ވޯޓުގެ ސިއްރުކަން އަމިއްލައަށް ގެއްލުވާލުމާ މެދު ކޯޓުން ގޮތެއް ނިންމަން އީސީން އެދެފި

ވޯޓުގެ ސިއްރުކަން އަމިއްލައަށް ގެއްލުވާލައިފި ނަމަ އެ ވޯޓާ މެދު އަމަލުކުރާނެ ގޮތެއް ޝަރީއަތުން ނިންމައި ދިނުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހައި ކޯޓުގައި އެދެފި އެވެ. އެ ކޮމިޝަނުން އެގޮތަށް އެދުނީ ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ އިންތިޚާބު ބާތިލްކޮށް ދިނުމަށް އެދި އެމްޑީޕީން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގަ އެވެ. އިސްދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރަން ހުށަހަޅާފައިވާ ސަބަބުތަކުގެ ތެރޭގައި ވޯޓު ކަރުދާސްތަކުގައި އެކި ބާވަތުގެ ނިޝާންތައް ޖަހައި، ވޯޓުގެ ސިއްރުކަން ގެއްލުވާލުން ވެސް ހިމެނެ އެވެ. އެމްޑީޕީން ތުހުމަތުކޮށްފައިވާ ގޮތުގައި އެކަން ކޮށްފައިވަނީ އެ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވި އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަހުމަދު ރަޝީދު އިބްރާހިމްގެ ފަރާތުން ބިރު ދައްކައިގެންނެވެ. އެކަމާ ގުޅިގެން ޝަރީއަތުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސްގެ ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ ވޯޓުގެ ސިއްރުކަން ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން ކޮށްފައިވާ ކަމަށެވެ. ނަމަވެސް ވޯޓުލާ މީހާއަށް ވޯޓުގެ ސިއްރުކަން ގެއްލުވާލެވިދާނެ ކަމަށާއި އެގޮތުން ވޯޓުލާ ނިމުމަށްފަހު އެހެން މީހުން ކައިރީގައި ބުނުން ފަދަ ކަންތައްތައް ކުރެވިދާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ. އެހެންކަމުން އެފަދަ ވޯޓުތަކާ މެދު އަމަލުކުރަންޖެހޭ ގޮތެއް ޝަރީއަތުން ނިންމައި ދިނުމަށް އެދޭ ކަމަށް ސުއޫދު ވިދާޅުވި އެވެ. ވޯޓުގެ ސިއްރުކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކޮމިޝަނުން އަޅަންޖެހޭ ކަމަށާއި ވޯޓުގެ ސިއްރުކަން ގެއްލޭފަދަ އެއްވެސް މާއްދާއެއް ގަވާއިދުގައި ހިމެނިފައިވާ ނަމަ އެކަން ކޮމިޝަނުން އިސްލާހު ކުރަންޖެހޭނެ ކަމަށް މިދިޔަ މަހު ހައި ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. އެކަން އެމްޑީޕީގެ ފަރާތުން ވެސް މިއަދު ވަނީ ހައި ކޯޓުގައި ފާހަގަކޮށްފަ އެވެ. އެކަމާ މެދު ސުއޫދު ވިދާޅުވީ އެގޮތަށް ކޯޓުން ކަނޑައެޅީ މަޖިލިސް އިންތިޚާބު ބާއްވަން ދެތިން ދުވަހަށް ވެފައި އޮއްވާ ކަމަށާއި ގަވާއިދު އާންމު ކުރުމަށްފަހު އެއަށް އިސްލާހު ނުގެނެވޭނެ ކަމަށެވެ. ގަވާއިދު އާންމު ކުރުމަށްފަހު އިސްލާހު ނުކުރެވޭނެ ކަމަށް ބުނަނީ ގާނޫނީ ކޮން ހަމައަކާ ހަވާލާދީތޯ، ސުއޫދު އެގޮތަށް ވިދާޅުވުމުން ބެންޗުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ސުއޫދު ވިދާޅުވީ އެގޮތަށް ބުނާ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށާއި ނަމަވެސް އެއީ އެންމެ ހަމަޖެހޭ އުސޫލެއް ކަމަށް ކޮމިޝަނުން ނުދެކޭ ކަމަށެވެ. އެ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވި އަހުމަދު ރަޝީދު އިބްރާހިމް ވެސް ވަނީ އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވެފަ އެވެ. އޭނާގެ ވަކީލް އާދަމް ޝަމީމް ވިދާޅުވީ ވޯޓުގެ ސިއްރުކަން ގެއްލުވާލުމަށް ކޮމިޝަނުން އެއްވެސް ކަމެއް ކުރި ކަމަށް ދައުވާގައި ބުނެފައިވާ ނުވާ ކަމަށެވެ. އަދި ވޯޓުލާ މީހުން ވޯޓުގެ ސިއްރުކަން ގެއްލުވާލުމުން އިންތިޚާބު ބާތިލްކުރާ ނަމަ ރާއްޖޭގައި އެއްވެސް އިންތިޚާބެއް ބޭއްވިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެމްޑީޕީގެ ދައުވާގައިވާ ގޮތުން 200 ވަރަކަށް ވޯޓުގައި އެކި ބާވަތުގެ ނިޝާންތައް ޖަހާފައިވެ އެވެ. އަދި ރަޝީދުގެ ފަރާތުން ތިބި މަންދޫބުންނަށް ވޯޓު ކަރުދާސް ދެއްކުމުގެ ކަންތައްތަކެއް ވެސް ވޯޓުލާ ސަރަހައްދުގައި ހިންގާފައިވާ ކަމަށް އެމްޑީޕީގެ ދައުވާގައިވެ އެވެ. އެ ދައުވާގައިވާ ގޮތުން އެކަން އެގޮތަށް ކޮށްފައިވަނީ ވަޒީފާއިން ވަކިކުރާނެކަމުގެ ބިރު ސަރުކާރުގެ މުވައްޒަފުންނަށް ދައްކައިގެންނާއި ރިޝްވަތު ދީގެންނެވެ. އެކަންކަން ސާބިތުކޮށް ދިނުމަށް ފަސް ހެކިވެރިއެއްގެ ނަމާއި ފޮޓޯތަކެއް ޝަރީއަތަށް ހުށަހެޅި އެވެ. ހެކިވެރިންގެ ތެރޭގައި އެ ދާއިރާގެ އިންތިޚާބުގައި ހަރަކާތްތެރިވި ހަތަރު މޮނީޓަރަކާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އޮބްޒާވަރެއް ހިމެނެ އެވެ. ނަމަވެސް އެމްޑީޕީގެ ދައުވާގައިވާ ކަންކަމަށް ރަޝީދުގެ ފަރާތުން އިންކާރުކުރި އެވެ. އަދި އެކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ރަޝީދުގެ ވަކީލް މިއަދުގެ އަޑުއެހުމުގައި ވިދާޅުވި އެވެ. އެމްޑީޕީގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފް ވިދާޅުވީ ވޯޓުގައި ނިޝާނެއް ޖަހާފައި އޮތުމަކީ އޭގެ ޒާތުގައި ވޯޓު ބާތިލްވާންޖެހޭނެ ސަބަބެއް ނޫން ކަމަށް ވިޔަސް އޭގެ ފަހަތުގައިވާ ކަންތައްތަކަށް ބަލާއިރު އެއީ ވޯޓުގެ ސިއްރުކަން ގެއްލޭ ކަމެއް ކަމަށެވެ. އެފަދަ ވޯޓުތަކުގެ މައްސަލަތައް އިލެކްޝަންސް ކޮމިޝަނަށް ނުވަތަ އެހެން އެއްވެސް ފަރާތަށް ހުށަހެޅިންތޯ ބެންޗުން އެމްޑީޕީއާ ސުވާލު ކުރެއްވުމުން، އެފަދަ އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާ ކަމަށް އެ ޕާޓީގެ ފަރާތުން ކޯޓަށް ހާޒިރުވި މަހްފޫޒް ސައީދު ވެސް ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ވަކީލް ހަސަން ވިދާޅުވީ ޝަރީއަތަށް ދިއުމުގެ ކުރިން އެ މައްސަލަ ކޮމިޝަނަށް ހުށަހެޅުން ލާޒިމް ނޫން ކަމަށެވެ. މިއަދުގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރުން ބެންޗުން ވިދާޅުވީ ހެކިން ހާޒިރުކުރަންޖެހޭ ކަމަށް ފެނިއްޖެ ނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށާއި ނޫންނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. ބެންޗުގެ ރިޔާސަތު ފަނޑިޔާރު އަބްދުﷲ ހަމީދު ބަލަހައްޓަވާއިރު ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު ޔޫސުފް ހުސައިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ