހުގީގުކުރުމަށް އުފައްދާފައިވާ ނެޝެނަލް އިންކުއަރީ ކޮމިޝަން (ކޯނީ)އާ ގުޅޭގޮތުން ކޮންމެ ވާހަކަތަކެއް ދައްކަމުން ދިޔަ ނަމަވެސް، ކޮމިޝަނުގެ ރިޕޯޓް "ރަނގަޅުވާނެ" ކަމަށް ވަރަށް ބޮޑަށް ޔަގީންކުރައްވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. އަނބިކަބަލުން ނަސްރީނާ އިބްރާހީމްގެ ބޭސް ފަރުވާ އަށް މިއަދު ހަވީރު އިންޑިއާ އަށް ފުރާވަޑައިގެންނެވުމުގެ ކުރިން ރަސްމީ ފާލަމުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، މައުމޫން ވިދާޅުވީ އެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންހާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސިޔާސީ ހާލަތާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ސިންހާ އެކު ބާއްވާ ބައްދަލުވުމުގައި އިސްކަން ދެއްވާނީ ރާއްޖޭގައި މިވަގުތު ހިނގާ ކަންތައްތަކާއި ސިޔާސީ މާހައުލާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމަށް ކަމަށެވެ. ކޯނީގައި ނަޝީދުގެ މަންދޫބަކު އިންނެވުމަށް ފަހު އެމަނިކުފާނުގެ މަންދޫބަކު ބައިވެރިކޮށްފައި ނުވުމުން މައުމޫން ކުރިން ވަނީ ކަންބޮޑުވުންފާޅުކުރައްވާފައިވާތީ، އަދި މިހާރު ކޮމިޝަނާ ގުޅިގެން އެކި ގޮތަށް ވާހަކަތައް ހުރިއިރު މައުމޫންގެ ކަންބޮޑުވެވަޑައިގަތުމެއް އޮތްތޯ ދެންނެވުމުން ވިދާޅުވީ، އެ ކޮމިޝަންގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގެންނެވި މެމްބަރު އަހުމަދު ސައީދު (ގަހާ ސައީދު) ގަވާއިދާ ހިލާފަށް މައުލޫމާތު ހިއްސާކުރައްވާފައިވާ ކަމަށެވެ. އެއީ ކޮމަންވެލްތާ އެކު އެމްޑީޕީން ވެސް ވެފައިވާ އެއްބަސްވުމާ ވެސް ހިލާފަށް ސައީދު ކުރެއްވި ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މައުމޫން ވިދާޅުވި އެވެ. "އެއީ އޭނާ ކުރެއްވި ވަރަށް ގޯސް ކަމެއް. އެހެންވީމާ އަޅުގަނޑު އޭރު ދެއްކެވި ވާހަކަތައް [ނަޝީދުގެ މަންދޫބަކު އިންނަވާނަމަ އެމަނިކުފާނުގެ މަންދޫބަކު ވެސް އިންނަން ޖެހޭނެ ކަމަށް ކަންބޮޑުވުން ފާޅުކޮށް ދެއްކެވި ވާހަކަތައް] ތެދުވެއްޖެ ދެއްތޯ؟ އަޅުގަނޑު ކަންބޮޑުވުން ފާޅުކުރީ މިކަން ވާނެކަން އެނގޭތީ، އަޅުގަނޑަށް ވަރަށް ރަނގަޅަށް ވިސްނޭ އެ ބޭފުޅުންގެ ކަންތައް ހުންނަ ގޮތް،" މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޯނީގެ މައުލޫމާތު ހިއްސާކުރައްވައި ގަހާ ސައީދު އަމަލުކުރެއްވީ ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށެވެ. އެއީ ޕީޕީއެމުން ކުށްވެރިކުރާ ކަމެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓަކަށް ރައީސް މުހައްމަދު ވަހީދު ހަމަޖެއްސެވުމަށް އެއްވެސް މަޝްވަރާއެއް ކުރިއަށްދޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ވިދާޅުވީ އެފަދަ އެއްވެސް ވާހަކައެއް ކުރިއަށް ނުދާ ކަމަށެވެ. އެކަމަކު ޕްރައިމަރީގައި ވާދަކޮށް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރުމުގެ ފުރުސަތު އޮތް ކަމަށް މައުމޫން ވިދާޅުވާ ވާހަކަފުޅު މިއަދު ވެސް ތަކުރާރުކުރެއްވި އެވެ. އެ މަނިކުފާނު ވާދަކުރައްވާނަންތޯ ނޫސްވެރިން ސުވާލުކުރުމުން ވިދާޅުވީ "ވަކި ގޮތެއް ނުނިންމަން" ކަމަށެވެ. ޕާޓީތަކުގެ މަޝްވަރާއާ ގުޅިގެން އެމަނިކުފާނު ވިދާޅުވީ ސިޔާސީ މަސްރަހަށް ބަލައި ޕާޓީތަކުގެ މަޝްވަރާތަކުގައި ޕީޕީއެމުން އިހްލާސްތެރިކަމާ އެކު ބައިވެރިވެވާނެ ކަމަށެވެ. ޕީޕީއެމުން ޝަރުތެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ އެމްޑީޕީން މަގުމަތީގެ ހަރަކާތްތައް ނުހިންގުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ