ފަރުވާ ފުރިހަމަ ކުރުމުން ޑްރަގް ކޯޓުން މިނިވަންކުރި ޑްރަގް ޑީލަރު އަނެއްކާވެސް އުމުރަށް ޖަލަށް
އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުއްޓާ ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރުމުން އެ ކޯޓުން މިނިވަންކުރި މަސްތުވާތަކެތީގެ ބޮޑު މީހާ އެހެން މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ލ. ގަމުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުން ބުނާ އެރަށު މަންދަގޭ ހަސަން ޔޫސުފް ޑްރަގް ކޯޓުން މިނިވަންކުރީ މަސްތުވާތަކެތި ގެންގުޅުމުގެ ކުށުގައި އޭނާ އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރުމުންނެވެ. ހަސަން ޔޫސުފް މިނިވަންކުރަން މިދިޔަ ފެބްރުއަރީގައި ޑްރަގް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް އޭނާ އުމުރަށް ޖަލަށްލުމަށް ހައި ކޯޓުން މިއަދު ހުކުމްކުރީ މަސްތުވާތަކެތި ގެންގުޅުމުގެ އެހެން މައްސަލައެއްގަ އެވެ. އެ މައްސަލަ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރިން ހުކުމް ކުރުމުން ދައުލަތުން އެ މައްސަލަ އިސްތިއުނާފްކުރީ އެވެ. ޔޫސުފް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކުރީ 2009 ގައި ގަމުގައި ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރު ކުރަން އުޅުމުން އޭނާ އެއްލާލި ސިގިރެޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ. ހައި ކޯޓުން އެ މައްސަލަ ބެލި ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު އިއްވި ހުކުމުގައިވަނީ ހެކިންގެ ހެކިބަހާއި ގުޅިފައިވާ ގަރީނާތަކުން ޔޫސުފްގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ އުމުރަށް ޖަލަށްލުމަށް ހުކުމްކުރީ މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ ދަށުންނެވެ. އެއީ އޭނާ އެ އަމަލު ހިންގީ ކުރީގެ ގާނޫނަށް އަމަލު ކުރަމުން ދަނިކޮށް ކަމަށްވާތީ އެވެ. ޔޫސުފްގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ރައުޔު ނެރުއްވި ނަމަވެސް ފަނޑިޔާރު އަބްދުﷲ ހަމީދުގެ ރައުޔަކީ އޭނާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށެވެ. ފަނޑިޔާރު ހަމީދުގެ ރައުޔުގައިވަނީ ޔޫސުފްގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ދެކެވަޑައިގަންނަވަނީ އޭނާ އަތުން ފެނުނު މަސްތުވާތަކެތި ތަހުލީލުކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށް ދެކެވަޑައިނުގަންނަވާތީ ކަމަށެވެ. އެއީ އެ މަސްތުވާތަކެތި ތަހުލީލު ކުރި ފުލުސް މީހާއަށް ހުއްދަ ދީފައިވަނީ އެހެން ފުލުހެއްގެ ބެލުމުގެ ދަށުން މަސްތުވާތަކެތި ތަހުލީލު ކުރުމަށް ކަމަށްވި ނަމަވެސް އެ މަސްތުވާތަކެތި ތަހުލީލު ކުރީ އެ ފުލުސް މީހާގެ ބެލުމުގެ ދަށުން ކަމަށް ނުބެލެވޭތީ ކަމަށެވެ. ފަނޑިޔާރު ހަމީދުގެ އެ ނުކުތާއަށް ރައްދު ދެއްވައި އަނެއް ދެ ފަނޑިޔާރުންގެ ރައުޔުގައިވަނީ އެ ފުލުސް މީހާއަށް ދީފައިވަނީ އެހެން ފުލުހެއްގެ ބެލުމުގެ ދަށުން މަސްތުވާތަކެތި ތަހުލީލު ކުރުމުގެ ހުއްދައެއް ނަމަވެސް އެ ފުލުސް މީހާ މަސްތުވާތަކެތި ތަހުލީލުކުރާ ކޮންމެ ވަގުތެއްގައި އަނެއް ފުލުސް މީހާ އެތަނުގައި ހުރުން ލާޒިމް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ދެވަނަ ފުލުސް މީހާގެ ދައުރަކީ މަސްތުވާތަކެތި ތަހުލީލު ކުރުމުގެ ކަންކަން ހިނގާ ނުހިނގާ ގޮތް ބެލުމާއި ސުޕަވައިޒަރީ ދައުރެއް ކަމަށް ވެސް އަނެއް ދެ ފަނޑިޔާރުންގެ ރައުޔުގައިވެ އެވެ. މަސްތުވާތަކެތި ތަހުލީލު ކުރީ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ފަނޑިޔާރު ހަމީދު ރައުޔު ނެރުއްވި ނަމަވެސް ޔޫސުފާ ދެކޮޅަށް ހެކިބަސް ދިން ހެކިވެރިންގެ ހެކިބަހާ ގުޅޭގޮތުން ފަނޑިޔާރު ހަމީދުގެ ރައުޔުގައި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ޔޫސުފަކީ ލ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ކުރަމުން ދަނިކޮށް ހައްޔަރުކުރި މީހެކެވެ. އޭނާ ހައްޔަރުކުރީ 2009 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ